އއ. މަތިވެރިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކުއާޓާ ފައިނަލް ޔަގީންކުރީ ރޭގައެވެ. ރޭ އެޓީމުން ވަނީ ވަރުގަދަ ދ. ކުޑަހުވަދޫ ކައިރިން ޕެނަލްޓީގައި މޮޅުވެފައެވެ. އެ މޮޅަކީ އެ ޓީމަށް އާދައިގެ މޮޅަކަށް ނުވާނެކަން ޔަގީނެވެ.
މެޗުގެ ބޮޑު ބައެއްގައި މަތިވެރި އޮތީ "ބެކް ފުޓް"ގައެވެ. ހާއްސަކޮށް ދެވަނަ ހާފު ފެށިތަނުން ކުޑަހުވަދޫ ފުލުފުލުގައި ޖެހި ދެ ގޯލާއެކު، މަތިވެރިން ބަލިވާން ދިޔައީ ދެ ގޯލުގެ ފަރަގަކުންނެވެ. އެ ހާލަތު ބަދަލުކޮށްލި ގޭމް ޗޭންޖާއަކީ ތަޖުރިބާކާރު ކީޕަރު މުހައްމަދު އިމްރާނެވެ. އިމްރާން ދަނޑަށް ނުކުމެ، ޕަވާ ޕްލޭގައި ކުރިއަށް ޖެހި އެޓޭކް ކުރުމުގެ ތެރޭގައި ގޯލުވެސް ޖެހިއެވެ. އަދި އެއްވަރުކުރުމަށް މުހިއްމު ދައުރެއް އަދާކޮށް، ޕެނަލްޓީގައި ދެ ޕެނަލްޓީވެސް މަތަކުރިއެވެ.
"އަސްލު މިއީ ހަމަ ކޯޗުގެ ތަފާތު. ކޯޗަށް މިކަމުގައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވޭ. ކޯޗުގެ ޕްލޭން މި އިންނަނީ އެހެން ކޯޗުންނާ ވަރަށް އާދަޔާހިލާފު ގޮތަކަށް. ކޯޗު ބުނާ ގޮތް ހަދައިގެން މި ނަތީޖާ އަނބުރާލެވުނީ،" އިމްރާން ފުރަތަމަވެސް ބުންޏެވެ.
ކުރިން ގައުމީ ސީނިއާ ފުޓުބޯޅަ ޓީމުގެ ގޯލު ބެލެހެއްޓި އިމްރާނަކީ ގައުމީ ފެންވަރުގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ކީޕަރެކެވެ. އެހެން ނަމަވެސް، ރަށު ޓީމާއެކު ގޯލްޑަން ފުޓްސަލް ޗެލެންޖަށް ފުރަތަމަ ނުކުމެވެސް އޭނާ ތަފާތު ދެއްކީ ފޯވަޑެއްގެ ގޮތުގައެވެ. އެގޮތުން 2022 ވަނަ އަހަރު އިމްރާން ވަނީ މަތިވެރިއާއެކު އަތޮޅު ތަށި ހޯދައި، އަތޮޅުގެ ޓޮޕް ސްކޯރާގެ މަގާމުވެސް ހޯދައިފައެވެ. އެއީ 2018 ވަނަ އަހަރު ފުޓުބޯޅަ ދޫކޮށްލައި، ރަށަށް ބަދަލުވިފަހުން އޭނާ ފެނިގެންދިޔަ އެންމެ ތަފާތު ރޯލެވެ.
ފުޓްސަލް ކުޅުމުގައި ގޯލު ޖެހުމަށް ކާމިޔާބު ކުޅުންތެރިއެއްގެ ގޮތުގައި އިމްރާން ފެނިގެން ގޮސްފައިވާ އިރު، މިދިޔަ އަހަރު ކުއާޓާ ފައިނަލުގައި ލ. ގަން ކޮޅަށްވެސް މަތިވެރީގެ ކީޕަރު އިމްރާން ގޯލު ޖެހިއެވެ. ކަން ދިމާކުރި ގޮތުން، އެފަހަރު ޕެނަލްޓީން މަތިވެރި ކެޓީއެވެ.
"ޕްރެކްޓިހުގައި ބައިވެރިވެސް ނުވެވޭ އަސްލު މިހާރު. އެކަމަކުވެސް އަބަދުވެސް އިންނާނެ ތަންކޮޅެއް. އެއީ ކުޅެން އަރުވައިފިއްޔާ އަބަދުވެސް 200 ޕަސެންޓް ދޭނަން. އެހެންވިޔަސް ޕްރެކްޓިހުގައި ބައިވެރިވެގެން ކުޅެން އަރައިފިއްޔާ ބޮޑު ތަނުން ތަފާތު ދެއްކޭނެ،" އިމްރާން ރޭގެ މެޗަށްފަހު ބުންޏެވެ.
އިމްރާން ބުނީ ރޭގެ އެ ހާލަތަކީ ކުރިއާލައި ވިސްނައިގެން ހުރި ހާލަތެއް ކަމަށާއި، އެ ހާލަތަށް މެޗަށް ނުކުމެ، ތަފާތު ދެއްކުނީ ޔަގީންކަމާއެކުގައި ހުރެގެން ކަމަށެވެ.
"ކޮންމެ މެޗެއްގައިވެސް ކޯޗު ބޭނުންކުރާ ގަޑީގައި 100 ދެވޭނެކަމަށް ޔަގީންކަން އޮވޭ. އަދި އަރުވައިފިއްޔާ ޓީމަށް ފައިދާ ކުރާނެ ކޮންމެވެސް ކަމެއް ކުރާނަމޭ އަބަދުވެސް ހިތުގައި އޮވޭ. މިރޭވެސް މެޗު ފެށުމުގެ ކުރިން ކޯޗު އޮތީ ބުނެފަ އެ ހާލަތު އައިސްދާނެ ކަމަށް. އެހެން ބުނިއިރުން ފެށިގެންވެސް ވިސްނުމުގައި އޮތީ އިދިކޮޅު ޓީމުން ކިތަންމެ ބޮޑު ލީޑެއްގައި އޮތަސް، ކުޅެން އަރައި އެ ތަފާތު ދައްކާނަމޭ. އިރާދަކުރެއްވިއްޔާ ކާމިޔާބުވެގެން މި ނިމުނީ،" އިމްރާން ބުންޏެވެ.
އިމްރާން ބުނީ މަތިވެރިއަށް މިދިޔަ އަހަރު ކާމިޔާބީއާ އަރާ ހަމަކުރެވުމާއެކު، ދެން ބޭނުންވަނީ އިތުރު ހަރުފަތެއް ކުރިއަށް ޖައްސާލަން ކަމަށާއި، އެ ހަރުފަތް ގިރާކޮށްފިނަމަ، ފައިނަލާ ހަމައަށް ދެވިދާނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
މަތިވެރިން ކުއާޓާގައި ނުކުންނަން ޖެހޭނީ ގދ. ވާދުއާ ދެކޮޅަށެވެ. އެމެޗު އޮންނާނީ އަންގާރަ ދުވަހުގެ ރޭ 9:40 ގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް