ޔަގީނުންވެސް ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މިއަދު ރާއްޖޭގެ އެންމެ ބޮޑު އެއް ބްރޭންޑެވެ. ކުޅިވަރުގެ ބްރޭންޑްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު މަސްއޫލުވާވެސް ބްރޭންޑެވެ. މިހާސަބަށް ގޯލްޑަން ފުޓްސަލް ޗެލެންޖާއެކު، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން މޫސާއާއި އޭނާގެ ޓީމުން ކުރީ ތަފާތު ދަތުރެކެވެ. އެތައް ކަމެއް ބަދަލުކޮށްގެން ކުރި ދަތުރެއްވެސް މެއެވެ.
އެންމެފުރަތަމަ 2015 ވަނަ އަހަރު މުޅި ރާއްޖެ ޝާމިލްވާ މުބާރާތަށް ރިލުވާން މަސައްކަތް ކުރި އިރު، މީހުން ދައްކަމުން ދިޔައީ ހުސް 'ޕޮސިޓިވް' ވާހަކަތަކެއް ނޫނެވެ. އެންމެންވެސް ބުނަމުން ދިޔައީ މިއަދުގެ ކަން އޮތް ގޮތުގެ ވާހަކައެއް ނޫނެވެ. އޭރު ބުނަމުންދިޔައީ ރަށްރަށުން ސަޕޯޓަރުން އައިސް ޓީމުތަކަށް ހިތްވަރު ނުދޭނެ ކަމުގެ ވާހަކައެވެ. އަހުލާގީ ގޮތުން ޓީމުތަކަށް ރަށު ލޯބިގައި ހިފަހައްޓައިނުލެވޭ ކަމުގެ ވާހަކައެވެ. އެހެން ނަމަވެސް، އެ ނާއުންމީދީ އެތައް ވާހަކައަކުން މިއަދު އުންމީދެއް ހޯދައި، ގޯލްޑަންއަކީ އެންމެ ގިނަ މީހުން ބަލާ އިވެންޓަށް ހަދައިފިއެވެ.
މިއަދާ ހަމައަށް ފެށި ދަތުރުގެ އެންމެ ފުރަތަމަ ބައިވެރިއެއްގެ ގޮތުގައި ރިލްވާން ފާހަގަކުރި އެކަކީ މާލޭ ސިޓީގެ މޭޔަރުގެ މަގާމުގައި މިހާރު ހުންނެވި އާދަމް އާޒިމެވެ. ޒޯން އަށެއްގެ ފައިނަލަށްފަހު އާޒިމް ދެއްވި އިންޓަވިއުގައި ވިދާޅުވީ ގޯލްޑަންއަކީ މާލޭ ސިޓީއަށް މުހިއްމު އިވެންޓެއް ކަމަށާއި، އެންމެ ފުރަތަމަ ދުވަހު މުބާރާތަށް އެހީތެރިވެވުނީތީ އުފާކުރައްވާ ކަމަށެވެ.
"މާލޭ ސިޓީގައި އިޖުތިމާއީ ގިނަ ކަންތައްތަކެއް ކުރިއަށް ދިޔުމަކީ މާލޭ ސިޓީގެ މަސްލަހަތަށް ބެލިކަމުގައި ވިޔަސް މާލޭ ސިޓީގެ އެކިއެކި ޒުވާނުންގެ ކުރިއެރުމަށްވެސް ލިބޭ ވަރަށް ރަނގަޅު ކުރުމަށް. އަޅުގަނޑު އަދި އެއްކަމެއް ފާހަގަކޮށްލަން. ގޯލްޑަން ފުޓްސަލްގެ ފުރަތަމަ މުބާރާތް ކުރިއަށް ދިޔައީ އަޅުގަނޑާއެކުގައި. އަޅުގަނޑު ވަރަށް އުފާވޭ ރިލުވާން މިހާރު މި މުބާރާތް މިހާ ފުރިހަމަކޮށް އިންތިޒާމްކޮށްގެން ކުރިއަށް ގެންދާތީ،" އާޒިމް ވިދާޅުވިއެވެ.
މޭޔަރު އާޒިމް ފާހަގަކުރެއްވީ ރިލުވާނާއި ޓީމަށް އިތުރު ފުރުސަތުތައް ފަހިވެގެން ދިޔުމަކީ ބޮޑު އެދުމެއް ކަމަށާއި، ރިލުވާން ކަހަލަ ލީޑާޝިޕް ރަނގަޅު ބޭފުޅުންގެ އިސްނެގުމާއެކު މާލޭ ސިޓީއަށް ބޮޑެތި ފައިދާތަކެއް އިޖުތިމާއީ ގޮތުން ކުރާ ކަމަށްވެސް އާޒިމް ފާހަގަކުރެއްވިއެވެ.
މޭޔަރުގެ އެ ވާހަކަތަކަށް ރިލުވާންވެސް ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފުރަތަމަ މުބާރާތުގެ ތަޖުރިބާގެ ބައެއް ހިއްސާ ކުރައްވާފައެވެ.
"އެދުވަސްވަރު އަޅުގަނޑު މަސައްކަތް ކުރީ ދަމާސް ކޮންޕެނީގެ ސޭލްސް އެންޑް މާކެޓިންގަ. އާޒިމް އެސްޓީއޯގެ މާކެޓިންގަ އުޅުއްވި އިރު، އެކިފަހަރުމަތިން ދިމާވެފައި ހުރީ. (އެންމެ ފުރަަތަމަ) މުބާރާތެއް ބޭއްވުމުގެ ޝައުގުވެރިކަމާއެކު އެކި ފަރާތްތަކާ ބައްދަލު ކުރަމުން ގޮސް، އާޒިމްއާވެސް ބައްދަލުވި. ވަރަށް ފަސޭހައިން އެޕޮއިންޓްމެންޓް ލިބި ބަައްދަލުވި. އަޅުގަނޑުގެ ޓީމާ ބައްދަލުވުމަށްފަހު އާޒިމް އެދުވަހު ވިދާޅުވީ ރިލްވާނަކީ ވަރަށް ހިތްވަރު ގަދަ ކުއްޖެކޭ، އިތުބާރު ކުރަމޭ. އެހެންވީމާ ރިލްވާން އައީމާ އެހީވެދޭނަމޭ. އަޅުގަނޑުގެ ކުޅިވަރުގެ ހަޔާތުގަ އާދަމް އާޒިމަކީ އެއްމެ ފުރަތަމަ ފައިސާގެ ސަޕޯޓެެއް ދެއްވި ފަރާތް. އަދި އެދުވަހު އަޅުގަނޑަށް ކުރެއްވި އިތުބާރާއި، ދެއްވި ހިއްވަރަށް ވަރަށް ބޮޑަށް ޝުކުރު ވެރިވަން،" ރިލްވާން ވިދާޅުވެފައިވެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް