ރިސޯޓުތަކުން ހިންގާ ދެމެހެއްޓެނިވި ތަރައްގީއަށާއި ތިމާވެއްޓާ ގުޅުންހުރި މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ގްރީން ރިސޯޓް ފައިނޭންސިން" ތައާރަފުކޮށްފިއެވެ.

މިއަދު ބޭއްވި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އަހަރީ އާންމު ބައްދަލުވުމުގައި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އާއެކު އެ ފެސިލިޓީ ތައާރަފު ކޮށްދެއްވީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއާމަން ހުސެއިން އަފީފެވެ.

ބީއެމްއެލް އިން ބުނީ، ގްރީން ރިސޯޓް ފައިނޭންސިން ފެސިލިޓީގެ ދަށުން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި އެނާޖީ އެފިޝެންޓް އިކުއިޕްމެންޓް ހޯދުމާއި ރީފޮރެސްޓްރޭޝަން އަދި ކުނި މެނޭޖުކުރުން ފަދަ ދެމެހެއްޓެނިވި މަޝްރޫއުތައް ހިންގުމަށް ރިސޯޓުތަކުން ބޭނުންވާ ފައިނޭންސް ފޯރުކޮށްދެވޭނެއެވެ.

  • 50 މިލިއަން ރުފިޔާއާ ހަމައަށް އޯވާޑްރާފްޓް ފެސިލިޓީ
  • 6.5 ޕަސެންޓް އިންޓްރެސްޓް ރޭޓް
  • ކާޑު މެޝިނުން ރިސޯޓަށް ލިބޭ ފައިސާ އިން ފައިނޭންސް އަނބުރާ ދެއްކުމުގެ ފަސޭހަ ގޮތްތަކެއް

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކުރިއަރާފައިވާ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލް އޮތީ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާފަދަ ބޭންކިން ހިދުމަތްތަކާއި އަދި ފައިސާ ބަލައިގަތުމުގެ އެންމެ ޒަމާނީ ހައްލުތައް ހޯދައިދިނުމަށް ތައްޔާރަށް ކަމަށެވެ.

އެގޮތުން މިއަދު ތައާރަފުކުރި ގްރީން ރިސޯޓް ފައިނޭންސް ފެސިލިޓީ ހާއްސަކޮށް ފަރުމާކޮށްފައި ވަނީ ރިސޯޓުތަކަށް ބޭނުންވާ ދެމެހެއްޓެނިވި ހައްލުތަކެއް ގާއިމުކުރުމާއެކު ހިންގުމުގެ ހަރަދުތައް ފަސޭހައިން މެނޭޖުކުރެވޭނެ ފައިނޭންސިންއެއް ހޯދައިދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.