ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ހަތަރެއްގެ ފައިނަލުގައި އއ. މަތިވެރިއާ ދެކޮޅަށް ނުކުންނީ އދ. މަހިބަދޫ ކަން ޔަގީންވެއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ހަތަރެއްގެ ލީގު ބުރު ރޭ ނިމިގެން ގޮސްފައިވާ އިރު، ރޭގެ މެޗުތަކަށް ނުކުތްއިރުވެސް މަތިވެރި އޮތީ ފައިނަލް ޔަގީން ކޮށްފައެވެ. ދެން ފައިނަލުގެ ފުރުސަތު އޮތީ އދ. މަންދޫއާއި މަހިބަދުއަށެވެ. މަހިބަދޫއަށް މަތިވެރި ކައިރިން ޕޮއިންޓެއް ހޯދިޔަސް، އަމިއްލަ ބާރުގައި ފައިނަލް ޔަގީން ކުރެވެން އޮތް އިރު، މަންދުއަށް އޮތީ މޮޅެއް ހޯދައި، މަހިބަދޫ ބަލިވާނެ ކަމަށް އުންމީދު ކުރުމެވެ.

ރޭ މަތިވެރިއާއި މަހިބަދޫ ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވި އިރު، މަންދޫ ތޮއްޑޫ ބަލިކުރީ 2-1 އިންނެވެ. އެ މެޗުގައި ތޮއްޑޫގެ އިބްރާހީމް ޝިޔާޒް ގޯލު ޖަހައި ލީޑު ނަގާފައި ވަނިކޮށް، މަންދޫން ފަހަތުން އަރާ މޮޅުވީ އިބްރާހީމް އިމްރާން (އިންމި) އާއި ހުސައިން އިރުޝާދު ޖެހި ގޯލުތަކުންނެވެ.

އިންމި ރޭގެ މެޗުގައި ޖެހި ގޯލަކީ މިހާތަނަށް ޒޯން ބުރުގައި އޭނާ ޖެހި ފަސްވަނަ ގޯލެވެ. އެ ޒޯނުގެ މިވަގުތު ޓޮޕް ސްކޯރާއަކީ އިންމިއެވެ.

ޒޯން ހަތަރެއްގެ އެއްވަނައިގައި މަތިވެރި ނިންމާލީ ހަތަރު މެޗުން 10 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް މަހިބަދުއަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، މަންދޫ ތިންވަނައިގައި ނިންމާލީ ހަ ޕޮއިންޓާއެކުގައެވެ. ހަތަރު ވަނައިގައި އޮތް ކެޔޮދުއަށް ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ތޮއްޑުއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް ޒޯން ބުރުގެ ފައިނަލްތައް އަންގާރަ އަދި ބުދަ ދުވަހުގެ ރޭގައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، މިހާރު ވަނީ ގަދަ 16 ޓީމު ޔަގީންވެފައެވެ.

މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.