ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ހަތަރެއްގެ ތަށި އދ. މަހިބަދޫން ހޯދައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ އެންމެފަހު ފައިނަލްތައް ރޭ ރެހެންދި ދަނޑުގައި ކުރިއަށް ގެންގޮސްފައިވާ އިރު، ޒޯން ހަތަރެއްގެ ފައިނަލުގައި މަހިބަދޫ ނުކުތީ މަތިވެރިއާ ދެކޮޅަށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 3-3 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި މަހިބަދޫ ތަށި ނެގީ 7-5 ގެ ނަތީޖާއަކުންނެވެ.

މިއީ މަހިބަދޫން ޒޯން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މަތިވެރިން މިދިޔަ އަހަރު އެޓީމުގެ ފުރަތަމަ ޒޯން ތަށި ހޯދި އިރު، ރޭ ނުކުތީ ތަށި ދިފާއުކުރަން ނަމަވެސް، އެކަން ނުކުރެވި ދިޔައީ ޕެނަލްޓީން ބަލިވެގެންނެވެ.

ފައިނަލް މެޗު ވަރުގަދައަށް ފެށީ މަތިވެރިންނެވެ. އެޓީމުން ވަނީ ކުރީކޮޅުގައި އަލީ އަލްސަން ޖެހި ގޯލުން ލީޑު ނަގައިފައެވެ. އެ ގޯލަށް މާ ގިނައިރެއް ނުވަނީސް، އިބްރާހީމް އުސާމާ ހަސަން މަޖީދު ޖެހި ގޯލުން މަހިބަދޫ ނަތީޖާ ހަމަހަމަ ކުރިއެވެ.

އެ ގޯލަށް މިނެޓެއް ނުވަނީސް މަތިވެރީގެ މުހައްމަދު ޝަފްރާޒް އަލުން އެޓީމަށް ލީޑު ނަގައިދިން އިރު، ދެވަނަ ފަހަރަށް މަހިބަދޫއަށް އެއްވަރުކޮށްދިނީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ. ހާފު ނިމެން ދަނިކޮށް އަބްދުﷲ ފިޒާން އަބްދުލް ގަފޫރު ޖެހި ގޯލުން މަތިވެރި ތިންވަނަ ފަހަރަށް ލީޑު ނެގި ނަމަވެސް، ދެވަނަ ހާފަށް ނުކުމެ، އާދަމް ފަހުމާން ޖެހި ގޯލުން މަހިބަދޫން ތިންވަނަ ފަހަރަށް އެއްވަރުކުރިއެވެ.

ޕެނަލްްޓީގައި މަތިވެރިއަށް ވައްދާލެވުނީ އަހުމަދު ފިރާޝްއާއި މުހައްމަދު ޝަފްރާޒްގެ ޕެނަލްޓީ އެކަންޏެވެ. އަނެއްކޮޅުން އުސާމާ އާއި ގާސިމް ސަމްމާމް، ބިޗަޑްގެ އިތުރުން ޝުއައިދު ސައީދު ޕެނަލްޓީ ވެއްދިއެވެ.

ޒޯން ހަތަރެއްގެ އެންމެ މޮޅު ކުޅުންތެރިޔަކީ މަހިބަދޫގެ ބިޗަޑެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ އދ. މަންދޫގެ އިބްރާހީމް އިމްރާން (އިންމި) އެވެ.

ގަދަ 16 ގައި މަތިވެރިން ނުކުންނާނީ ދ. ކުޑަހުވަދޫއާ ދެކޮޅަށެވެ. މަހިބަދޫ ނުކުންނަން ޖެހޭނީ ފ. ދަރަނބޫދުއާ ދެކޮޅަށެވެ. ގަދަ 16 ގެ މެޗުތައް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭގައެވެ.