ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ހަތަރެއްގައި ރޭ ވ. ކެޔޮދޫ އއ. ތޮއްޑޫއާ އެއްވަރުވި އިރު، އދ. މަންދޫން އެ އަތޮޅު މަހިބަދޫ ބަލިކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ ފޯރިގަދަ މެޗުތައް ރެހެންދި ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ އިރު، ޒޯން ހަތަރެއްގައި ވާދަކުރަނީ އއ. އަތޮޅުގެ ޗެމްޕިއަން މަތިވެރި އާއި އެ އަތޮޅުގެ ރަނަރަޕް ތޮއްޑޫގެ އިތުރުން ވ. އަތޮޅުގެ ޗެމްޕިއަން ކެޔޮދޫ، އދ. އަތޮޅުގެ ޗެމްޕިއަން މަންދޫ އަދި އދ. އަތޮޅުގެ ރަނަރަޕް މަހިބަދޫއެވެ.
އެ ޒޯނުން މަތިވެރި ގަދަ 16 ޔަގީންކޮށްފައިވާ އިރު، ދެވަނަ ޖާގައަކަށް ވަނީ ފޯރިގަދަ ވެފައެވެ. ރޭ މަހިބަދޫން ތިންވަނަ މެޗަށް ނުކުތީ ފުރަތަމަ ދެމެޗު ކާމިޔާބުކޮށްފައި އޮވެ، ފައިނަލް ޔަގީންކުރުމަށް ނަމަވެސް މަންދޫން އެޓީމު ބަލިކުރިއެވެ.
މަންދޫން ފުރަތަމަ ކުޅުނު ދެމެޗުން ބަލިވެފައި އޮވެ، ރޭ މަހިބަދޫ ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް ހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު މަންދޫއަށް ފަހު މެޗުގައި ތޮއްޑޫ ބަލިކޮށް، ފައިނަލަށް ދާން އުންމީދު އެބައޮތެވެ. އެހެން ނަމަވެސް، އެއީ މަހިބަދޫން ކުޅޭ ފަހު މެޗުގައި މަތިވެރި ކައިރިން ބަލިވެއްޖެނަމައެވެ. އަދިވެސް އެ ޒޯނުގައި ދެވަނަ ޓީމަކަށް އަމިއްލަ ބާރުގައި އޮތީ މަހިބަދޫ އެވެ.
ރޭ މަންދޫގެ ގޯލުތައް ޖެހީ އިބްރާހީމް އިމްރާން (އިންމި) އާއި އަހުމަދު ޝާހީނެވެ. އިންމި ދެ ގޯލު ޖެހި އިރު، މަހިބަދޫގެ ޝުއައިދު ސައީދު އަތުން ބައިކޮޅަށްވެސް ގޯލެއް ވަނެވެ. ރޭގެ މެޗުގައި މަހިބަދޫގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އަށް ފުރަތަމަ ހާފުގައި އަނިޔާވެ، އޭނާއަށް މެޗުގެ ބާކީ ބައި ގެއްލުނު އިރު، ގޯލު ޖެހީ އިބްރާހީމް އުސާމާ ހަސަން މަޖީދެވެ.
ކެޔޮދޫން އެޓީމުގެ ފަހު މެޗުގައި ރޭ ތޮއްޑޫއާ އެއްވަރުވީ 2-2 އިންނެވެ. ކެޔޮދޫގެ ދެ ގޯލުވެސް އަހުމަދު ރަޝީދު (އަންމަޑޭ) ޖެހި އރު، ތޮއްޑޫގެ ގޯލުތައް ޖެހީ އިބްރާހީމް ޝިޔާޒާއި އަލީ ފަހުމީއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، ޒޯން ބުރުގެ ކުޅުން މިއަދު ހަވީރާއި މިރޭވެސް ކުރިއަށް ދާނެއެވެ.
މިއަހަރު މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ.
16:00
ގްރައުން 1: ޏ. ދަނޑިމަގު - ސ. ފޭދޫ (ޒޯން 7/ ސެމީ ފައިނަލް)
ގްރައުންޑް 2: ސ. ހިތަދޫ - ގދ. ވާދޫ (ޒޯން 7/ ސެމީ ފައިނަލް)
20:00
ގްރައުންޑް 1: ބ. އޭދަފުށި - ކ. ކާށިދޫ (ޒޯން 3)
ގްރައުންޑް 2: ޅ. ކުރެންދޫ - ކ. މާފުށި (ޒޯން 3)
21:00
ގްރައުންޑް 1: ވިލިމާލެ - މާފަންނު (ޒޯން 8)
ގްރައުންޑް 2: ހުޅުމާލެ - މައްޗަންގޯޅި (ޒޯން 8)
22:00
ގްރައުންޑް 1: މ. މުލަށް - މ. ދިއްގަރު (ޒޯން 5)
ގްރައުންޑް 2: ދ. ކުޑަހުވަދޫ - ފ. ދަރަނބޫދޫ (ޒޯން 5)
23:00
ގްރައުންޑް 1: ލ. އިސްދޫ - ތ. ތިމަރަފުށި (ޒޯން 6)
ގްރައުންޑް 2: ތ. ހިރިލަންދޫ - ލ. ގަން (ޒޯން 6)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް