ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަކީ ރަނގަޅު ވިސްނުމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެ އިންތިހާބު އެއްކޮށްލުމާއި މެންބަރުންގެ އަދަދު ކަނޑައެޅުމުގެ ބިލު މި އަހަރު މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވާ ގޮތަށް ބަދަލުކުރުމާއި ނޮވެމްބަރު 11 ގައި ރިޔާސީ ދައުރު ފެށޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުން. ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާ ގޮތް އިސްލާހުކުރުން،" ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ އިދާރާގައި ގާސިމް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބާއްވައިފި ނަމަ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ސަރުކާރާއި ދައުލަތް ބޭނުންކޮށްގެން މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވުމުން ފުރުސަތު ނޯންނާނެ ކަމަށެވެ.
"ރިޔާސީ އިންތިހާބާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ނަމަ އެއީ ވަރަށް ރަނގަޅު ވިސްނުންފުޅެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންނޫންކަމަށް ވަންޏާ މިވާ ގޮތަކީ ރައީސް ކަމަށް ކޮންމެވެސް ބޭފުޅަކު ވަޑައިގެން އެ ބޭފުޅަކު އައިސް ތިން ހަތަރު ފަސް މަސް ފަހުން ސަރުކާރު ހިންގާފައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނާތީ ސަރުކާރު ދައުލަތުން ނުހައްގު ހަރަދުތައް ހިންގައި، ނުހައްގު ކަންތައްތަކެއްކޮށް، ނުފޫޒު ފޯރުވަން ނުވަތަ އެހެނިހެން ގޮތް ގޮތުން ނުފޫޒު ފޯރުވުމަށްޓަކާ ދާއިރާތަކަށް ގިނަ ގުނަ ކަންތައްތަކެއް ކޮށްދެއްވާ ވާހަކަ. އެ ފުރުސަތެއް މިހާރަކު ނޯންނާނެ ދެއްތޯ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އޮވެގެންދާ ކަމަށްވަންޏާ" ގާސިމު ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ދެ އިންތިހާބު އެކުގައި ބޭއްވުމުގެ ސަބަބުން ސަރުކާރަށް ސިޔާސީ ގޮތުން ލިބިގެންދާނީ ގެއްލުންތޯ ނުވަތަ ފައިދާތޯ ބަލަން ބޭނުންނުވާ ކަމަށާއި މާޒީގައި ކަންތައްވެފައިވާ ގޮތަށް ބަލާއިރު އެއީ މި ސަރުކާރަށް ލިބިދޭ ގެއްލުމަކަށްވެސް ވެދާނެ ކަމަށެވެ. ނަމަވެސް އެކަން އެހެން އޮތް ނަމަވެސް، މިކަން ކުރައްވާން ވިސްނެވުމަކީ ރައީސް މުއިއްޒުގެ ހެޔޮނިޔަތެއް އޮތް ކަމަށް ގަބޫލުކުރެއްވޭ ކަމެއްކަމަށް ގާސިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު