ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓްސަލް ކުޅުންތެރީންގެ ތެރޭގައި ރ. އިނގުރައިދޫއަށް އުފަން އަލީ ހާފިޒް (ހާއްޕެ) ހިމެނޭނެ އެވެ. އެކަމާ ދެބަސްވާނެ އެއްވެސް މީހަކު ނުހުންނާނެއެވެ. އެއީ ތަފާތު ހުނަރެކެވެ. ރާއްޖޭގެ އެންމެ ޝަރަފުވެރި ގޯލްޑަން ފުޓްސަލް ޗެލެންޖް ފިޔަވައި އެހެން ހުރިހާ ތަށްޓެއް އޭނާ ހޯދައިވެސް ފިއެވެ. އެއީ ހަގީގަތުގައިވެސް "ކިންގް" އެކެވެ.
ރަށު ޓީމާއެކު މީގެ ކުރިން ތަފާތު އެކި ޗެލެންޖްތަކާ ހާއްޕެއަށް ކުރިމަތިވި ނަމަވެސް، މިދިޔަ އަހަރަކީ އޭނާއަށް އެންމެ ހިތްދަތި އަހަރެވެ. އެއީ ބޮޑު އަނިޔާއެއް ވެ ރަށު ޓީމު ތަމްސީލު ނުކުރެވި، ބަލަން ހުންނަން ޖެހުމުންނެވެ. ރައްޔިތުން ބޭނުންވާ އަތޮޅު ތަށްޓާ ހަމައަށްވެސް ދެވޭނެ ގޮތެއް ނުވިއެވެ. އިނގުރައިދޫއަށް މިދިޔަ އަހަރު ގޯލްޑަން ވެގެންދިޔައީ މާޔޫސީ މުބާރާތަކަށް ނަމަވެސް، ހާއްޕެގެ އެނބުރި އައުން ތަފާތެވެ. މިއަހަރު މިހާތަނަށް މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް އޭނާ ދައްކަމުން އަންނައިރު، އަތޮޅު ތަށްޓާއި ޒޯން ތަށި އިނގުރައިދޫން ހޯދައިފިއެވެ.
ހާއްޕެއަކީ ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ގޯލުވެސް ޖެހި ކުޅުންތެރިޔާއެވެ. ޒޯނުގައި ކުޅުނު ފަސް މެޗުގައި އޭނާ ހަ ގޯލު ޖެހިއެވެ. ހާއްސަކޮށް ޒޯން ބުރުގައި ފައިނަލުގައި ވާދަކުރި ދުވާފަރު ކޮޅަށް ހާއްޕެ ތިން ގޯލު ޖެހިއެވެ.
"ޓީމު މިދިޔަ އަހަރު ވަރަށް ދަށްކޮށް ދިޔައީ. ސެމީން ކެޓީ. އެފަހަރު ހާއްޕެ ނުކުޅެން. ދެން ހިތަށް އެރީ އަނިޔާއިން އައިސް ޓީމު އެއްކޮށް ގޮވައިގެންނޭ އުޅޭނީ. މިއީ އެއް އާއިލާއެއް. މިއީ ވަރަށް ބޮޑު އާއިލާއެއް. މި ފެމިލީ ގޮވައިގެން މީތި (ގޯލްޑަން ތަށި) ނަގަން ބޭނުންވަނީ. މިއީ މިހާރު ރާއްޖޭގައި ހާއްޕެއަށް ނުލިބި އޮތް ތަށްޓަކީ. އެހެންވީމަ މި ތަށްޓަށް ވަރަށް މަސައްކަތް ކުރާނަން،" ރޭގެ މެޗަށްފަހު ހާއްޕެ ބުންޏެވެ.
ހާއްޕެ އިތުރަށް ބުނީ އިނގުރައިދޫ އޮތީ އެއް ރޫހެއްގައި ކަމަށެވެ. އޭނާ ފާހަގަކުރީ އިނގުރައިދޫން އެއް ރޫހެއްގައި މިހާތަނަށް ފެނިގެންދާ ސަބަބަކީ ޓީމެއްގެ ގޮތުގައި ކުރަމުން އަންނަ މަސައްކަތް ކަމަށާއި، "އިނގުރައިދޫއަކީ ބައިގަނޑެއް" ނޫން ކަމަށާއި، "ޓީމެއް" ކަމަށެވެ.
"އެންމެން އެކައްޗެއް ކިޔައިގެން މި މަސައްކަތް ކުރަނީ. މިއީ ޓީމެއް. މިއީ ބައިގަނޑެއް ނޫން. މިއީ ހަމަ ވަރުގަދަ ޓީމެއް،" ހާއްޕެ ބުންޏެވެ.
ރަށަށް އޮތް ލޯތްބާއި، ރަށަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ހޯދައިދޭން ބޭނުން ވެފައި ހުރިވަރު ހާއްޕެގެ ވާހަކަތަކުން ދޭހަވެއެވެ. ހާއްސަކޮށް އޭނާގެ ފަރާތުން ފެނުނު ޖަޒުބާތާއެކު، މިފަހަރު މުބާރާތް ބޭނުންވެފައި ހުރިމިންވަރުވެސް ސާފެވެ. އަސަރާއެކު އޭނާ ބުނީ "ކޮންމެ ކުޅުންތެރިޔަކަށްވެސް އިތުބާރު ކުރާ،" ކަމަށާއި، އޭނާ ޓީމާއެކު ނުކުމެ ހުރީ ކޮންމެ ކުޅުންތެރިޔަކަށްވެސް ޔަގީންކަން ދީގެން ކަމަށެވެ.
ހާއްޕެ ބުނީ ގޯލްޑަންއަކީ ރާއްޖެއަށް ތަފާތު މުހިއްމު މުބާރާތެއް ކަމަށާއި، ޒުވާން ހުނަރުވެރި ކުޅުންތެރީންނަށް ބޭނުންތެރި ޕްލެޓްފޯމެއް ކަމަށެވެ.
"މިއީ އަސްލު ވަރަށް ރަނގަޅު މުބާރާތެއް. އެއީ ރަށްރަށުގައި ތިބޭނެ އާއްމުކޮށް ނުފެންނަ ޒުވާން ކުޅުންތެރިން، އެ ކުދިންނަށް ވަރަށް ރަނގަޅު ފުރުސަތެއް މިއީ ކުރިއަރައިގެން ދާން. ދެން މަސައްކަތް ކުރަން ޖެހޭނެ. އެކަމަކު ހަމައެކަނި މަސައްކަތް ކޮށްގެންވެސް ނުވާނެ. މައްޗާވެސް ގުޅިގެން ވާނީ،" ހާއްޕެ ފާހަގަކުރިއެވެ.
އިނގުރައިދޫން ގަދަ 16 ގައި ނުކުންނާނީ ލ. ގަމާ ދެކޮޅަށެވެ. އެ މެޗު ފޯރިގަދަ މެޗަކަށްވާނެއެވެ. ގަދަ 16 ގެ މެޗުތައް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭގައެވެ.
ގޯލްޑެން ފުޓްސަލް މުބާރާތުގެ މި ފަހަރުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް