މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ހުޅުމާލޭގައި ދުއްވާފައި ދިޔަ ކާރެއް، ސައިކަލެއްގައި ޖެހި މީހަކު މަރުވި މައްސަލައިގައި ކާރު ދުއްވަން އިން ޑްރައިވަރުގެ މައްޗަށް ކުރި ދައުވާތަކަށް ޑްރައިވަރު އިންކާރުކޮށްފިއެވެ.

އެ އެކްސިޑެންޓުގައި މަރުވެފައިވަނީ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މަސްއޫދު ރާނާއެވެ. އޭނާ މަރުވެފައިވަނީ އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނާގެ އިތުރުން އެހެން މީހަކު ވެސް ސައިކަލުގައި އިނެވެ. އެއީ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝުވައިބެވެ. އޭނާއަށް ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

އެ މައްސަލައާ ގުޅިގެން ކާރު ދުއްވަން އިން ކ. ކާށިދޫ، ކެތި، މައުސޫމް ހަލީމްގެ މައްޗަށް ތިން ދައުވާއެއް ކުރިއެވެ. އެއީ މީހަކު މަރުވެދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އަދި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ.

މައުސޫމް ހަލީމުގެ މައްޗަށް މީހަކު މަރުވެދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާކުރީ ސިގްނަލް ނުދީ ގޯޅި އެޅި ވަގުތު، ކާރު އޯވަޓޭކް ކުރަން އުޅުނު ސައިކަލް ދުއްވަން އިން މަސްއޫދު ރާނާ ކާރު ދަށުގައި ތާށިވެ، އޭނާގެ ހަށިގަނޑު މަތިން ބާރު ސްޕީޑްގައި ކާރު ފަހަތަށް ޖެހުމުގެ ސަބަބުން މަރުވެފައިވާތީއެވެ.

އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާކުރީ ސައިކަލު ފަހަތުގައި އިން ޝުވައިބް ކާރު ދަށުގައި ތާށިވެ، ހަށިގަނޑު މަތިން ބާރު ސްޕީޑްގައި ކާރު ފަހަތަށް ޖެހުމުގެ ސަބަބުން ބޮޑެތި އަނިޔާތަކެއް ލިބުމުގެ ސަބަބުންނެވެ. އަދި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ މައުސޫމް ހަލީމްގެ މައްޗަށް ކުރީ އޭނާ ދުއްވި ކާރު ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އެހެން ކާރެއްގައި ޖެހި ބޮޑެތި ގެއްލުންތައް ލިބިފައިވާތީއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގައި އަޑުއެހުމުގައި ދައުލަތުން ވަނީ މައުސޫމް ހަލީމުގެ މައްޗަށް ދައުވާތައް އިއްވައިފައެވެ. ދައުލަތުން ދައުވާ އިއްވައި އަދި ސާފުކޮށްދިނުމުން، މައުސޫމް ބުނީ މީހަކު މަރުވެދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއަށް އިންކާރުކުރާ ކަމަށެވެ.

ދައުލަތުން ބުނީ މައުސޫމްގެ މައްޗަށް މީހަކު މަރުވެދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ ކުރުމުގެ އިތުރު ސަބަބަކީ ސިގްނަލް ނުދީ ގޯޅި އެޅުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މައުސޫމްގެ ދިފާއީ ވަކީލު ހަމްޒާ ލަތީފު ވިދާޅުވީ އެކްސިޑެންޓުވި ދެ އުޅަނދު ޖެހިފައިވަނީ މައުސޫމް ސިގްނަލް ނުދީ ގޯޅި އެޅުމުގެ ސަބަބުން ނޫން ކަމަށެވެ. ދެ އުޅަނދު ޖެހުނީ ސައިކަލް ދުއްވި ފަރާތުން ގަވައިދާ ހިލާފަށް އޯވާޓޭކް ކުރަން އުޅުމުގެ ސަބަބުން ކަމަށެވެ.

ހަމްޒާ ވިދާޅުވީ އެކްސިޑެންޓް ވުމުން އޭނާގެ މުވައްކިލު ކާރު ރިވާސްކުރީ މަރުވި މަސްއޫދު ރާނާއަށް އަނިޔާދިނުމުގެ ނިޔަތުގައި ނޫން ކަމަށެވެ. ހަމްޒާ ވިދާޅުވީ، މަސްއޫދު ރާނާގެ އަތް ކާރުގެ ފުރޮޅުގެ ދަށުގައި އޮތްތަން ފެނިގެން ކާރު ފަހަތަށް ރިވާސްކުރީ ކަމަށާއި އެއީ މަސްއޫދު ރާނާގެ ގައިގެމަތިން ކާރު ދުއްވުމުގެ ނިޔަތުގައިކުރި ކަމެއް ނޫން ކަމަށެވެ. އޭރު، އޭނާގެ މުވައްކިލަށް ފެނުނީ ހަމައެކަނި މަސްއޫދު ރާނާގެ އަތް ފުރޮޅުގެ ދަށުގައި އޮތްނަން ކަމަށާއި މުވައްކިލު މަސައްކަތް ކޮށްފައިވަނީ މަސްއޫދު ރާނާގެ ގުނަވަނެއް ސަލާމަތް ކުރުމަށް ކަމަށެވެ.

އިތުރަށް ވިދާޅުވީ އެކްސިޑެންޓު ވުމުން މުވައްކިލު އެތަނުގައި މަޑުކޮށްގެން ހުރި ކަމަށާއި އަދި އަނިޔާ ލިބުނު ފަރާތަށް އެހީތެރިކަން ވެސް ފޯރުކޮށްދިން ކަމަށެވެ.

ދައުލަތުން ކޮށްފައިވާ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއާ ގުޅިގެން ހަމްޒާ ވިދާޅުވީ މި އެކްސިޑެންޓުގައި ގެއްލުންވެފައިވަނީ އެތަނުގައި ޕާކުކޮށްފައި އޮތް ކާރަކަށް ކަމަށެވެ. އެ ކާރުގެ ވެރިފަރާތާއި މުވައްކިލާ ދެމެދު އެއްބަސްވުމެއް ހަދައި، ކާރުގެ މަރާމާތަށް ހިނގި ހަރަދުގެ ދެބައިކުޅަ އެއްބައި ދައްކައި ހަލާސްކޮށްފައިވާ ކަމަށް ހަމްޒާ ވިދާޅުވިއެވެ. ކާރުގެ ވެރިފަރާތުން އެކަމާ ގުޅޭ ސިޓީއެއް މިދިޔަ މަހުގެ 19 ގައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފައިވާނެ ކަމަށެވެ. އެ ސިޓީއާ ގުޅިގެން ދައުވާ މުރާޖާއާ ކުރަމުން އަންނަ ކަމަށް ދައުލަތުން މައުލޫމާތު ދީފައިވާ ކަމަށް ހަމްޒާ ވިދާޅުވިއެވެ. އެހެންކަމުން އެ ދައުވާއަށް ޖަވާބުދާރީވުން ފަސްކޮށްދިނުމަށް ހަމްޒާ އެދުނެވެ.

ދިފާއުގެ އެ ވާހަކަތަކާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އާއިޝަތު ނުޒުހާ ވަނީ ކިހައި ދުވަހެއްގެ ތެރޭގައި ދިފާއުން އެ ފާހަގަކުރާ ކަންކަން ކަށަވަރުކުރެވޭނެތޯ ދައުލަތާ ސުވާލުކުރައްވައިފައެވެ. ޖަވާބުގައި ދައުލަތުން ބުނީ ފަސް ދުވަހުގެ ތެރޭގައި އެކަންކަން ސާފުކުރެވޭނެ ކަމަށެވެ. އެހެންވެ ގާޒީ ވަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއަށް ޖަވާބުދާރީވުން ފަސްކޮށްދީފައެވެ.

މިއަދުގެ ޝަރީއަތް ފައްޓަވަމުން ގާޒީ ވިދާޅުވީ މި މައްސަލައިގައި އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ދިފާއަށް ފޯރުކޮށްދީފައިވާނެ ކަމަށެވެ. އެކަމާ ހެދި ބައެއް އަޑުއެހުންތައް ކެންސަލް ވެސް ކޮށްފައިވާނެ ކަމަށާއި ނަމަވެސް ދިފާއުން އިއުތިރާފުގެ އެއްބަސްވުމެއް ދައުލަތާއެކު ހަދަން ބޭނުން ވާނަމަ އެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެކަމާ ގުޅިގެން ދައުލަތުން ބުނީ ދިފާއުން، އިއުތިރާފުގެ އެއްބަސްވުމެއް ހަދަން ހުށަހަޅައިފިނަމަ ދެވެން ހުރި ލުއިތަކަކީ ކޮބައިތޯ ބަލާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލަމުން ގާޒީ ވިދާޅުވީ ދެން މި މައްސަލައިގައި އަޑުއެހުމެއް އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ކަމަށެވެ.