ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ކުޅިވަރު އިވެންޓް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިއަހަރު މުބާރާތުގެ ގަދަ 16 ޓީމު ޔަގީންވެއްޖެއެވެ. 128 ޓީމަކުން ވާދަކޮށް، ގަދަ 16 އާ ހަމައަށް ޓީމުތަކުން ކުރީ ތަފާތު މަންޒަރުތައް ދައްކުވައިދިން ވާދަވެރި ދަތުރެކެވެ. އުފާވެރިކަމާއި ފޯރިއެވެ. ރަތް ކާޑުތަކާއި ވަރުގަދަ ޗެލެންޖްތަކެވެ. ތާރީހީ ކާމިޔާބީތަކުން ފެށިގެން ގޮސް، ތަފާތު ސަޕޯޓަރުންވެސް އެ ދަތުރުގައި ފެނިގެން ދިޔައެވެ.
މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރަކީ މިހާތަނަށް ތާރީހުގައިވެސް އެންމެ ގިނަ ބަޔަކު ބެލި، އެންމެ ޝައުގުވެރި އެއް އަތޮޅު ބުރެވެ. އަތޮޅު ބުރުން ފެށިގެންވެސް ފާހަގަވި އެއް ކަމަކީ އަހަރުން އަހަރަށް ވާދަވެރިކަން ބޮޑުވަމުން އަންނަ ކަމެވެ. ފޯރިއާއި ރޫހު ރަނގަޅުވާ ކަމެވެ. އެ ޖަޒުބާތުތަކާއެކު ޒޯން ބުރުވެސް، އެންމެ ތަންކޮޅެއްވެސް ދުލެއް ނުދެއެވެ. ޒޯނެއްގެ ފައިނަލަކުން މޮޅުވެ، ތަށި ނަގާނީ މިވެނި ޓީމެކޭ ބުނާންވެސް ދައްޗެވެ. ވާދަވެރި ކަމުންނެވެ. ޒޯން ފައިނަލް މެޗުތައް މިރޭ ފެށޭނެއެވެ.
- ލ. ގަން - ތ. ތިމަރަފުށި/ 20:00 (ގްރައުންޑް 1)
ލ. ގަމާއި ތިމަރަފުށީގެ ވާދަވެރިކަމަކީ ތަފުސީލުކޮށްދޭން ޖެހޭނެ ވާދަވެރިކަމެއް ނޫނެވެ. މުބާރާތުގެ ތާރީހަށް ބަލާލިޔަސް، ކާމިޔާބު ދެޓީމެވެ. ގަމުން 2023 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި އިރު، އެޓީމުން ވަނީ 2018 ވަނަ އަހަރާއި މިދިޔަ އަހަރުވެސް މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައެވެ.
އަނެއްކޮޅުން ތިމަރަފުށި ނުކުންނަނީ ބެޖު މަތީގައި ހަތަރު ވަނަ ތަރި ޖެހުމަށް ކުރަމުން އަންނަ މަސައްކަތުގައި އިތުރު ކާމިޔާބީއެއް ހޯދުމަށެވެ. ތިމަރަފުށިން 2022 ވަނަ އަހަރާއި 2016 އަދި 2019 ވަނަ އަހަރު ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދި އިރު، ޒޯނަށް އެޓީމުން ނުކުތީ އަތޮޅު ތަށި ހަތްވަނަ ފަހަރަށް ހޯދައިގެންނެވެ.
ގަމަށް އަތޮޅު ތަށި ގެއްލުނު އިރު، އެޓީމުން މުބާރާތަށް ނުކުތީ ހުސައިން ޝަރީފް (އޮންލީ) އާ ނުލައެވެ. އޭގެ އިތުރުން އަތޮޅު ބުރުގައި އަލީ ސާމިސް (ތޮއްޕެ)ވެސް ކުޅެފައި ނުވުން އެއީ އެޓީމަށް ކުރިމަތިވި ޗެލެންޖެކެވެ. ޒޯން ބުރަށް ތޮއްޕެ އެނބުރި އައިސްފައިވާ އިރު، ޒޯން ފެށުމަށް ގަން ކުޅުނު މެޗުގައި 1-0 އިން ތިމަރަފުށި ބަލިވެސް ކުރިއެވެ.
އެ ވާދަވެރިކަމުގައި ދެޓީމު މިރޭ ނުކުންނާނީ ޝަރަފުވެރި ޒޯން ތަށި ހޯދުމަށެވެ. ތިމަރަފުށިން އެންމެފަހުން ޒޯން ތަށި ހޯދީވެސް 2022 ވަނަ އަހަރުއެވެ.
- ވިލިމާލެ - މައްޗަންގޯޅި / 20:00 (ގްރައުންޑް 2)
މާލޭ ޒޯންގެ ފައިނަލަށް މިފަހަރު ނުކުންނާނީ، އެންމެފަހުގެ ރަނަރަޕް ވިލިމާލެއާއި މައްޗަންގޯޅިއެވެ. މިދިޔަ އަހަރު ވިލިމާލެއަށް ޒޯން ތަށި ގެއްލުނީ މާފަންނު ކައިރިން ބަލިވެގެންނެވެ. އެހެން ނަމަވެސް، އެޓީމަކީ ޖެހިލުން ވާން ޖެހޭ ޓީމެއްކަން މިހާތަނަށް ޒޯން ބުރުގެ އިތުރުން މިދިޔަ އަހަރު މުބާރާތުގައިވެސް ދައްކާލިއެވެ.
އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އާއި އިސްމާއީލް ވަޖީހު (ވައްޖެ) އަދި އަލީ ޝިޔާހްގެ އިތުރުންވެސް ގިނަ ތަރީންތަކަކާއެކު ވިލިމާލެއިން ޒޯންގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވިއެވެ. އެޓީމުން މިދިޔަ އަހަރު ފައިނަލް ބުރުގައި ސެމީއާ ހަމައަށް ގޮސްފައިވުމާއެކު، މިފަހަރު ތަށްޓަށް ވަރުގަދައަށް ތައްޔާރުވާނެކަން ޔަގީނެވެ.
މައްޗަންގޯޅިވެސް ޒޯން ބުރުގައި ބަލިވީ ހަމައެކަނި ވިލިމާލެ ކައިރިންނެވެ. ރިލުވާން ވަހީދު (ރިލޭ) އާއި މުހައްމަދު ނަޒާމް ފަދަ ކުޅުންތެރިންގެ ތަޖުރިބާއާއެކު އެޓީމުން ޒޯނުގައި ވަރުގަދައަށް ފެނިގެން ދިޔަ އިރު، މިރޭގެ ފައިނަލުގައި ވިލިމާލެ ބަލިކުރެވުން ވެގެންދާނީ ބޮޑު ކާމިޔާބަކަށެވެ.
ވިލިމާލެއާއި މައްޗަންގޯޅި ޒޯންގެ ލީގު ބުރުގައި ކުޅުނު މެޗު، ވިލިމާލެއިން ކާމިޔާބުކުރީ 7-1 އިންނެވެ.
- ބ. އޭދަފުށި - ކ. ކާށިދޫ / 22:00 (ގްރައުން 1)
އޭދަފުއްޓަކީ އެންމެފަހުގެ ޗެމްޕިއަނުންނެވެ. މިދިޔަ އަހަރުގެ ބޮޑު ކާމިޔާބީއާއެކު އޭދަފުށިން މިފަހަރުގެ މުބާރާތުގައި ކުޅެމުން އަންނަނީ ރަން ބެޖާއެކު، އެ ޝަރަފު ދަމަހައްޓާށެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން އެޓީމަށް ހޯދައިދިން މުހިއްމު ބައެއް ކުޅުންތެރީންނަށް މިފަހަރު އަދި ނުކުޅެވި އޮތް ނަމަވެސް، އޭދަފުށީގެ ފެންވަރާ މެދު ސުވާލު އުފައްދަާނެ ޖާގައެއް ނެތެވެ.
މުހައްމަދު ފާސިރު (ފާއްޓެ) ތަފާތު ފޯމެއްގައި ފެނިގެންދާ އިރު، އެޓީމު ބައެއް ޗެލެންޖްތަކާއެކު ޒޯން ފައިނަލަށް ދިޔައީ މުހިއްމު ވަގުތުގައި ވިސްނުންތެރިކަމާއެކު މަސައްކަތް ކޮށްގެންނެވެ. ޓީމުގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ)ގެ ރޭވުންތެރިކަން މޮޅުވާނެކަން ޔަގީން ކުރެވޭ އިރު، އޭދަފުށި ދިޔައީ މެޗަކަށްފަހު މެޗެއް އެކުވަމުންނެވެ. ޓީމުގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅުކުރަމުންނެވެ.
އޭދަފުއްޓާއި ކާށިދޫ، ޒޯންގެ ލީގު ބުރުގައި ކުޅެން ޖެހުނު އިރު، ކާށިދޫ އޮތީ ގަދަ 16 ޔަގީން ކޮށްފައެވެ. އެމެޗު އޭދަފުށިން 7-4 އިން ކާމިޔާބުކުރި ނަމަވެސް، މިރޭ ފައިނަލުގެ އަސްލު މަންޒަރު ސާފެއް ނުވާނެއެވެ.
ކާށިދޫ އަތޮޅު ފައިނަލުގައި ވާދަކޮށް ބަލިވި ހިސާބުންވެސް އެޓީމަށް މަޑު ޖެހުމެއް ނައިސް، ޒޯން ފައިނަލާއެކު ގަދަ 16 ޔަގީންކުރީ ޓީމުގެ މަސައްކަތުގެ ރޭޓް 100 ގައި ބަހައްޓައިގެންނެވެ. އެ މަންޒަރު، ވަރުގަދަ ގާފަރު ކަޓުވާލި އިރުވެސް ފެނިގެން ދިޔައެވެ. އެހެންކަމުން މިރޭގެ ފައިނަލް އެއްވެސް ޓީމަކަށް ޔަގީނެއް ނުކުރެވޭނެއެވެ.
- ދ. ކުޑަހުވަދޫ - ފ. ދަރަނބޫދޫ / 22:00 (ގްރައުން 2)
މިއަހަރުގެ އަތޮޅު ބުރާއި ޒޯން ބުރުވެސް ދ. ކުޑަހުވަދޫއަށް ދިޔައީ އުނދަގޫކޮށެވެ. ކުޑަހުވަދޫން މިފަހަރު އަތޮޅު ޗެމްޕިއަންކަން ނެގީ ދ. މާއެނބޫދޫ ބަލިކޮށްގެންނެވެ. އެ ފައިނަލަށް ނުކުތް އިރު، އޭގެ ކުރިން ލީގު ބުރުގައި މާއެނބޫދުއާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު އޮތީ ބަލިވެފައެވެ. މިފަހަރު ޒޯން ބުރުގައިވެސް މ. މުލަކާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތުގައި އެއްވަރުވެ، ކުޑަހުވަދޫން އުނދަގޫކޮށް ޒޯން ފެށި ނަމަވެސް، ފަހުން ވަނީ ފޯމުގައި ދެ މޮޅު ހޯދައިފައެވެ.
