ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މިހާރު ރާއްޖޭގައި ހިނގާ އެންމެ ބޮޑު އިވެންޓު ކަމަށާއި، މުބާރާތުން ޒުވާނުންނަށް ލިބިގެންދަނީ ރަށަށް ރީތި ނަން ހޯދައިދޭން ބޮޑު ފުރުސަތެއް ކަމަށް، އޮލިމްޕިކް ކޮމިޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މަރްޒޫގު އަހުމަދު (މަރޭ) ވިދާޅުވެއްޖެއެވެ.

ކުޅިވަރުގެ މަސައްކަތްތަކުގައި އަބަދުވެސް މަރޭ ފާހަގަކުރެވިފައިވާ އިރު، އޭނާއަކީ ރާއްޖޭގެ ކުޅިވަރުގައި ކާމިޔާބު މަސައްކަތްތަކެއް ކުރި ފަރާތެއްވެސް މެއެވެ. މަރޭގެ ޝައުގުވެރިކަންވެސް ގޯލްޑަންއަށް ބޮޑު އިރު، އިއްޔެ "ވަން ސްޕޯޓްސް"އަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ވިދާޅުވީ ގައުމުގައި މިހާރު ހިނގާ އެންމެ ބޮޑު ހަރަކާތަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް ކަމަށާއި، މުބާރާތް އަބަދުވެސް ދަނީ އިތުރަށް ފުރިހަމަވަމުން ކަމަށެވެ.

"ވަރަށް ރަނގަޅު ކަމެއް މިއީ. ޒުވާނުންނަށް ކަންތައްތައް ދައްކާލަން ލިބުނު އެންމެ ރަނގަޅު ޕްލެޓްފޯމް މިއީ. މީން ޒަމާނަކު ރާއްޖޭގައި ނުވާވަރަށް، މި މުބާރާތް މިއޮތީ ކުރިއަށް ގޮސްފައި. އަޅުގަނޑަށް ފެންނަ ގޮތުގައި ގައުމުގައި މިހާރު ހިނގާ އެންމެ ބޮޑު ކަމަކީ މިއީ. އިއްޔެ ސްޓެޓިސްޓިކްސް ބަލައިލި އިރު، ގާތްގަނޑަކަށް 70 ވަރަކަށް މިލިއަން ވިއުސް އޮންލައިންކޮށް މި މުބާރަތަށް ލިބިއްޖެ. ކުރިއާ ހިލާފަށް މިތަނުގައި ސަޕޯޓަރުންނާއި ކުޅުންތެރިންގެ ޑިސިޕްލިންވެސް ވަރަށް ރަނގަޅަށް ފެނިގެން މިދަނީ. ދެން އަހަރެއް އަހަރަކަށް މެނޭޖިންނާއި އޯގަނައިޒިންއާ ހުރިހާ ކަމެއްވެސް އިމްޕްރޫމްވަމުން ދާތަން ފެނިގެން މިދަނީ،" މަރޭ ވިދާޅުވިއެވެ.

މަރޭ ފާހަގަކުރީ ބައެއް ކުދިކުދި ކަންތައްތަކެއް ރަނގަޅު ކުރަން ހުރި ނަމަވެސް، ގޯލްޑަންގެ އިންތިޒާމު ޓީމުގެ މަސައްކަތަށް ބަލައި، އެ ކަންކަންވެސް ރަނގަޅުކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ ކުޅިވަރަށް ލޯބިކޮށް، ޒުވާނުންނަށް ފުރުސަތު ހޯދައިދޭން މަސައްކަތްކުރާ ފަރާތެއްގެ ހައިސިއްޔަތުން އިންތިޒާމުކުރާ ފަރާތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ގޯލްޑަން ރޭވިފައި އޮންނަ ގޮތުން، ރަށު ފޯރިއާއި އަތޮޅު ފޯރިއާ ޖޯޝު ވަރަށް ބޮޑަށް ފެނިގެންދެއެވެ. މިފަހަރުވެސް އަތޮޅު ތަށިތަކާއެކުވެސް ރަށްރަށުން އުފާފާޅުކުރުމުގެ އުފާވެރި އެތައް ހަރަކާތެއް ފެނިގެން ގޮސްފައިވެއެވެ. މަރޭގެ ނަޒަރުގައި ގޯލްޑަން އިން ކުޅުންތެރިންނަށް ލިބެނީ ރަށް ތަމްސީލުކޮޮށް، ރަށަށް ފަހުރުވެރި ކާމިޔާބީ ހޯދައިދިނުމުގެ ފުރުސަތު ކަމަށެވެ.

ގޯލްޑަންގައި 128 ޓީމު ވާދަކުރަމުންދާ އިރު، ގާތްގަނޑަކަށް 1500 އަށްވުރެ ގިނަ ކުޅުންތެރިން ފެނިގެންދެއެވެ. އޭގެ އިތުރުން 128 ކޯޗުންނާއެކު ގާތްގަނޑަކަށް 700 އެއްހާ މީހުން އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވަމުންދެއެވެ. މަރޭ އިއްޔެގެ މެޗަށްފަހު ފޭސްބުކްގައި ކުރި ޕޯސްޓުގައި ވިދާޅުވީ ގޯލްޑަންގެ މެޗުތައް ބެލުމަށް ކެފޭތަކަށާއި ހޮޅުއަށިތަކަށް މީހުން ޖަމާވެ، އޭގެ ސަބަބުން އިގުތިސާދީ ބޮޑެތި ފައިދާތަކެއް ކުރާ ކަމަށެވެ. އޭގެ އިތުރުން އޭނާ ފާހަގަކުރެއްވީ މެޗުތައް ބެލުމަށް މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޖަމާވެފައިވާ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

"އަތޮޅު ތެރޭގައި މިއޮތީ ކަންތައްތައް. ކޮންމެ ގޮތެއް ވިޔަސް، ސެންޓްރައިލްކޮށްގެން ކުޅިވަރެއް ނުކުޅެވޭނެ. މިތަނަށް އައިސް، ކުޅުންތެރިންނަށް މި ލިބެނީ ރަށްރަށް ތަމްސީލުކުރުމުގެ ފުރުސަތު. ކޮންމެ ކުޅުންތެރިއެއްވެސް، ކޮންމެ މީހަކަށްވެސް މި ލިބެނީ އެމީހަކު ނިސްބަތްވާ ރަށަށް ކަމެއް ކޮށްދޭން. އެކަން ބޭނުންވާނެ ހުރިހާ ކުޅުންތެރިންވެސް. އެއީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ވޯލްޑް ކަޕް އޮންނަ އިރު، ކްލަބުތަކަށް ކުޅޭ ވަރަށްވުރެ ބޮޑަށް ގައުމީ ޓީމުތައް ވޯލްޑް ކަޕްގައި ތަމްސީލުކުރަން މާ މުހިންމު ކަމެއް ދޭ. އެ މުބާރާތުން ކެޓީމަ ރޯވަރު ބޮޑުވެ، މޮޅުވީމަ އުފާވާވަރުވެސް ބޮޑުވޭ، ކްލަބުތަކަށް މުސާރަ ދީގެން ކުޅުނަސް،" މަރޭ ފާހަގަކުރެއްވިއެވެ.

މަރޭ އިތުރަށް ވިދާޅުވީ އެތުލީޓަކަށް، "ރަށަށް ކާމިޔާބީއެއް ހޯދައިދިނުމަށްވުރެ ބޮޑު ޝަރަފެއް ނޯންނާނެ،" ކަމަށާއި، ގޯލްޑަންއަކީ އެ ޝަރަފު ހޯދަން އެންމެ ބޮޑު ޕްލެޓްފޯމް ކަމަށެވެ.