ހުޅުމާލޭގައި ސަރުކާރުން ބޮޑުކަންނެލި ފެކްޓްރީއެއް ހަދަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވި ގޮތުގައި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީއާއެކު ހަދާ އެ ފެކްޓްރީގެ މަސައްކަތް އެކި މަރުހަލާތަކުގައި މިއަހަރު ކުރިއަށްދާނެ އެވެ. އަދި އަންނަ އަހަރު އެ ފެކްޓްރީގެ މަސައްކަތް ނިމޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށްޓަކައި އެ މަނިކުފާނު ވައުދުވެފައިވާ ގޮތަށް ޅ. ފެލިވަރު، ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމާއި މަސް ޕްރޮސެސިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތާއި ގދ. ތިނަދޫ، މ. މުލަކު، ގއ. ކޫއްޑޫ އަދި ހއ. އިހަވަންދޫގައި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށްދާނެ ކަމަށެވެ.

އޭގެ ތެރެއިން ފެލިވަރު ފެސިލިޓީ އާއި ތިނަދޫ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް މި އަހަރު އަދި އިހަވަންދޫ، މުލައް، ކޯލްޑް ސްޓޯރޭޖާއި ފެލިވަރު މަސް ޕްރޮސެސިން ޕްލާންޓުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ފިޔޯރީ އާއި ނިލަންދޫގައި ހަދާ ކޯލްޑް ސްޓޯރޭޖް އާއި މަސް ޕްރޮސެސިން ޕްލާންޓްތައް 2027ގެ ކުރީކޮޅު ނިމޭނެ ކަމަށެވެ.

މި މަޝްރޫއުތަކުގެ ތެރެއިން ފެލިވަރު ކޯލްޑް ސްޓޯރޭޖަކީ އިންޑިއަން އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން ހަދާ ތަނެކެވެ. މުލައް އަދި ކޫއްޑޫ މަޝްރޫއަށް ފަންޑު ކުރަނީ ސައުދީ ފަންޑުންނެވެ. އިހަވަންދޫ ކޯލްޑް ސްޓޯރޭޖް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ހަދާއިރު، ފިޔޯރީ އަދި ނިލަންދޫ މަޝްރޫއަކީ ޗައިނާގެ ލޯން ފެސިލިޓީއަކުން ހަދާ ތަންތަނެވެ.