ކުޑަހުވަދޫން މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ޒޯން ކާމިޔާބުކުރި އިރު، މިދިޔަ އަހަރު ފައިނަލް ބުރުގައި ކުއާޓާ ފައިނަލް ކުޅެ، ކެޓީ ގާފަރު ކައިރިން ޕެނަލްޓީ ޖަހައިގެންނެވެ. އޭގެ ކުރިން 2023 ވަނަ އަހަރު އެޓީމުން މުބާރާތުގެ ސެމީ ފައިނަލްވެސް ކުޅުނެވެ. ހުސައިން ޝަރީފް (އޮންލީ) އާއެކު އެޓީމުގެ ޓާގެޓަކީ މުބާރާތުގެ ފައިނަލެއްކަން ޔަގީނެވެ.
މިފަހަރު ޒޯން ފައިނަލަށް ފ. ދަރަނބޫދުއާ ދެކޮޅަށް ނުކުންނަ އިރު، ދަރަނބޫދުއަށް މިއީ ތާރީހީ ދަތުރެކެވެ. އެޓީމުން ޒޯން ފައިނަލަށް ނުކުންނަނީ މުޅިން އަލަށެވެ. މިފަހަރު އަތޮޅު ތަށިވެސް ނެގީ މުޅިން އަލަށެވެ.
ޒުވާން ކެޕްޓަން މުޒްދާން ހަސަންގެ ވިދުން ގަދަކޮށް ފެނިގެންދާ އިރު، އޭނާއަށް އޮތީ ކުޑަހުވަދޫގެ ތަޖުރިބާކާރު ޓީމާ ދެކޮޅަށް ކުޅެ، މޮޅުވުމުގެ ޗެލެންޖެވެ.
- ހދ. ނައިވާދޫ - ހއ. ދިއްދޫ / 20:00 (ގްރައުން 1)
ހދ. އަތޮޅުގެ އެންމެ ކާމިޔާބު ޓީމު ނައިވާދޫއަށް މިދިޔަ އަހަރު ޒޯން ތަށި ގެއްލުނެވެ. އެއީ އުތީމު ކައިރިން ޕެނަލްޓީގައި ބަލިވެގެންނެވެ. އަނެއްކޮޅުން ހއ. ދިއްދޫއަށް މިފަހަރު އަތޮޅު ތަށި ގެއްލުނެވެ.
ދެޓީމަށްވެސް އޮތީ ހާލަތު ބަދަލުކޮށްލަން ލިބޭ ފުރުސަތެކެވެ. ދިއްދޫއާއި ނައިވާދޫ ޒޯން އެކެއްގައި ވަރުގަދައަށް ވާދަކޮށް ފައިނަލުން ޖާގަ ހޯދީ ފަހު މެޗުތަކުންނެވެ. ނައިވާދޫން ޒޯން ބުރުގެ ފަހު މެޗުގައި ނޭކުރެންދޫ ބަލިކޮށް ފައިނަލަށް ނުކުތް އިރު، އެޓީމަކީ މީގެ ކުރީންވެސް ފައިނަލް ބުރުންވެސް ފާހަގަކޮށްލެވުނު ޓީމެކެވެ.
ޓީމުން އަދިވެސް އެ ކޮލިޓީ ފެނިގެން ދެއެވެ. ކޯޗު މުހައްމަދު އައްޒާމާއެކު ޓީމުން ތައްޔާރުވެފައިވަނީ އުނދަގޫވާނެކަން އެނގި ތިބެގެންނެވެ. މުހައްމަދު ޝާއިންގެ އިތުރުން އަބްދުﷲ ޝާފިއު (ޝާއްޕެ) ގެ ތަފާތުވެސް ފެންނައިރު، އަނެއްކޮޅުން ނުކުންނަ ދިއްދޫން ޒޯން ފައިނަލް ޔަގީންކުރީ ފަހު މެޗުގައި ވަށަފަރުވެސް ބަލިކޮށްފައެވެ.
ޒޯންގެ ލީގު ބުރުގައި ދިއްދޫއާ ދެކޮޅަށް ކުޅެ، 6-1 އިން ނައިވާދޫ މޮޅުވެފައި އޮތް ނަމަވެސް، ފައިނަލް ޔަގީނުންވެސް ތަފާތު ވާނެއެވެ. ދިއްދޫގެ ހުސައިން ޝިފާހާއި ހައިޝަމް ރަޝީދު (ހައި) ވެސް ތަފާތު ފޯމެއްގައި ތިބުމަކީ ޓީމު އަތޮޅު ބުރަށްފަހު ޒޯނުގައި ތަފާތު ދެއްކި އެއް ސަބަބެވެ.
- ރ. އިނގުރައިދޫ - ރ. ދުވާފަރު / 20:00 (ގްރައުން 2)
އިނގުރައިދޫއާއި ދުވާފަރުގެ ކުރިމަތިލުމަކީ އެންމެ ގިނަ ބަޔަކު ޝައުގުވެރިވާނެ ކުރިމަތިލުމެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތާރީހުގައިވެސް އެންމެ ވާދަވެރިކޮށް ފެންނަ ދެޓީމުގެ ގޮތުގައި އެ ދެޓީމު ފެނިގެންދާ އިރު، ޒޯން ދޭއްގެ ފައިނަލަކީ "ރ އަތޮޅުގެ ކްލެސިކޯ"އެވެ.
އަތޮޅު ބުރުގައި އިނގުރައިދޫން ދުވާފަރު ދެފަހަރަށް ބަލިކުރި އިރު، މިއަހަރުގެ އަތޮޅު ޗެމްޕިއަނަކީވެސް އިނގުރައިދޫއެވެ. އަލީ ހާފިޒް (ހާއްޕެ) ތަފާތު ފޯމެއްގައި ކުޅެމުން އަންނަ އިރު، އިނގުރައިދޫން ވަނީ ޒޯން ބުރު ފަހު މެޗުގައިވެސް ދުވާފަރު ބަލިކޮށްފައެވެ. އެއީ 3-2 ގެ ނަތީޖާއަކުންނެވެ. އެމެޗުގެ ނަތީޖާއިން ގްރޫޕްގެ އެތުރުމަށް އަސަރެއް ނުކުރި ނަމަވެސް، އެ މެޗު ފެނުނީ ތަފާތު ފޯރިގަދަކޮށެވެ.
ދުވާފަރުން ޒޯން ފައިނަލްގައި އެއްވެސް ދުލެއް ނުދޭނެކަން ޔަގީނެވެ. ހާއްސަކޮށް މިފަހަރު މުބާރާތުގައި އިނގުރައިދޫ ކައިރިން ބަލިވަމުން އަންނަ އައުމަށް ނިމުމެއް ގެންނަން ބޭނުންވާނެކަންވެސް ޔަގީނެވެ.
- އއ. މަތިވެރި - އދ. މަހިބަދޫ / 22:00 (ގްރައުން 1)
އއ. މަތިވެރިން މިދިޔަ އަހަރު މުބާރާތުގެ ފައިނަލް ބުރުގައި ކުއާޓާ ފައިނަލަށް ދަތުރުކުރިއެވެ. އެ ކާމިޔާބީ ތަކުރާރުކޮށް، ރާއްޖޭގެ ޗެމްޕިއަންކަމަށް ވިސްނައިގެން މަތިވެރިން މަސައްކަތް ކުރަމުން އަންނަ އިރު، މިހާތަނަށް އައިއިރު އެޓީމުގެ މަސައްކަތް ކާމިޔާބެވެ.
އަތޮޅު ތަށި ދިފާއުކޮށް، ޒޯން ބުރުން އެންމެ ފުރަތަމަ ޒޯން ފައިނަލް ޔަގީންކުރި ޓީމަކީވެސް މަތިވެރިއެވެ. އެޓީމުގެ އަލީ އަލްސަން އާއި އަބްދުﷲ ފިޒާން އަބްދުލް ގާދިރު (ފިޒޭ)ގެ ތަފާތު ޒޯން ބުރުގައި ފާހަގަކޮށްލެވުނު އިރު، މަތިވެރިން ޒޯން ބުރުގައި މަހިބަދޫއާ ދެކޮޅަށް ކުރިން ކުޅުނު މެޗު އޮތީ 0-0 އިން އެއްވަރުވެފައެވެ.
