ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސްގެ މަގާމަށް ކުރިއަށް އޮތް ދައުރަށް މިހާރު ވެސް އެ މަގާމު ފުރަމުން އަންނަ މުހައްމަދު ލަތީފް އިންތިހާބުކޮށްފިއެވެ.
ބުދަ ދުވަހުގެ ރޭ ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވޮލީބޯލް އެސޯސިއޭޝަންގެ ރައީސަކަށް ލަތީފް އިންތިހާބުކޮށްފައިވާ އިރު، އެންމެފަހުންވެސް އެ މަގާމުގައި ހުންނެވީ އޭނާއެވެ. ފ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ރައީސްގެ މަގާމުގައިވެސް ހުންނެވި ލަތީފް، މިދިޔަ އަހަރު މާޗު މަހު އެސޯސިއޭޝަންގެ ރައީސްކަމާ ހަވާލުވެވަޑައިގަތީ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއްގައި ބޭއްވި އިންތިހާބަކުންނެވެ.
އެ ފަހަރު ރައީސް ކަމަށް ލަތީފް ކުރިމަތިލެއްވީ އޭގެ ކުރިން މަގާމުގައި ހުންނެވި މުހައްމަދު ރަނޭޝް (ރަނޭ)، އެކިއެކި މައްސަލަތަކާއެކު މަގާމުން އިސްތިއުފާ ދެއްވާފައި އޮތުމުންނެވެ. ރައީސްގެ މަގާމުގެ އިތުރުން ދެން އެފަހަރު ހޮވީ ވީއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކޮށް، އެއް އަސާސީ ގަވާއިދުން އަނެއް އަސާސީ ގަވާއިދަށް މައިގްރޭޓް ކުރި އިރު، ހުސްވެފައިވާ މަގާމުތަކެވެ.
އެ މެންބަރުންނާއެކު އާ ހިންގާ ކޮމިޓީގެ ދައުރު، މިއަހަރު އޭޕްރީލް މަހަށް ހަމަވާން އޮތް އިރު، ބުދަ ދުވަހުގެ ރޭ ބޭއްވި އިންތިހާބީ ކޮންގްރެސްގައި މިފަހަރު އިންތިހާބުކުރި އާ އެކްސްކޯގައިވެސް ބޮޑަށް ހިމެނުނީ ކުރިންވެސް ހޮވުނު މެންބަރުންނެވެ. އެއީ ލަތީފްގެ ޓީމެވެ.
- ސީނިއާ ވައިސް ޕްރެސިޑެންޓް - މުހައްމަދު ސާޖިދު (ކާއްޓެ)
- ވައިސް ޕްރެސިޑެންޓް - ޝިޔާމް އަލީ
- ވައިސް ޕްރެސިޑެންޓް (ވޮލީބޯލް) - އަލީ ލަތީފް
- ވައިސް ޕްރެސިޑެންޓް (ބީޗް ވޮލީބޯލް) - އަބްދުﷲ ނަޝީދު
- ވައިސް ޕްރެސިޑެންޓް (އެޑްމިނިސްޓްރޭޝަން) - އިއްޒަތު ވަހީދު
- ވައިސް ޕްރެސިޑެންޓް (އަންހެން) - އާއިދާ އަބްދުލް ހަކީމް
- އެކްސްކޯ މެމްބަރު - މުހައްމަދު ފަހުމީ
- އެކްސްކޯ މެމްބަރު - މުހައްމަދު ޝަރަފް
- އެކްސްކޯ މެމްބަރު - އަހުމަދު ނަޝީދު
- އެކްސްކޯ މެމްބަރު - ސޮފްވާން އަހުމަދު
- އެކްސްކޯ މެމްބަރު - ފަތުހުﷲ އަހުމަދު
- އެކްސްކޯ މެމްބަރު (އަންހެން) - އައިޝަތު ފަތީނަތު
- ހަޒާންދާރު - މުހައްމަދު ރާމިޒު
- ޖެނެރަލް ސެކްރެޓަރީ - މުހައްމަދު ސައީދު
ވޮލީ އެސޯސިއޭޝަން ހިންގެވުމުގެ ޒިންމާ ތިންވަނަ ފަހަރަށް ނެންގެވި، ލަތީފް ވަނީ ކުރިން، 2016-2019 އަށް ވީއޭއެމްގެ ރައީސްގެ މަގާމު ފުރުއްވައިފައެވެ. ލަތީފް އަތުން ވޮލީ އެސޯސިއޭޝަންގެ ރައީސްގެ މަގާމު ގެއްލުނީ، 2023 ވަނަ އަހަރު މިދިޔަ ސަރުކާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސް، ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)، ވޮލީ އެސޯސިއޭޝަންގެ މައްސަލައެއް ބަަލައި، އޭރު އޮތް ލަތީފްގެ ހިންގާ ކޮމިޓީ އުވާލައި، އެސޯސިއޭޝަން އިންޓަރިމް ހާލަތަކަށް ގެންނަން ނިންމުމުންނެވެ.
އޭގެ ފަހުން، ވޮލީގެ އިދާރީ ހިންގުން މައްސަލަތަކެއްގެ ތެރޭގައި އޮތުމަށް ފަހު، ވޮލީ އެސޯސިއޭޝަން އިންތިހާބެއް ބާއްވައި، ރަނޭ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އިންތިހާބުވީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.
ރަނޭގެ އިސްތިއުފާއާއެކު މިދިޔަ އަހަރު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއިން އިންތިހާބުވި ލަތީފްގެ ޓީމަށްވެސް މިހާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވަނީ ރަނޭ ދައުރުގެ އޮޑިޓް ރިޕޯޓުތަކާއި އަހަރީ ރިޕޯޓުތައް ވަކި މުއްދަތެއްގެ ތެރޭގައި ހުށަހަޅަން ޝަރުތުކުރައްވާފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވީއޭއެމްއިން ބުނީ ތޮލާލް އަންގަވާފައިވާ ގޮތަށް، އެ އިދާރާގެ ހަތަރު އަހަރުގެ އޮޑިޓް ރިޕޯޓުތައް، އެކްސްޓްރާ އޯޑިނަރީ ޖަލްސާއަކުން ފާސްކޮށް، ކޮމިޝަނަރަށް ފޮނުވާފައިވާ ކަމަށެވެ.
އެހެންނަމަވެސް އަދިވެސް އެ ރިޕޯޓުތަކުގެ މައްސަލަތައް އެއްކޮށް ނުނިމި އޮތް ކަމަށް މައުލޫމާތު ލިބިފައިވާ އިރު، ހިންގާ ގަވާއިދަށް ބައެއް އިސްލާހުތައް ގެންނަން އަދިވެސް ކޮމިޝަނަރު އެދިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރޭ ބޭއްވި ވީއޭއެމްގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު އޮންނަ 13 މެމްބަރުންގެ ތެރެއިން 11 މެމްބަރުން ވޯޓު ލާފައިވެއެވެ.
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން