އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ވެސްޓް ހޭމް ބަލިކޮށް، ޗެލްސީން ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ޗެލްސީން ވެސްޓް ހޭމް ކައިރިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

ޗެލްސީއާއެކު ލީގުގެ ގަދަ ހަތަރަކަށް ވާދަކުރަމުންދާ ނިއުކާސަލްއާއި މެންޗެސްޓާ ސިޓީންވެސް މިހަފުތާގައި ކުޅުނު މެޗުތަކުން ބަލިވެފައިވާ އިރު، ޗެލްސީން އޭގެ ފައިދާ ނަގައި ހަތަރު ވަނައަށް ޖެހިލީ 24 މެޗުން 43 ޕޮއިންޓާއެކުގައެވެ. ފަސްވަނައިގައި އޮތް ސިޓީއާއި ހަވަނައިގައި އޮތް ނިއުކާސަލްއަށްވެސް 24 މެޗުން 41 ޕޮއިންޓް ލިބިފައިވާ އިރު، ޗެލްސީގެ ކުރިން ނޮޓިންހަމް ފޮރެސްޓް ތިންވަނައިގައި އޮތީ 24 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ.

ފުރަތަމަ ކޮޅުގައި ޗެލްސީން ރަނގަޅަށް މެޗު ފަށައި، ހަމަލާތައް އުފެއްދި ނަމަވެސް ހާފު ނިމެން ދަނިކޮށް ފުރަތަމަ ގޯލު ޖެހީ ވެސްޓް ހޭމްގެ ޖެރަޑް ބޮވެންއެވެ. ޗެލްސީގެ ފަހަތުން ލެވީ ކޮލްވިލް އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ވެސްޓް ހޭމްއިން ލީޑު ނެގި ނެގި އިރު، ދެވަނަ ހާފުގައި ޗެލްސީން ނަތީޖާ އަނބުރާލީ ބަދަލުތަކުގެ ބޭނުން ކޮށްގެންނެވެ.

ޗެލްސީ ކުރީގެ ކޯޗު ގްރަހަމް ޕޮޓާ، ވެސްޓް ހޭމްގައި އިރުޝާދު ދިން ފުރަތަމަ މެޗުގައި ބައްޔާ ކުރިމަތިވި އިރު، ޗެލްސީގެ ފުރަތަމަ ގޯލު ޖެހީ ބަދަލަކަށް ނުކުތް ޕެޑްރޯ ނެޓޯއެވެ.

އޭގެ އިރުކޮޅެއްފަހުން އަރިމަތިން ކޯލް ޕާމާ ގޯލަށް ފޮނުވާލަން މަސައްކަތްކުރި ބޯޅައެއް، ވެސްޓް ހޭމްގެ ގޯލަށް މަތިމަތިން ވަނީ އެރޮން ވެން-ބިސާކާގެ ފައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.