މާލެ ސަރަހައްދަށް ބަހަން ކަނޑައެޅި ކަދުރު ބަހައި ހުސްވެއްޖެއެވެ.
ރާއްޖޭގެ ރައްޔިތުންނަށް ސައުދީ އަރަބިއާއިން ހަދިޔާކުރި ކަދުރު ބަހަން ހަމަޖެއްސީ މިދިޔަ މަހުގެ 20 އިން މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 1:00 އަށެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިއަހަރުގެ ރަމަޟާން މަހު ރާއްޖޭގެ ރައްޔިތުންނަށް ސައުދީ ސަރުކާރުން ބަހަން ދިން 50 ޓަނުގެ (25،000 ޕެކެޓު) ކަދުރުގެ ތެރެއިން މާލެ ސަރަހައްދަށް ބެހުމަށް ކަނޑައެޅި އަދަދު ބަހައި ހުސްވެފައިވާ ކަމަށެވެ.
"ސައުދީން ފޮނުވި ކަދުރުން މާލެ ސަރަހައްދަށް ބަހަން ކަނޑައެޅި މިންވަރު ބަހައި ނިމިއްޖެ. މިއީ ގިނަ ޒަމާންތަކަކަށްފަހު، ރޯދަމަހުގެ ކުރިން ކަދުރު ބެހި ފުރަތަމަ ފަހަރު،" އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވިއެވެ.
ރޯދަ މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާ ކުރެއެވެ. އެގޮތުން ފާއިތުވި ދެ އަހަރުވެސް ސައުދީން 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ.
ކަދުރު ބަހަން ނިންމީ ކޮންމެ 100 ގެއަކަށް 25 ޕެކެޓު ކަދުރުގެ މަގުންނެވެ. ސިޓީތަކާއި އަތޮޅުގެ ރަށްތަކުގައި ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައިދާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް އެއް ކަދުރު ޕެކެޓެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ގޭބިސީތަކަށް ކަދުރު ބަހާނީ އެ ގޭބިސީއެއްގެ ކަރަންޓު މީޓަރު ނަންބަރަށް ބަލައި އަދި ކަދުރު ބަލައިދާ ފަރާތުގެ އައިޑީ ކާޑަށް ބެލުމަށްފަހު ކަމަށެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލެ ރައްޔިތުންނަށް ކަދުރު ބަހާފައިވަނީ އިސްލާމީ މަރުކަޒުންނެވެ. ރަށްތަކުގައި އަދި ސިޓީތަކުގައި ކަދުރު ބަހާނީ އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލުންނެވެ.
ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން ރޯދަމަހުގެ އިފުތާރު ޕްރޮގްރާމަށް ނުވަތަ ރޯދަ ވީއްލުމުގެ އިންތިޒާމު ހަމަޖައްސައިދޭ ޖަމިއްޔާ ޖަމާއަތްތަކަށްވެސް ކަދުރު ދޭނެއެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިސްލާމިކް މިނިސްޓްރީގައި ނަންނޯޓު ކުރުމަށް ވަނީ ހުލުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު