މިއަދު ގައުމުގެ މަސްރަހު ގޯސްކޮށްލައި، ސިޔާސީ މަސްރަހު ހަލަބޮލިކޮށްލަން މަސައްކަތް ކޮށްފިނަމަ، ގައުމު ބަނގުރޫޓު ވެދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، ސަރުކާރާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ކުރަމުން ގެންދާ މުޒާހަރާތަކަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ، މަސްރަހު ގޯސްކުރިވަރަކަށް މި ގައުމު ދާނީ ނިކަމެތިވަމުން ކަމަށެވެ.
"މިއަހަރު ދައްކަން ސުކޫކާއި ލޯނުތަކާ އެއްޗެހި ދައްކާކަށް ނުލިބޭނެ އަޅުގަނޑު މި ދަންނަވަނީ ކެރި ހުރެގެން ނުލިބޭނެ، މިތަން ހަލަބޮލިވަމުންދިޔަ ވަރަކަށް ނުލިބޭނެ،"
ގާސިމް ވިދާޅުވީ، އެވަގުތަކު ސަރުކާރުގައި ނެތް ބަޔަކު ނަމަ، އެގޮތަށް އެކަންކުރާ މަގުސަދަކީ، އެގޮތަށް ފައިސާ ދެއްކިޔަނުދޭން ކަމަށް ދެކޭ ކަމަށެވެ.
ގާސިމް ވިދާޅުވީ، ގައުމުގެ މަސްލަހަތާއި ގައުމުގެ އަމާންކަން ރިވެތިގޮތުގައި އޮވެގެން ނޫންގޮތަކަށް ގައުމުގެ އެއްވެސް ދަރަންޏެއް ނުދެއްކޭނެ ކަމަށެވެ.
"އެގޮތަން ގޮސްފިނަމަ މީގެން އެއްވެސް ޕޭމަންޓެއް ނުދެއްކޭނެ، ދައްކާނެ ފައިސާއެއް ވެސް ނުލިބޭނެ، ގައުމު ދާނީ ހަލާކުވެގެން، ގައުމު މާބޮޑަށްދާނީ ނިކަމެތިވެގެން ރައްޔިތުންނަށް އިހުސާސްވެސް ނުކުރެވޭނެ،"
ގާސިމް ވިދާޅުވީ، ރައްޔިތުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައީ ރައްޔިތުންގެ ވަރަށް މަތީ އަގުލަބިއްޔަތަލުން ކަމަށެވެ. އަދި މަޖިލީހުގެ ސުޕަމެޖޯރިޓީ ވެސް މުއިއްޒަށް ދީފައިވާ ކަމަށެވެ. އެހެންކަމުން ވެރިކަމުގެ ފަސް އަހަރުގެ ދައުރު ހަމަކުރުމުގެ ފުރުސަތު މުއިއްޒަށް ދޭންޖެހޭނެ ކަަމަށާއި އޭގެކުރިން ވެރިކަމުން ވައްޓާލަން އުޅުމަކީ ގާނޫނު އަސާސީން ދީފައި އޮތް މިނިވަން ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
"މިތަނަށް އިންވެސްޓަރުން އަޔަނުދިނުންތޯ ރަނގަޅީ، ފަސް އަހަރުގެ މުއްދަތެއް ދިނުމަށްފަހު އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް އައުންތޯ ރަނގަޅީ، ގައުމު ހަލަބޮލި ކުރާނަމަ، ޑިފޯލްޓް ޕޮސިޝަނަކަށް ގޮސް އެއްވެސް ކަމެއް ނުކުރެވި، ދުނިޔޭގެ މާލީ އިދާރާތަކުން ބްލެކްލިސްޓް ކުރީމާ ދެން އަޅުގަނޑުމެން ކޮންތާކަށްތޯ ދާނީ، އެ ދުވަހުން 18 ރުފިޔާއަށްތޯ ޑޮލަރު ލިބޭނީ ނޫނީ، 20، 30، 40 ރުފިޔާއަށްތޯ ލިބޭނީ، ނުލިބޭނެ އިނގޭތޯ، ސްރީލަންކާ އާއި އިންޑިއާއާ އަދި އެހެނިހެން ގައުމުތަކަށް އައި ހާލަތު އަޅުގަނޑުމެންނަށް ނާންނާނެ ކަމަށް ވިސްނަނީތަ، އެހެނެއްނުވާނެ އަންނާނެ، އެއޮތީ ކުރިމަތިން ފެންނަން،" ގާސިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު