ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް) އާ ގުޅިގެން ކުރެވޭ ކޮރަޕްޝަން ތުހުމަތުތަކާ ގުޅޭ މައްސަލަތައް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަން ފެށުމުން، އެއަށްވުރެ ފުޅާ ދާއިރާއެއްގައި ފުލުހުންގެ ވެލްފެއާ ކުންފުނި ކަމަށްވާ ޕޮލްކޯ އިން، ކޮރަޕްޝަން ހިންގާފައިވާ ކަމުގެ މައުލޫމާތު، ފުލުހުންގެ ވަޒީފާގައި ހުރި ވިސްލްބްލޯވަރަކު މަޖިލިސް އިދާރާއާ ހިއްސާކޮށްފައިވާ ކަމަށް މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ފުލެޓާ ގުޅޭ ކޮރަޕްޝަންގެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަަލަމުންދާ އިރު، އެ މައްސަލައާ ގުޅޭ އިތުރު ތަހުގީގުތައް ކުރުމަށް ވަނީ ސަބް ކޮމިޓީއެެއް ނަގައިފައެވެ.
އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މުގައްރިރު، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ފްލެޓް މައްސަލައިގެ އިތުރުން، މުދަލާއި ހިދުމަތް ހޯދުމުގައި، ޕޮލްކޯ ތެރޭގައި ފުޅާދާއިރާއެއްގައި ކޮރަޕްޝަން ހިންގާކަމުގެ މައުލޫމާތު އެ ފަރާތުން ހިއްސާކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި މައްސަލަ ބަލަން ފެށުމާއެކު މަޖިލީހުގެ އީމެއިލަށް، މޯލްޑިވްސް ޕޮލިސް ސާވިސްގެ ވަޒީފާގައި ހުންނެވި ވިސްލްބްލޯވަރެއްގެ ފަރާތުން، ފޮނުވާފައިވޭ، ހަމައެކަނި މި ހައުސިން ކަންތައް ނޫން ކަމަށް ޕޮލްކޯގެ ފަރާތުން ކޮރަަޕްޝަންގެ އަމަލުތައް ހިންގާފައިވަނީ. އެއަށްވުރެ މާ ފުޅާކޮށް، މުދަލާއި ހިދުމަތް ހޯދުމުގައި، ޕޮލްކޯ ތެރޭގައި ކޮރަޕްޝަން ހިނގަމުންދާ ކަމަށް،" އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، އޭނާ ފޮނުވި މައުލޫމާތުގައި ހަވާލާދީފައިވާ އެއް ރިޕޯޓަކީ އޭރުގެ ޕޮލިސް ކޮމިޝަނަރު، މުހައްމަދު ހަމީދަށް ފޮނުވި ރިޕޯޓެއް ކަމަށެވެ. ނަމަވެސް އެ ރިޕޯޓާ ގުޅިގެން ހަމީދު ފިޔަވަޅު އަޅުއްވާފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ފުލުުހުންގެ ފުލެޓާ ބެހޭ ކޮރަޕްޝަންގެ ބޮޑު މައްސަލައެއް ފެންމަތިވެފައިވާ އިރު، އެކަމާބެހޭ އޮޑިޓު ރިޕޯޓުގައި ބުނަނީ ފުލެޓުތަކަށް 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެއީ 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށެވެ.
ފުލެޓު އިމާރާކުރުމަށް 480 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށް، ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ތުހުމަތުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު