ހދ. ނައިވަދޫގެ ޓާގެޓަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ތަށި ކަމަށާއި، ރާއްޖޭގެ ފުޓްސަލްގެ ރަސްކަން ހޯދުމަކީ ބޮޑު އުންމީދެއް ކަމަށް ކުޅުންތެރިޔާ އަހުމަދު ހަމީދު (އައްމަޑޭ) ބުނެފިއެވެ.
ނައިވާދޫން މިއަހަރުވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ތަށި ހޯދިއެވެ. އެއީ އެޓީމުން އަތޮޅު ތަށި ހޯދި ހަތްވަނަ ފަހަރެވެ. މިހާތަނަށް ނައިވާދޫން ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ތަށި، 2016، 2018، 2019، 2022، 2023ގެ އިތުރުން 2024 އަދި 2025 ވަނަ އަހަރު ވެސް ހޯދައިފައެވެ. އޭގެ އިތުރުން ތިންވަނަ ފަހަރަށް ޒޯންގެ ޗެމްޕިއަންކަންވެސް ނައިވާދޫން މިފަހަރު ހޯދާފައިވާ އިރު، އެ ޓީމުން ވަނީ މީގެ ކުރިން ފައިނަލް ބުރުގެ ކުއާޓާ ފައިނަލްގައިވެސް ވާދަކޮށްފައެވެ.
އެ ކާމިޔާބީތަކާއެކު މިހާރު ނައިވާދޫގެ ވިސްނުން ހުރީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށްޓާއެކު ރާއްޖޭގެ ރަސްކަން ހޯދުމަށެވެ. އަންމަޑޭގެ ނަޒަރުގައިވެސް ނައިވާދޫން މިހާރު މަސައްކަތް ކުރަނީ އެ ކާމިޔާބީއަށެވެ.
"އޯވަރޯލްކޮށް ޓީމު ވަރަށް ފިޓްކޮށް މިހާރު މިއޮތީ. ގިނަ މެޗުތަކެއް ކުޅޭތީ ބައެއް ކުޅުންތެރީންނަށް އަނިޔާގެ ބައެއް މައްސަލަތަކާވެސް އެބަ ދިމާވޭ، އެހެންވިޔަސް ގަދަ 16 އަށް ނުކުންނާނީ މިއަށްވުރެ ވަރުގަދައަށް ތައްޔާރުވެގެން. މިފަހަރު ޓާގެޓް ހުރީ ސީދާ ތައްޓަށް. މެޗަކަށްފަހު މެޗަކަށް މަސައްކަތް ކުރަމުން މިދަނީ. އެކަން ކުރަން މަސައްކަތް ކުރާނެ،" އަންމަޑޭ ބުންޏެވެ.
އަންމަޑޭ ބުނީ ނައިވާދޫ ހުރިހާ ރައްޔިތުންގެވެސް އުންމީދަކީ ގޯލްޑަންގެ ތަށި ކަމަށާއި، އެ ރައްޔިތުން ނައިވާދޫގެ ކާމިޔާބީއަށް އަބަދުވެސް އެދި، ހިތްވަރު ދެމުން އަންނަ ކަމަށެވެ. ހާއްސަކޮށް އެތައް ވަގުތެއް ޓީމުގެ ކަންކަމަށް ހުސް ކުރާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
"ގޯލްޑަންގެ ތަށްޓަކީ ނައިވާދޫ ރައްޔިތުންގެ އުންމީދެއް. އެކަމަށް މަސައްކަތް ކުރަމުން މިދަނީ. މިކަމަށް، ގޯލްޑަންއަށް ނައިވާދޫ ރައްޔިތުން ހަމަ ގޮސް ހުސްވެފަ މި ތިބެނީ. ވަރަށް ގިނަ ވަގުތުތަކެއް މިކަމަށް އެބަ ހޭދަކުރޭ. އެކަން ހާސިލްކުރަން އެކުގަ މަސައްކަތް މިކުރަނީ،" އަންމަޑޫ ޒޯން މެޗަށްފަހު ބުންޏެވެ.
އަންމަޑޭ ބުނީ އޭނާގެ ކެރިއަރުގައިވެސް ނައިވާދޫއާއެކު ހޯދާ ކޮންމެ ކާމިޔާބީއަކީ ހާއްސަ ކާމިޔާބީއެއް ކަމަށާއި، ނައިވާދޫއާއެކު ގޯލްޑަންގައި މިހާތަނަށް ހޯދި ކޮންމެ ކާމިޔާބީއަކީވެސް ރައްޔިތުންނާއެކު ހޯދުނު ކާމިޔާބީތަކެއް ކަމަށެވެ. އަދި އަބަދުވެސް ނައިވާދޫގެ ވިސްނުމަކީ ތަށި ކަމަށް އަންމަޑޭ ފާހަގަކުރިއެވެ. ޕާސަނަލީވެސް ނައިވާދޫއާއެކު ގޯލްޑަން ކާމިޔާބުކުރުމަކީ އަބަދުވެސް ދެކޭ ހުވަފެނެއް ކަމަށް އޭނާ ބުންޏެވެ.
މި ފަހަރު ގޯލްޑަން ފުޓްސަލް މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް