އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި މެންޗެސްޓާ ސިޓީންވެސް މޮޅުވެއްޖެއެވެ.
އާސެނަލުން ރޭ ރަށުން ބޭރުގައި ލެސްޓާ ސިޓީ ކައިރިން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި ސިޓީން ނިއުކާސަލް ކައިރިން ރޭ އަމިއްލަ ދަނޑުގައި މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.
އާސެނަލުން ރޭ ހޯދި މޮޅާއެކު އެޓީމަށް ވަނީ ތަށީގެ ރޭހުގައި އުންމީދެއް ހޯދިފައެވެ. މިހާތަނަށް ކުޅުނު 25 މެޗުން އެޓީމަށް 53 ޕޮއިންޓް ލިބިފައިވާ އިރު، އެއްވަނައިގައި އޮތް ލިވަޕޫލަށް 24 މެޗުން ލިބިފައި ވަނީ 57 ޕޮއިންޓެވެ.
ސިޓީން ވަނީ މޮޅާއެކު ހަތަރު ވަނައަށް ޖެހިލައިފައެވެ. މި ހަފުތާގެ މެޗުތައް ފެށިއިރު ހަތަރު ވަނައިގައި އޮތީ ޗެލްސީ ނަމަވެސް އެޓީމު ހަވަނައަށް ސޮއްސާލީ ބޯންމައުތުންވެސް މޮޅެއް ހޯދުމުންނެވެ. ސިޓީއަށް 25 މެޗުން 44 ޕޮއިންޓް ލިބިފައިވާ އިރު، ބޯންމައުތާއި ޗެލްސީއަށް 25 މެޗުން ލިބިފައި ވަނީ 43 ޕޮއިންޓެވެ. އެ ދެޓީމުގެ ފަރަގަކީ ފައިދާ ގޯލުގެ ފަރަގެވެ.
ފޯވަޑުންގެ އަނިޔާގެ މައްސަލަތައް ބޮޑުވެފައި އޮތް އާސެނަލުން މެޗުގެ ފަހުކޮޅާ ޖެހެންދެން ލެސްޓާގެ ގޯލް ފޫއަޅުވާލަން ކުރި މަސައްކަތް ކާމިޔާބުވީ، 81 ވަނަ މިނެޓުގައެވެ. މިކޭލް މެރީނޯ ޖެހި އެ ގޯލާއެކު އާސެނަލް ހަމަޖެހިލި އިރު، އެޓީމުން މެޗުން ތިން ޕޮއިންޓް ޔަގީންކުރީ މެރީނޯގެ އިތުރު ގޯލަކާއެކުގައެވެ.
ދެވަނަ ހާފުގައި އާސެނަލަށް މޮޅަށް ކުޅުނު އީތަން ވަނޭރީގެ ދެ ހަމަލާއެއް ދަނޑިއަށް އަމާޒުވެފައިވާ އިރު، ފުރަތަމަ ގޯލަށް އެސިސްޓް ކޮށްދިނީވެސް އޭނާއެވެ.
ސިޓީން ރޭ ކުޅުނު މެޗުގައި އެޓީމުގެ ތަރިއަކީ މިސްރުގެ އޮމަރް މަރްމޫޝްއެވެ. މިދިޔަ ޖެނުއަރީ މަހު ސިޓީއަށް ގެންދިޔަ ފޯވަޑް މަރްމޫޝް ގެންދަން ސިޓީ ފިޔަވާ އިތުުރު ބައެއް ބޮޑެތި ކްލަބުތަކުންވެސް މަސައްކަތް ކޮށްފައިވާ އިރު، އޭނާ ސިޓީއަށް ގެންދިޔައީ 59 މިލިއަން ޕައުންޑަށެވެ. އެއީ އެއިންޓްރެޗް ފްރެންކްފާޓުންނެވެ.
އެންމެ ފުރަތަމަ ސިޓީއަށް ކުޅުނު ހަތަރު މެޗުގައި މަރްމޫޝްގެ ގޯލެއް ނުފެނި އޮތް ނަމަވެސް، ރޭ ކުޅުނު މެޗުގެ 19 ވަނަ މިނެޓުގައި އޭނާ ފުރަތަމަ ގޯލު ޖެހިއެވެ. އެ ގޯލަށް މާ ގިނައިރެއް ނުވެ، 24 ވަނަ މިނެޓުގައި އިލްކާއީ ގުންޑޮގަން ތަނަވަސްކުރި ފުރުސަތަކުން މަރްމޫޝް ދެވަނަ ގޯލެއް ޖެހި އިރު، އޭނާ ވަނީ 33 ވަނަ މިނެޓުގައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
މަރްމޫޝް ހެޓްރިކް ފުރިހަމަ ކުރީ ފުރަތަމަ ގޯލަށް 13 މިނެޓާއި 54 ސިކުންތު ހިނގިތަނުންނެވެ. އެއީ ސިޓީ ކުޅުންތެރިޔަކު ހެދި އެންމެ އަވަސް ފަސް ހެޓްރިކްގެ ތެރެއިން އެއް ހެޓްރިކެވެ. ސިޓީއަށް އެންމެ އަވަސް ގޯލުތަކަކުން ހެޓްރިކެއް ފުރިހަމަކޮށްދީފައި ވަނީ ސާޖިއޯ އަގުއޭރޯއެވެ. އެއީ ނުވަ މިނެޓުން 2015 ވަނަ އަހަރު ހެދި ހެޓްރިކެވެ.
މަރްމޫޝްގެ ތަފާތާއެކު ސިޓީން ބޮޑު ލީޑެއްގައި އޮތް މެޗުގައި އެޓީމުގެ ހަތަރު ވަނަ ގޯލު ޖަހައިދިނީ ޖޭމްސް މެކަތީއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު