ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ހޯދޭ ކޮންމެ ކާމިޔާބީއަކީވެސް މުހިއްމު ކާމިޔާބީއެއް ކަމަށާއި، އެ ކާމިޔާބީގެ ސަބަބުން ރަށުގައި ކުރިއަރަމުން އަންނަ ޖީލުތަކަށް ފައިދާތަކެއް ކުރާނެ ކަމަށް ޒޯން ހަތަރެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ބުނެފިއެވެ.

ރޭ ބިޗަޑްގެ މަހިބަދޫން ޒޯން ހަތަރެއްގެ ތަށި ހޯދީ ޕެނަލްޓީގައި އއ. މަތިވެރި ބަލިކޮށްގެންނެވެ. މިއީ މަހިބަދޫ ތާރީހުގައި ގޯލްޑަން ފުޓްސަލްގެ ޒޯން ބުރުގެ ތަށްޓެއް ހޯދި ފުރަތަމަ ފަހަރެވެ.

"މިހުރީ ވަރަށް އުފާވެފައި. ޒޯނަށް މިދިޔައީ އަލަށް، ގޮސް ޒޯނުގެ ތަށި ނެގުނީމަ ވަރަށް އުފާވެފަ މިހުރީ. މިއީ މަހިބަދޫއަށް ވަރަށް ބޮޑު ކާމިޔާބީއެއް. އެއީ ކުރިން ބުނިހެން، މަހިބަދޫއަކީ ފުޓްސަލްގަ އެހާ ގިނަ ކުޅުންތެރީންތަކެއް ތިބި ރަށެއް ނޫން. އަލަށް މިކަމުގެ ތެރޭގައި އުޅޭ ކުދީންވެސް އެބައުޅޭ މި ޓީމު ތެރޭގަ. އެހެންވީމަ މި ކާމިޔާބީއަކީ ކުރިއަށް އޮތް ޖެނެރޭޝަނަށް ވަރަށް މުހިއްމު ބޮޑު ކާމިޔާބީއެއް. މި ތަށީގެ ސަބަބުން މަހިބަދޫގެ ފުޓްސަލް ކިކު ކޮށްލަން ލިބޭ ފުރުސަތެއް މިއީ،" ބިޗަޑް "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

ބިޗަޑް ފާހަގަކުރީ މަހިބަދޫން ކުރިއަށްދާން ވިސްނާ އިރު، ޒޯން ތަށި ލިބުމަކީ ޓީމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށާއި، ދެން އޮތް ގަދަ 16 އަށް ޓީމު ނުކުންނާނީވެސް އިތުބާރާ އެކުގައި ކަމަށެވެ.

"ތަށި ލިބުނީމަ ވަރަށް ބޮޑު އެއްޗެއް ޓީމަށް އަންނާނެ. އެއީ މި ފައިނަލް މެޗަށް ނުކުތްއިރުވެސް ވަރަށް ރަނގަޅު ފޯމެއްގައި ކިކްގައި ތިބީ. ދެން އަދި މި ތަށި ލިބުނު ހިސާބުން ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް،" ބިޗަޑް ފާހަގަކުރިއެވެ.

މަހިބަދުއަކީ ރާއްޖޭގެ ފުޓުބޯޅައިގައި މަގުބޫލު ނަމެކެވެ. މީގެ ކުރިން އިންޓަވިއުތަކުގައިވެސް ބިޗަޑް ފާހަގަކުރީ މަހިބަދޫން ގޯލްޑަން ފުޓްސަލް ޗެލެންޖަށް ނުކުމެ، ކާމިޔާބީ ހޯދަން މަސައްކަތް ކުރަމުންދަނީ ރަށުގެ ނަން ފުޓްސަލްގެ އުހަށްވެސް ގެންދަން ކުރާ މަސައްކަތެއްގެ ދަށުން ކަމަށެވެ. އެކަން މިހާތަނަށް ކާމިޔާބުކޮށްދާ އިރު، އެޓީމުން ހޮނިހިރު ދުވަހުގެ ރޭ ގަދަ 16 ގައި ނުކުންނާނީ ފ. ދަރަނބޫދުއާ ދެކޮޅަށެވެ.