ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކުއާޓާ ފައިނަލުން އދ. މަހިބަދޫއާއި ހދ. ނައިވާދޫންވެސް ޖާގަ ހޯދައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގަދަ 16 ގެ ހުރިހާ މެޗެއް ރޭ ރެހެންދި ދަނޑުތަކުގައި ކުރިއަށް ގޮސްފައިވާ އިރު، މަހިބަދޫން އެރަށުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގަދަ 16 ގައި ކުޅެ، ކުއާޓާ ޔަގީންކުރީ އަލަށް ގަދަ 16 ގައި ކުޅުނު ފ. ދަރަނބޫދޫ ކައިރިން 5-3 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މެޗު ވާދަވެރިކޮށް ފެނިގެން ގޮސްފައިވާ އިރު، ދަނރަބޫދޫން ދިޔައީ ހިތްވަރާއެކު މަހިބަދޫ ކައިރިން މަސައްކަތް ކުރަމުންނެވެ. ފުރަތަމަ އަބްދުﷲ މިދުހަތު ފަހުމީ ގޯލެއް ޖެހިތާ މާ ގިނައިރެއް ނުވަނީސް ދަރަނބޫދޫގެ ސާޖިދު އަހުމަދު އިބްރާހީމް ގޯލު ޖަހައި މެޗު އެއްވަރުކުރިއެވެ.

އޭގެފަހުން މަހިބަދޫގެ އަހުމަދު ޒިފާން އިބްރާހީމާއި ޝުއައިދު ސައީދު ޖެހި ގޯލުން އެޓީމު ހަމަޖެހިލި ނަމަވެސް، މުޒްދާން ހަސަން އަނެއްކާވެސް ދަރަނބޫދުއަށް ގޯލު ޖެހިއެވެ. އޭގެ އިރުކޮޅެއްފަހުން ގާސިމް ސައްމާމްގެ ގޯލުން މަހިބަދޫ އަލުން ހަމަޖެހިލި ނަމަވެސް، މުޒްދާންގެ ދެވަނަ ގޯލަކާއެކު އަނެއްކާވެސް ދަރަނބޫދޫ ފަރަގުކުޑަކުރިއެވެ.

ދަރަނބޫދޫން އެއްވަރުކުރަން ފަހުވަގުތު ބުރަކޮށް މަސައްކަތް ކުރަނިކޮށް، މަހިބަދޫން މެޗު ޔަގީންކުރީ އިބްރާހީމް އުސާމާ ހަސަން މަޖީދު ޖެހި ގޯލުންނެވެ.

އަނިޔާގައި ހުރި ނައިވާދޫގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަބްދުﷲ ޝާފިއު (ޝާއްޕެ) އާ ނުލައި ގަދަ 16 އަށް ނުކުމެވެސް އެޓީމުން ވަނީ ބޮޑު ތަފާތަކުން މައްޗަންގޯޅި ބަލިކޮށްފައެވެ. އެއީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ނައިވާދޫގެ އަހުމަދު ހަމީދާއި މުހައްމަދު ޝާއިން، ކޮންމެ ކުޅުންތެރިޔަކު މެޗުގައި ދެ ގޯލު ޖެހި އިރު، އަނެއް ގޯލުތައް ޖެހީ އިސްމާއީލް ވަހީދާއި ޔޫސުފް ޝާއިފް އަދި އަބްދުﷲ ވިސާމެވެ.

މިއީ ނައިވާދޫން ކުއާޓާގައި ކުޅޭ ތިންވަނަ ފަހަރެވެ. މިއަހަރުގެ ކުރިން އެންމެފަހުން އެޓީމުން ކުއާޓާގައި ވާދަކުރީ 2023 ވަނަ އަހަރުއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ އަންގާރަ ދުވަހުގެ ރޭގައެވެ. ނައިވާދުއާއި މަހިބަދޫ ވާދަކުރާ މެޗު އޮންނާނީ 8:00 ގައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިއަހަރުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ. "ވަން ސްޕޯޓްސް"އިން ދަނީ މުބާރާތުގެ ހާއްސަ ކަވަރޭޖެއް ކުރިއަށް ގެންދަމުންނެވެ.