ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ރަށުން ބޭރުގައި އޮސަސޫނާ ކައިރން އެއްވަރުވެއްޖެއެވެ.

ރޭ ރެއާލުން 1-1 އިން އެއްވަރުވުމާއެކު ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގަން އެޓީމަށް ލިބުނު ފުރުސަތު ވަނީ ބޭކާރުވެގެން ގޮސްފައެވެ. މިހާތަނަށް ކުޅުނު 24 މެޗުގައި ރެއާލުން 51 ޕޮއިންޓް ހޯދައިގެން އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 24 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ.

ތިންވަނައިގައި މިވަގުތު އޮތް ބާސެލޯނާއށް 23 މެޗުން 48 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އަތުގައި އޮތް މެޗުން މޮޅުވެ، ފައިދާ ގޯލުގެ ތަފާތުން ރެއާލަށްވުރެ ކުރިއަށް ޖެހިލަން ފުރުސަތު އެބައޮތެވެ.

ރޭގެ މެޗު ފެށިގެން މާގިނައިރެއް ނުވެ، 15 ވަނަ މިނެޓުގައި ރެއާލުން ވަނީ ލީޑު ނަގައިފައެވެ. ފެޑެރީކޯ ވަލްވާޑޭގެ ހުރަހަށް އަރަައި ބޯޅަ ގޯލަށް ވައްދާލައިގެން ރެެއާލަށް ލީޑު ނަގައިދިނީ ކިލިއަން އެމްބާޕޭއެވެ. އެއީ އޭނާ މި ސީޒަނުގެ ލީގުގައި ޖެހި 17 ވަނަ ގޯލެވެ.

މެޗު ރެއާލަށް އުނދަގޫވީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޖޫޑް ބެލިންހަމްއަށް ދެއްކި ރަރް ކާޑާއެކުގައެވެ. މެޗުގެ 39 ވަނަ މިނެޓުގައި ބެލިންހަމްއަށް ރެފްރީ ޖޯސޭ ލުއިސް މުނުއޭރާ ރަތް ކާޑު ދެއްކީ، ރެފްރީއާ ދިމާލަށް ބޭއަދަބީ ބަސްތަކުން މުހާތަބު ކުރުމުން ކަމަށް ބުނެއެވެ.

ދެވަނަ ހާފަށް ނުކުމެ ލިބުނު ޕެނަލްޓީގައި އޮސަސޫނާ މެޗު އެއްވަރުކުރި އިރު، އެޓީމަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެންޓޭ ބުޑިމީރެވެ.

ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ބެލިންހަމް ބުނީ ރެފްރީއާ ދިމާލަށް އޭނާ އެއްވެސް ނުބައި އެއްޗެއް ކިޔާފައި ނުވާނެ ކަމަށާއި، އޭނާ ރެފްރީއަށް ޝަކުވާވެސް ނުކުރާ ކަމަށެވެ. އަދި ރެފްރީއަށް ނިސްބަތްކޮށްވެސް އެއްވެސް އެއްޗެކޭ ބުނެފައި ނުވާނެކަމަށް ބެލިންހަމް ބުނެފައިވާ އިރު، އޭނާ ބުނީ އޭނާ ފުރުސަތު ގެއްލުމުން މާޔޫސްވެ، ބަހެއް ބުނީ އަމިއްލަ ނަފުސަށް ކަމަށެވެ.