ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ހަތަރެއްގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ، އއ. މަތިވެރިން ޒޯނުގެ ފައިނަލުން ޖާގައަކާއެކު މުބާރާތުގެ ގަދަ 16 ޔަގީން ކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ ފޯރިގަދަ މެޗުތައް ރެހެންދި ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ އިރު، ޒޯން ހަތަރެއްގައި ވާދަކުރަނީ އއ. އަތޮޅުގެ ޗެމްޕިއަން މަތިވެރި އާއި އެ އަތޮޅުގެ ރަނަރަޕް ތޮއްޑޫގެ އިތުރުން ވ. އަތޮޅުގެ ޗެމްޕިއަން ކެޔޮދޫ، އދ. އަތޮޅުގެ ޗެމްޕިއަން މަންދޫ އަދި އދ. އަތޮޅުގެ ރަނަރަޕް މަހިބަދޫއެވެ.

މަތިވެރިން ފުރަތަމަ ކުޅުނު މެޗުތައް ކާމިޔާބުކޮށްފައި އޮވެގެން ރޭ ތިންވަނަ މެޗަކަށް ނުކުތީ ވ. ކެޔޮދޫއާ ދެކޮޅަށެވެ. ރޭގެ މެޗު ކާމިޔާބުކޮށް ކެޔޮދުއަށް އަމިއްލަ ބާރުގައި ފައިނަލަށް ދާން ފުރުސަތެއް ހޯދެން އޮތް އިރު، މަތިވެރިން އެޓީމު ބަލިކުރީ 1-0 އިންނެވެ.

މަތިވެރީގެ ހަމައެކަނި ގޯލު ޖެހީ އަބްދުﷲ ފިޒާން އަބްދުލްގަފޫރު (ފިޒޭ) އެވެ.

މިހާތަނަށް ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ހޯދައި މަތިވެރިން ޒޯން ފައިނަލް ޔަގީން ކުރި އިރު، އެ ގްރޫޕުން ދެން އެންމެ ފުރުސަތު ބޮޑުކޮށް އޮތީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާ މަހިބަދޫއެވެ.

މަހިބަދޫން މިރޭ ކުޅުނު މެޗުގައި 2-1 އިން ތޮއްޑޫ ބަލިކުރި އިރު، މަހިބަދޫގެ ގޯލުތައް ޖެހީ އަހުމަދު ޒިފާން އިބްރާހީމާއި ޝުއައިދު ސައީދެވެ. ތޮއްޑޫގެ ގޯލު، ލިބުނު ހިލޭ ޖެހުމެއްގައި ކާމިޔާބުކޮށްދިނީ އިބްރާހީމް އުޝާމަތެވެ.

ޒޯން ހަތަރެއްގެ ލީގު ބުރުގައި މަހިބަދޫ އާއި މަންދުއަށް، ކޮންމެ ޓީމަކަށް ވެސް ބާކީ ދެމެޗު އޮތް އިރު، ކެޔޮދުއަށް ދެން އޮތީ ތޮއްޑޫއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. ކެޔޮދުއަށް ދެން ފައިނަލުގެ ފުރުސަތު އޮތީ މަހިބަދޫ ދެން ކުޅޭ ދެ މެޗުން ބަލިވެގެންނެވެ.

މަހިބަދޫން ދެން ކުޅޭނީ މަތިވެރީގެ އިތުރުން މަންދޫއާ ދެކޮޅަށެވެ. މަންދުއަށް ބާކީ އޮތް ދެ މެޗުން މޮޅުވެގެން ވެސް ފައިނަލަށް ދާނީ މަހިބަދޫ ބަލިވެއްޖެ ހާލަތެއްގައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، ޒޯން ބުރުގެ ކުޅުން މާދަމާ ރޭ ވެސް ކުރިއަށް ދާނެއެވެ.

މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.