އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމަށް މުހައްމަދު ޒާހިދު ދަފުތަރު ނަމްބަރު ރސ. 1548، އައްޔަންކޮށް، ނައިބު ރައީސް ކަމަށް އަބްދުއްރަހްމާން ސަލާހް ރަޝީދު، ރޯޒް، ކ. ހުރާ، އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާއެކު، އީސީގެ މެންބަރުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި ދެބޭފުޅުން އައްޔަން ކުރެއްވީ، މިދިޔަ ޖެނުއަރީމަހުގެ 26 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައަޅައި، އިލެކްޝަންސް ކޮމިޝަނުގެ ގާނޫނު އިސްލާހު ކުރީ މިދިޔަ އަހަރުއެވެ. ނަމަވެސް އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. މީގެ ކުރިން ކޮމިޝަނުގެ ރައީސާއި ނައިބު ހޮވަނީ އެ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ގާނޫނަށް ގެނައި އާ އިސްލާހުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަންކުރައްވާ މިއީ ފުރަތަމަ ފަހަރެވެ.

ފަސްމެންބަރުންގެ މައްޗަށް އެކުލެވިގެންވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ތެރޭގައި ހިމެނެނީ ޑރ. މުޙައްމަދު ޒާހިރާއި، ހަސަން ޒަކަރިއްޔާ އާއި، އަބްދުލްހަސީބް އިސްމާއީލާއި، މުހައްމަދު ޒާހިދު އަދި މެންބަރު އަބްދުއްރަހްމާން ސަލާހު ރަޝީދެވެ.