މާލޭގައި ހުންނަ ދެ ބޮންޑެޑް ވެއާހައުސްއަކުން ސިނގިރޭޓް ކާޓޫންތަކެއް ގެއްލުނު މައްސަލައިގައި އެ ދެ ވެއާހައުސްގެ ރަޖިސްޓްރީ ބާތިލުކޮށް، ގެއްލުނު މުދަލުގެ ބަދަލު ހޯދަން ކޯޓަށް ހުށަހަޅަން މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ނިންމައިފިއެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެގްޒޯޓިކް އެންޓަޕްރައިސެސް ބޮންޑެޑް ވެއާހައުސް ޗެކް ކުރި އިރު، އެތަނުގައި ހުންނަން ޖެހޭ ކެމަލް ޔެލޯ ސިނގިރޭޓްގެ 165 ކޭހާއި އެމެރިކަން ލެޖެންޑްގެ 110 ކޭހާއި މެންޗެސްޓާ ރޯޔަލްގެ 300 ކޭސް، ޖުމުލަ 575 ކޭސް ސިނގިރޭޓް ގަވާއިދާ ހިލާފަށް ނެރެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން އެސްޖީއެމް ބޮންޑެޑް ވެއާހައުސް ޗެކް ކުރި އިރު، އެތަނުގައި ހުންނަން ޖެހޭ އެމެރިކަން ލެޖެންޑްގެ 250 ކޭސް ސިނގިރޭޓާއި އަފްޒަލް މޮލާސެސް ބްރޭންޑްގެ 130 ކޭސް ޕައިޕް ޓޮބޭކޯ، ގަވާއިދާ ހިލާފަށް ނެރެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

މި ދެ މައްސަލަ ފުލުހުންނާ ގުޅިގެން ކަސްޓަމްސް އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.

"މި ދެ ބޮންޑެޑްވެއާހައުސްގެ ރަޖިސްޓަރީ ބާތިލުކޮށް، މި މައްސަލައިގައި ހިމެނޭ މުދަލަށް އެގްޒޯޓިކް އެންޓަޕްރައިސެސް ބޮންޑެޑްވެއާ ހައުސްއިން ކަސްޓަމްސްއަށް ދައްކަން ޖެހޭ 47,182,011.86 ރުފިޔާ އާއި އެސްޖީއެމް ބޮންޑެޑްވެއާ ހައުސްއިން ކަސްޓަމްސްއަށް ދައްކަން ޖެހޭ 20,720,412.54 ރުފިޔާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށްޓަކައި، މި ދެ މައްސަލަ ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފައެވެ،" ކަސްޓަމްސްއިން ބުންޏެވެ.

ބޮންޑެޑްވެއާހައުސްތަކަކުން ސިނގިރޭޓް ކޭސްތަކެއް ގެއްލުނު މައްސަލަ ފެންމަތިވީ މިދިޔަ ޑިސެމްބަރު މަހުއެވެ. އެ މައްސަލަ ފެންމަތިވުމާ ގުޅިގެން ކަސްޓަމްސް އިން ވަނީ އަމިއްލަ މީހުންގެ ގޭގޭގައި ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްތައް ހިންގުން މަނާކޮށްފައެވެ.