ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީއަށް ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ގެނައި ބަދަލާއެކު، ޗެއާމަން ކަމުގައި ކުރިން ހުރި އަހުމަދު ޒުހޫރަށް އެމަގާމު ގެއްލިއްޖެއެވެ.

ރާއްޖޭގެ ފުޓުބޯޅަ ހާލަތު ބޮއްސުންލައިގެން ދިއުމުން ފީފާއިން އެ މައްސަލައަށް ވަދެ، އެފްއޭއެމް ނޯމަލައިޒް ކުރީ މިދިޔަ އަހަރު އޮގަސްޓް މަހުގެ ތެރޭގައެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީކޮޅުގައި ޕްރެސްއެއް ބޭއްވި ނަމަވެސް، މިހާރު އަޑު މަޑުވެފައިވާތާ ދުވަސްގަނޑެއް ވެއްޖެއެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތައް އާންމުންނާ ހަމައަށް ނުފެނި ގިނަ ދުވަސްތަކެއްވެފައިވާތީ، އެކަމުގެ ޝަކުވާވެސް ވަނީ ބޮޑުވެފައެވެ.

އެހާލަތުގައި ނޯމަލައިޒޭޝަން ކޮމިޓީ އޮތުމާއެކު ފީފާއިން އެ ކޮމިޓީގެ ކޮމްޕޮސިޝަންއަށް ބަދަލު ގެނެސް، ކޮމިޓީގެ އަދަދު ފަހަކުން ތިނަކަށް ވަނީ ކުޑަކޮށްފައެވެ. އެ ބަދަލާއެކު ޒުހޫރަށް މަގާމު ގެއްލުމުގެ އިތުރުން ދެން މަގާމު ގެއްލުނީ މިއަދު ކުރިން އިސްތިއުފާދިން އަހުމަދު އަލީއަށެވެ.

މިހާރު ނޯމަލައިޒޭޝަން ކޮމިޓީގައި ހިމެނެނީ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރީފްގެ އިތުރުން، ގާނޫނީ ވަކީލު އިސްމާއީލް ސިމަން އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަހުމަދު މުއިއްޒެވެ. ފީފާއިން ނިންމި ނިންމުމާއެކު މިހާރު އާ ޗެއާމަނަކީ މުއިއްޒެވެ.

"ވަން ސްޕޯޓްސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމްގެ ހިންގުން އަދިވެސް ދަނީ އެންމެ ރަނގަޅަކަށް ނޫނެވެ. އެ އިދާރާގެ އިދާރާ މަސައްކަތްތައް އަދިވެސް ކުރިއަށް ނުދާ އިރު، މި މަހުގެ ކުރީކޮޅުގައި އިދާރާގެ ޖެނެރަލް ސެކްރެޓަރީ ނާހިލް އަހުމަދު ސިއްދީގު ވަނީ މަގާމުން އިސްތިއުފާވެސް ދެއްވާފައެވެ.

މިހާރު އިދާރާގެ ވަގުތީ ޖެނެރަލް ސެކްރެޓަރީއަކީ އައްޑޫ ސިޓީ ކައުންސިލުގެ ކުރީގެ އެސްޖީ މުހައްމަދު ޝުޖާއުއެވެ.