ޔޫއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ ޕްލޭ އޮފް ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑުން މެންޗެސްޓާ ސިޓީ ބަލިކޮށްފިއެވެ.
ސިޓީން އަމިއްލަ ދަނޑުގައި ރޭ ރެއާލް ކައިރިން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ބޮޑު ބައެއްގައި ސިޓީން މެޗު ލީޑުކުރަމުން ދިޔަ ނަމަވެސް، ރެއާލުން ވަނީ ފަހު ވަގުތުގައި ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލައިފައެވެ. ދެޓީމުގެ ތެރެއިން ކޮންމެވެސް އެއް ޓީމެއް ގަދަ 16 އަށް ދާ އިރު، ރެއާލް ދަނޑުގައި ކުޅޭ ދެވަނަ ލެގު އޮންނާނީ އަންނަ ހަފުތާގައެވެ.
ރޭގެ މެޗު ރަނގަޅަށް ފެށީ ސިޓީންނެވެ. އެޓީމުން ރަނގަޅު ފޯމެއްގައި ކުޅެމުން ގޮސް، 19 ވަނަ މިނެޓުގައި ލީޑުވެސް ނެގިއެވެ. އެއީ ޖެކް ގްރީލިޝްއާއި ޖޮސްކޯ ގްވާޑިއޯލް ގުޅިގެން ދުއްވާލި ބޯޅައެއްގައި އާލިން ހާލަންޑް ކާމިޔާބުކުރި ގޯލެކެވެ.
އެ ގޯލާއެކު ސިޓީން ކޮންޓްރޯލުގައި ފުރަތަމަ ހާފު ނިންމާލި އިރު، ގްރީލިޝްއަށް އަނިޔާވެ އޭނާގެ ބަދަލުގައި ފިލް ފޮޑެނ ކުޅެން ނެރެން ޖެހިފައިވެއެވެ. ސިޓީން ލީޑުގައި ފުރަތަމަ ހާފު ނިންމާލައި، ދެވަނަ ހާފު ފެށިތަނުން އިތުރު ގޯލަކާވެސް ގާތަށް ޖެހިލިއެވެ. ހާލަންޑް ފޮނުވާލި ހަމަލާއެއް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ސިޓީގެ ނުރައްކާތައް ގިނަކޮށް ފެންނަމުން ގޮސް، ރެއާލުން މެޗަށް ވަނީ 60 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ. އެއީ ކިލިއަން އެމްބާޕޭ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން ރެއާލުން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެނިކޮށް، ސިޓީއަށް އަލުން ލީޑު ލިބުނީ 80 ވަނަ މިނެޓުގައި ހާލަންޑް ވައްދާލި ޕެނަލްޓީންނެވެ.
އެ ޕެނަލްޓީން މޮޅުވާން ދަނިކޮށް، 86 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ ދިން ބޯޅައެއްގައި ބްރަހީމް ޑިއާޒް ރެއާލަށް އެއްވަރުކޮށްދިނެވެ. އަދި މެޗުގައި މޮޅަށް ކުޅުނު ވިނީޝިއަސްގެ ބޯޅައަކުން، 92 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ވަނީ ރެއާލަށް މެޗު އަނބުރާލަ ދީފައެވެ.
ރެއާލާއި ސިޓީން ރޭގެ މެޗަށް ނުކުތް އިރު، އެ ދެކްލަބުން އޮތީ ބެލޮންޑިއޯ އެވޯޑާ ގުޅޭ ގޮތުން ހިޔާލު ތަފާތުވުމެއްގައެވެ. ރެއާލުން މިފަހަރުގެ ބެލޮންޑިއޯ ހަފުލާ ބޮއިކޮޓް ކުރީ ވިނީޝިއަސްއަށް ނުލިބޭތީއެވެ. އެ އެވޯޑު ރޮޑްރީއަށް ލިބިފައިވާ އިރު، ރޮޑްރީގެ ދިފާއުގައި ރޭ ސިޓީން ހާއްސަ ބެނާއެއްވެސް މެޗުގެ ކުރިން ބޭނުންކުރިއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު