އަޅުގަނޑުމެން މިތިބީ އިންޑިއާއާ ދެކޮޅަށް ވާހަކަދެއްކޭނެ ހާލަތެއްގައި ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، އިންޑިއާ ސިފައިން ބޭރު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކަށްވާ އިރު، މިހާރު އެކަން ކުރައްވާފައިވާ ކަމަށް ދެކެވަޑައިގަންވަންތޯ، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، ރައީސް މުއިއްޒު އެ މަސައްކަތް ފެއްޓެވި ކަމަށެވެ.

"ރައީސް މުއިއްޒުވެސް އެގޮތަށް ވިދާޅުވި، އެގޮތަށް މަސައްކަތް ފެއްޓެވިތަންވެސް ފެނުނު، ކޮން ހާލަތަކާ ދިމާވެގެންކަން މިއަދު އެކަން ބަދަލު ނުކުރެވިގެން އުޅެނީ އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، އަޅުގަނޑުމެންގެ އަތް ގައިދަށުވެފައިވާތަން އެބަފެނޭ،"

ގާސިމް ވިދާޅުވީ، ރައީސް ކޮންމެ ވާހަކައެއް ވިދާޅުވި ނަމަވެސް އެހާލަތު ނެތިއްޔާ އެކަމެއް ރަނގަޅު ކުރެވެން ނޯންނާނެ ކަމަށެވެ. އިންޑިއާ ސިފައިން ގެނައުމަކީ، ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ ކަމެއް ކަމަށާއި ގާނޫނުތަކާއި އިންޓަނޭޝަނަލް އުސޫލުތަކުގެ ތެރެއަށް ވަދެގެން ނޫނީ އެކަން ރަނގަޅެއް ނުކުރެވޭނެ ކަމަށެވެ.

އިންޑިއާއަކީ ރާއްޖެއަށް ވަރަށް ބޮޑަށް އެހީވާ އަވަށްޓެރި ގައުމެއް، ކުރީގެ ރައީސް ނާސިރު އިބްރާހިމް އާއި ރައީސް މައުމޫނު އަބުދުލްގައްޔޫމް ވެސް އެ ގައުމުގެ އެހީތެރިކަން ހޯއްދެވި ނަމަވެސް އެއީ ރާއްޖޭގެ މިިނިވަން ކަަމަށް އަތް ނުބާނާ ގޮތަށް، ނަމަވެސް އެކަން ފެށީ، (އިންޑިއާ ސިފައިން ގެނައީ) ރައީސް ނަޝީދުގެ ސަރުކާރުން ދެން އޭގެ ފަހުން އައި ސަރުކާރުން، ދެން އޭގެ ފަހުން އައި ސަރުކާރުން، ނަމަވެސް މިސަރުކާރުން އަދި އެފަދަ ކަމެއް ނުކުރޭ،"

ގާސިމް ވިދާޅުވީ އެކަން ނުކުރެވިގެން އުޅެނީ އިންޑިއާ ސަރުކާރުގެ ބޮޑު ދަރަނި އޮތުމުން ކަމަށެވެ.

"އިންޑީޔާ ސަރުކާރުގެ ކިހާ ލާރިއެއް، ކޮމިޓްމެންޓްތަކެއް 2025 އަހަރާއި 2026 ވަނަ އަހަރު ދައްކަން އެބަހުރިތޯ، އެ ނުދެއްކިއްޖެއްޔާ ކޮންފަދަ ހާލަތަކަށްތޯ ދާނީ، ކޮންމެ އެއްޗެއް ބުނި ނަމަވެސް ކޮންމެ ކަމެއް ކުރި ނަމަވެސް އެހާލަތު ނެތިއްޔާ ކިހިނެއްތޯ އެކަން ރަނގަޅު ކުރަނީ، އިންޑިޔާއަށް މިލާރި ނުދީފިއްޔާ ރައްޔިތުން މާދަމާ އަނގައާއި އަތަކާ ދިމަލެއްނުވާނެ،"