ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި މިހާތަނަށް ކ. ކާށިދޫން ދައްކަމުން އަންނަ ތަފާތަކީ ދަނޑުމަތީގައި ކުޅުންތެރިން ކުރާ މަސައްކަތް ކަމަށާއި، ތިން ފަހަރުގެ ޗެމްޕިއަން ތ. ތިމަރަފުށި ކަޓުވާލުމުންވެސް ފެނުނީ އެ މަންޒަރު ކަމަށް ކޯޗު އަލީ ހައިސަމް (ޗުމްޕު) ބުނެފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގަދަ 16 ގެ ހުރިހާ މެޗެއް ރޭ ރެހެންދި ދަނޑުތަކުގައި ކުރިއަށް ގޮސްފައިވާ އިރު، އެންމެ ހައިރާން ކުރުވަނިވި އެއް ނަތީޖާއަކީ ކާށިދޫން ތ. ތިމަރަފުށި ބަލިކުރުމެވެ.

މިފަހަރު އަތޮޅު ބުރުގައި ކ. ގާފަރުވެސް ކަޓުވާލި ކާށިދޫން ރޭ ތިމަރަފުށި ބަލިކުރީ ޕެނަލްޓީގައެވެ. ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 އިން މެޗު އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ކާށިދޫން މުބާރާތުގެ ތިންފަހަރު ޗެމްޕިއަން ތިމަރަފުށި ކަޓުވާލީ 6-5 ގެނަތީޖާއަކުންނެވެ.

"ވަރަށް އުފާވެއްޖެ އަސްލު. ހުރިހާވެސް އެއްޗަކީ ޓީމުގެ ކުޅުންތެރިން ދަނޑުމަތީގައި ކުރާ މަސައްކަތް. ހަގީގަތުގައި ޗެމްޕިއަނެއް ބަލިކުރެވޭނީ ވަރަށް މަސައްކަތް ކޮށްގެން. އެކަން ފެނިގެން މިދިޔައީވެސް. މިހިސާބަށް އައިއިރު ތަށްޓެއް ނުލިބި އޮތަސް، ކުޅުންތެރިންގެ މޯޓިވޭޝަނެއް ނުވެއްޓޭ. ފައިނަލެއްގައި ބަލިވިޔަސް ކުޅުންތެރިން ވިސްނުން މި ހުންނަނީ ފަހަރަކު މެޗެއް ނަގައިގެން ކުރިއަށްދާން،" މެޗަށްފަހު ޗުމްޕު ބުންޏެވެ.

ޗުމްޕު ބުނީ އަތޮޅު ފައިނަލާއި ޒޯން ފައިނަލުން ބަލިވެގެން ކުއާޓާއާ ހަމައަށް އާދެވުނު އިރު، އެ ފައިނަލްތަކުން ބަލިވުމުގެ މާޔޫސްކަން ޓީމުން ނުފެންނަ ކަމަށާއި، ކުޅުންތެރިން ބޭނުންވަނީ އަބަދުވެސް ކުރިއަށް ދެވެން އޮތް ގޮތަކުން ކުރިއަށް ދިޔުން ކަމަށެވެ.

ކާށިދޫން މިފަހަރު އަތޮޅު ފައިނަލުގައި ބަލިވީ މާފުށި ކައިރިންނެވެ. އެހެން ނަމަވެސް ޒޯންގައި މާފުށި ކައިރިން ކާށިދޫ ބަދަލު ހިފާފައިވާ އިރު، ޒޯން ފައިނަލުގައި ޗެމްޕިއަން އޭދަފުށި ކައިރިން ކާށިދޫ ބަލިވީ ޕެނަލްޓީގައެވެ. އެ ނަތީޖާތަކަށް ބަލައި، ޗުމްޕުއަށް ޓީމާ ދޭތެރޭ އިތުބާރު ބޮޑެވެ.

"މިހާރު ފެނުނު ނަތީޖާތަކުން އަސްލު ބަލި ނުކުރެވޭނޭ ބުނާނެ ޓީމެއް އެހެން ނެތް. އެހެންވިޔަސް ދެން އޮންނާނީ ހުސް ވަރުގަދަ ޓީމުތައް. އެހެންވީމަ ދެން އޮތް މެޗަށް މިހިސާބުން ވިސްނައިގެން، އެ މެޗު ނަގަން ދެން ނުކުންނާނީ. ހަމަ އެމެޗަށް ދެން ފޯކަސް ކުރާނީ،" ޗުމްޕު ބުންޏެވެ.

ކާށިދޫން ކުއާޓާގައި ނުކުންނާނީ ވިލިމާލެއާ ދެކޮޅަށެވެ. އެމެޗު އޮންނާނީ އަންގާރު ދުވަހުގެ ރޭ 9:40 ގައެވެ.