ފުޓުބޯޅައިގެ ގަދަ ބާރެއް ކަމަށްވާ މަހިބަދޫން ފުޓްސަލްގައި ނަން ލިޔެލުމަށް ކުރާ މަސައްކަތަށްވެސް މިރޭގެ ޒޯން ތަށި ހާއްސަވެއެވެ. އދ. މަންދޫ ކައިރިން އަތޮޅު ތަށި ގެއްލުނު ނަމަވެސް، އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)ގެ ލީޑާޝިޕާއެކު އެޓީމުން ޒޯން ފައިނަލަށް ނުކުންނާނީ ވަރުގަދަކޮށެވެ.
- ޏ. ދަނޑިމަގު - ގދ. ވާދޫ / 22:00 (ގްރައުން 2)
ދަޑިމަގުން ޒޯން ހަތެއްގެ ފައިނަލަށް ޖެހިޖެހިގެން ތިންވަނަ ފަހަރު ދަތުރުކުރީ ޒޯން ސެމީ ފައިނަލްގައި 1-0 ގެ ނަތީޖާއަކުން ސ. ފޭދޫ ބަލިކޮށްގެންނެވެ. ފޭދުއަކީ އައްޑޫގެ ޗެމްޕިއަނުންނެވެ.
ދަޑިމަގުން މިފަހަރު ފައިނަލުގައި ނުކުންނާނީ ވާދުއާ ދެކޮޅަށެވެ. 2023 ވަނަ އަހަރު އެޓީމުން ޒޯން ތަށި ނެގި އިރު، މިދިޔަ އަހަރު ޒޯން ފައިނަލުގައި ވަނީ ބަލިވެފައެވެ. ދަނޑިމަގުގެ އަމާޒަކީ ސީދާ ތަށި ކަމަށް ތަކުރާރުކޮށް އެޓީމުން ބުނެފައިވާ އިރު، މާދަމާ ރޭގެ ފައިނަލް އެޓީމަށް ފަސޭހަ ނުވާނެ ސަބަބަކީ ވާދޫ އޮތީ ތަފާތު ރޫހެއްގައި ކަމަށްވާތީއެވެ.
މިދިޔަ އަހަރު ޒޯން ސެމީން ކަޓައި، ވާދުއަށް ޒޯން ފައިނަލް ގެއްލުމާއެކު، މިފަހަރު ޓީމުން އެންމެ ވިސްނީ އެކަން ތަކުރާރުވިޔަ ނުދޭށެވެ. ފަހު ސިކުންތުކޮޅާ ހަމައަށް ދަންދެން ނޭވާ ހިފަހައްޓާލަން ޖެހުނު ވަގުތުތައް ވާދޫ މެޗުތަކުގައި ފެނިގެން ދިޔަ އިރު، އެޓީމު ވަނީ ގދ. ދެއްވަދޫވެސް ކަޓުވާލައިގައެވެ. އަޔާޒް އަހުމަދު (އަޔާ) އާއި ނަޝާހު އަހުމަދު (ނައްޓު)ވެސް ވަރުގަދަ ފޯމެއްގައި ހުރި އިރު، ސެމީގައި ވާދޫން ވަނީ އައްޑޫ ހިތަދޫ، ޕެނަލްޓީގައި ކަޓުވާލައިފައެވެ.
ގޯލްޑަން ފުޓްސަލް މުބާރާތުގެ މި އަހަރުގެ ޕީއާރް ޕާޓަނަރަކީ "ވަން ސްޕޯޓްސް" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް