މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުން އާ އުފެއްދުންތައް ބާޒާރަށް ނެރުމަށާއި، އުކާލާ ބައިތަކުން ފައިދާކުރަނިވި އުފެއްދުންތައް ނެރުމަށް 8.3 މިލިޔަން ޑޮލަރު މިހާރު ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ޒާކިރު މިނިސްޓަރާ ސުވާލު ކުރެއްވީ، މުޅި ދިރިއުޅުން މަސްވެރިކަމުގެ މައްޗަށް ބިނާވެފައިވާ ކަނޑުމަސް، ލައްޓ،ި ރާގޮނޑ،ި ހިކިކަނޑުމަހުގެ ގޮތުގައި ކައްކައ،ި ހިއްކައި ވިއްކައިގެން އާމްދަނީ ހޯދާފަރާތްތަކާއ،ި ފަރުމަސްވެރިކަން ކުރާ ފަރާތްތަކާއި، އެހެނިހެން ވެސް މަސްވެރިކަން ކުރާ ފަރާތްތަކަށް ދެމެހެއްޓެނިވި އާމްދަނީއެއް ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭގޮތުންނެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ، މަސްކިލޯއެއް 17 ރުފިޔާއަށް ހުއްޓައި، މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގެ ތެރޭގައި، މަސްކިލޯއެއްގެ އަގު 25 ރުފިޔާއަށް ބަދަލުކުރުމަކީ މަސްވެރިންގެ އަތުން މަސް ގަނެގެން ކައްކާ ހިއްކާ ފަރާތްތަކާއި، އަމިއްލަ ކުންފުނިތައް ހިމެނޭގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވެގެންދިޔަ މައްސަލައެއް ކަމަށެވެ. އަގަށް އެބަދަލު ގެނައުމުގެ ސަބަބުން މަސްވެރީންގެ އަތުން މިފްކޯއަށް މަސް ގަނެފައި، އެހެން ފަރާތަކަށް މަސްގަނެވޭނެ ގޮތެއްް ނޯންނަ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ޑރ. މުއިއްޒުގެ ސަރުކާރުން މަހުގެ އުފއްދުންތައް އުފައްދާ ފަރާތްކަށް ދިން އެންމެ ބޮޑު އުއްމީދަކީ މަހުގެ އަގު ދުނިޔޭގެ ބާޒާރުގައި ހުންނަ މިންވަރު ބަލައި، އަގު ފްލޯޓް ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުން އާ އުފެއްދުންތައް ބާޒާރަށް ނެރުމަށާއި، އުކާލާ ބައިތަކުން ފައިދާކުރަނިވި އުފެއްދުންތައް ނެރުމަށް ވޯލްޑްބޭންކުގެ އެހީތެރިކަމާއެކު 8.3 މިލިޔަން ޑޮލަރު މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެއީ ދިވެހި ރުފިޔާއިން 128 މިލިޔަންރުފިޔާ ކަމަށެވެ.