ކުރީގެ ފިރިމީހާގެ ގަޔަށް ވަޅި ހަރައި މަރާލި ކަމުގެ ކުށް ސާބިތުވެ, އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މަރިޔަމް ނަޒާހާ، ހ. ބައިކަނޑިގޭ, ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވުން މިމަހުގެ 13 ވަނަ ދުވަހަށް ތަވާލުކޮށްފިއެވެ.

އެ މައްސަލައިގައި ނަޒާހާ 25 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2011 ވަނަ އަހަރުއެވެ. އެއީ އޭނާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދު (ޝާޑު)، މއ. އެދުރުގޭ، 2010 ވަނަ އަހަރު މަރާލުމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. ނަޒާހާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ދެހާސް ފަނަރަވަނަ އަހަރު ނަޒާހާ ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައި ކޯޓުން އެ މައްސަލަ ބެލުމަށްފަހު ކަނޑައެޅީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އޭގެ ހަ އަހަރު ފަހުން ނަޒާހާ ވަނީ ހައި ކޯޓުގެ އެ ހުކުމް އިސްތިއުނާފުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ، 21 ސެޕްޓެމްބަރު 2022 ގައެވެ.

އެ ދުވަހުގެ އަޑުއުމުގައި ދައުލަތުން ބުނެފައިވަނީ، ހަސަން ޝާހިދުގެ ބުރަކަށްޓަށް ވަޅީގެ ތިލަ އެއްކޮށް ވައްދާލި ކަމަށް މަރިޔަމް ނަޒާހާ ސާފު ބަހުން ބުނެފައިވާ ކަމަށެވެ.