އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަންއިން ޗެލްސީ ބަލިކޮށްފިއެވެ.

ރޭ ރަށުން ބޭރުގައި ޗެލްސީ ބްރައިޓަން ކައިރިން ބަލިވީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބްރައިޓަންއިން ޗެލްސީ ބަލިކުރި ދެވަނަ ފަހަރެވެ. ރޭގެ މެޗުގެ ކުރިން ހޮނިހިރު ދުވަހުގެ ރޭ ކުޅުނު އެފްއޭ ކަޕް ހަތަރު ވަނަ ބުރުގެ މެޗުގައި ވެސް ބްރައިޓަންއިން ވަނީ ޗެލްސީ ބަލިކޮށް، ކަޓުވާލައިފައެވެ.

ރޭގެ ނަތީޖާއާ އެކު ޗެލްސީއަށް ގަދަ ހަތަރެއްގައި ހިފަހައްޓާލުން އޮތީ އުނދަގޫ ކަމަކަށްވެފައެވެ. މިވަގުތު ޗެލްސީން 25 މެޗުން 43 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް ނަމަވެސް، ފަސްވަނައިގައި 24 މެޗުން 41 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ސިޓީ އާއި ހަވަނައިގައި 24 މެޗުން 41 ޕޮއިންޓާ އެކު އޮތް ނިއުކާސަލްގެ އިތުރުން ހަތްވަނައިގައި 24 މެޗުން 40 ޕޮއިންޓާއެކު އޮތް ބޯންމައުތަށް ވެސް ޗެލްސީ ފަހަތަށް ޖައްސާލަން ފުރުސަތު އެބައޮތެވެ.

ރޭގެ މޮޅާއެކު ބްރައިޓަން ވަނީ އަށްވަނައަށް ޖެހިލައިފައެވެ. އެއީ 25 މެޗުން 37 ޕޮއިންޓާއެކުގައެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައިވެސް ބްރައިޓަންއިން ވަނީ ޗެލްސީ ކޮޅަށް ދެ ގޯލު ޖަހައިފައެވެ. 27 ވަނަ މިނެޓުގައި ބްރައިޓަންއަށް ލީޑު ނަގައިދިނީ ކައޮރޫ މިޓޯމާއެވެ. އެޓީމުގެ ކީޕަރު ބާޓް ވާބްރުގެން މަތިން ޖައްސާލި ބޯޅައެއް ރީތިކޮށް ކޮންޓްރޯލް ކޮށްލުމަށްފަހު މިޓޯމާ ނިންމާލީ ސީދާ ކަނަށެވެ.

ޔަންކޫބާ މިންޓޭ، ބްރައިޓަންގެ ދެވަނަ ގޯލެއް ޖެހި އިރު، ދެވަނަ ހާފަށް ނުކުމެ ޗެލްސީން ވަނީ މެޗުގެ ކޮންޓްރޯލް ހޯދަން މަސައްކަތް ކޮށްފައެވެ. ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް، އެޓީމަށް ޝޮޓެއްވެސް ނުހެދިގެން އުޅެނިކޮށް ބްރައިޓަންއިން ތިންވަނަ ގޯލު ޖަހައި މެޗު ޔަގީން ކުރިއެވެ. އެ ގޯލުވެސް ކާމިޔާބުކޮށްދިނީ ގެމްބިއާ ފޯވަޑް މިންޓޭއެވެ.