ފޭކު ކުންފުންޏެއްގެ ނަމުގައި އޮޅުވާލައިގެން މުދާ ހޯދި މައްސަލައެއްގެ ތުހުމަތުވި ގ. ސިނަމާލެ، 1 31-50 ޒައިދާން މުހައްމަދު ހާޝިމް (25އ) ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ޒައިދާން ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، އޭނާ ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާތީ ކަމަށެވެ.
ސިވިލް ކޯޓަށް، އޭނާއާ ދެކޮޅަށް ހުށަހަޅައިފައިވަނީ ހުކުމް ތަންފީޒްކުރުމުގެ މައްސަލައެއް ކަމަށް ފުލުހުން ބުންޏެވެ. ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް އަމަރުކޮށްފައިވަނީ ޒައިދާން ބަންދުގައި ބަހައްޓައިގެން އަންނަ ބުރާސްފަތި ދުވަހުގެ 10:30 ކޯޓަށް ހާޒިރުކޮށްދިނުމަށް ކަމަށް ފުލުހުން ބުންޏެވެ.
"ޒައިދާން މުހައްމަދު ހާޝިމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ." ފުލުހުން ބުންޏެވެ.
ޒައިދާންއަކީ މީގެ ކުރިން ފޭކު ކުންފުންޏެއްގެ ނަމުގައި އޮޅުވާލައިގެން މުދާ ހޯދި މައްސަލައެއްގައި މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެކެވެ. އެ މައްސަލައާ ގުޅިގެން އޭނާ 15 ދުވަހަށް ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން ވަނީ 2022 އެޕްރީލް 02 ގައި އަމުރުކޮށްފައެވެ. ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ހާޝިމްގެ ފައިސާ ދިނުމަށްފަހު މުދާ ލިބިފައިނުވާ ފަރާތްތަކުން އެކަން ރިޕޯޓް ކުރުމަށް ވެސް އެދިފައެވެ.
ހާޝިމްއަކީ މީގެ ކުރިން ވެސް މަކަރާއި ހީލަތް ހެދުމުގެ ކުށްތަކުގެ ރިކޯޑު އޮންނަ މީހެކެވެ. އޭނާ ބަންދުކުރުމަށް ފުލުހުން ކޯޓަށް ހުށަހެޅި ހެކީގެ ތެރޭގައި އޭނާ ކޮށްފައިވާ މުއާމަލާތްތަކާ ގުޅޭ ރިސިޓްތަކާއި ބޭންކް އެކައުންޓް ސްޓޭޓްމަންޓްތަކާއި އޮޅުވާލައިގެން މުދާ ހޯދުމަށް ބޭނުން ކުރި ކަމަށް ތުހުމަތުކުރެވޭ ބޭންކް ސްލިޕްތަކާއި ކޯޓޭޝަނާއި އަދި އިންވޮއިސްތައް ވެސް ހިމެނެއެވެ.
ފުލުހުން ކޯޓުގައި ބުނެފައިވަނީ ހުޅުމާލޭގައި ހުންނަ ހާޑްވެއާ ފިހާރައެއް ކަމަށްވާ "ހޯމްވޯކް" އިން، ހާޝިމް ބޮޑެތި އަދަދުތަކުން ގަނެވިއްކުމުގެ މުއާމަލާތް ކޮށްފައިވާ އިރު، އެ މުދަލުގެ އަގަށް ވަގުތުން ފައިސާ ދޭން ޖެހޭއިރު، އޭނާގެ ނަމުގައި އާއި އޭނާގެ ކުންފުނީގެ ނަމުގައިވާ އެއްވެސް އެކައުންޓެއްގައި އެ މިންވަރަށް ފައިސާ ނެތް ކަމަށެވެ.
އޭނާއާ ދެކޮޅަށް ފުލުހުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ހޯމްވޯކް ފިހާރަ އިން އޮޅުވާލައިގެން ނެގި ކަމަށް ބެލެވޭ ފްލައިވުޑް ފިލާތަކެއް ވިއްކާލި ކަމަށް ބެލެވޭ މުއާމަލާތްތަކުގެ ކޮޕީއެއް ހިމެނެއެވެ. ފިލާތައް ގަންނަން މުއާމަލާތްކޮށްފައި ވަނީ އަގު އަދާކުރެވޭ ގޮތެއް ނެތި ކަމަށާއި ފަހުން އަގު އަދާކުރުމަށް އެއްބަސްވުމެއް ވެސް ނެތް ކަމަށެވެ. އަދި އޭނާ އެ މުއާމަލާތްތައް ކޮށްފައި ވަނީ ކުށްކުރުމުގެ ނިޔަތުގައި ކަމަށް ވެސް ފުލުހުން ހެކި ހުށަހަޅަމުން ބުނެފައިވެއެވެ.
މީގެ އިތުރުން ހާޝިމް ކުރި އަމަލުގައި އަނިޔާވެރިކަން ހިމެނިފައި ނުވިޔަސް، އޭނާ އަކީ އެކި އުކުޅުތައް ބޭނުންކޮށްގެން އޮޅުވާލައިގެން، ތަކުރާރުކޮށް މަކަރާއި ހީލަތް ހަދާ މީހެއް ކަމަށް ބެލެވޭތީ އޭނާ ދޫކޮށްލައިފިނަމަ އޭނާގެ ސަބަބުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ދައުލަތް ތަމްސީލު ކުރައްވާ ވަކީލު ވިދާޅުވެފައިވަނީ ހާޝިމްއަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު މައްސަލައަކަށް ވާއިރު، އިތުރު ފަރާތެއް އެފަދަ ކުށެއްގެ ޝިކާރައަކަށް ވިޔަ ނުދިނުމަށް އޭނާ ބަންދުގައި ބަހައްޓައިދިނުމަށް އެދޭ ކަމަށެވެ. އަދި އެ މައްސަލައިގައި އޭނާ ބަދަލު ދޭންޖެހޭ އެއްވެސް ފަރާތަކަށް މިހާތަނަށް ބަދަލު ދީފައިވެސް ނުވާ ކަމަށް ވިދާޅުވެފައިވެއެވެ.
ދިފާއުގައި ވާހަކަ ދައްކަމުން ހާޝިމް ބުނެފައިވަނީ އޭނާ ބަންދުނުކޮށް ދޫކޮށްލައިފި ނަމަ، އެއް މަސް ދުވަހުގެ ތެރޭގައި އޭނާ ދައްކަން ޖެހޭ ފައިސާ ދައްކައި ހަލާސްކުރާނެ ކަމަށެވެ. އެއީ މަދަނީ މުއާމަލާތުތަކެއް ހިމެނޭ މައްސަލައެއް ކަމުން، އޭނާ ބަންދު ކޮށްފިނަމަ، ފައިސާ ނުދެއްކި އިތުރަށް ލަސްވާނެ ކަމަށެވެ. އެހެންވެ ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު