މިމަހު އެއްވަނަ ދުވަހު ބުރިޖު ހައިވޭގައި މީހަކު މަރުވި އެކްސިޑެންޓާ ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނަކާ ސުވާލުކޮށް، އޭނާގެ ސައިކަލް ފުލުހުން ޓޯކޮށްފިއެވެ.

ފުލުހުން އެ ދުވަހު ބުނެފައިވަނީ އެ ރޭ 8:19 ހާއިރު ހުޅުމާލެއިން މާލެއަށް އަންނަ ލޭންގެ ސޯލާ ޕެނަލްތައް ކައިރީ މަސައްކަތް ކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނިކޮށް 9:05 ހާއިރު މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ.

ނަމަވެސް ފަހުން އާންމުވި އެ އެކްސިޑެންޓުގެ ވީޑިއޯއަކުން ފެންނަނީ ބަންގުލަދޭޝަން އެ ފިރިހެން މީހާ ހައިވޭ މައްޗަށް ވެއްޓިފައި އޮތް ވަގުތު ބާރަށް ދުއްވައިފައިދިޔަ ސައިކަލެއް އޭނާގެ ހަށިގަނޑު މަތިންދާ މަންޒަރެވެ.

އެކަން ފުލުހުން މީޑިއާތަކާ ހިއްސާކޮށްފައެއް ނުވެއެވެ.

ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓާ ގުޅިގެން ސުވާލުކުރި އަންހެން މީހާގެ ލައިސަންސް ވެސް ހިފަހައްޓާފައިވާ ކަމަށެވެ.

"މި އެކްސިޑެންޓާ ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނަކާ ވަނީ ސުވާލުކޮށްފަ. އަދި އޭނާގެ ލައިސަންސް ހިފަހައްޓައި އޭނާ ދުއްވި ސައިކަލް ވަނީ ޓޯ ކޮށްފައި" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް 60 އަހަރުގެ އެ އަންހެން މީހާއަކީ މަރުވި ބިދޭސީ މީހާގެ ހަށިގަނޑު މަތިން ސައިކަލް ދުއްވި މީހާކަން ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.