ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ޒޯން ދޭއްގައި ރ. އިނގިރައިދޫން ކުޅުނު ދެވަނަ މެޗުގައި ށ. ކަނޑިތީމު ބަލިކުރި އިރު، ށ. މިލަންދޫއާއި ނ. މިލަންދޫ އެއްވަރުވެއްޖެއެވެ.

މިއަހަރު މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ އިރު، ޒޯން ބުރުގެ މެޗުތަކުގެ ފޯރިވެސް އަންނަނީ ގަދަވަމުންނެވެ. ޒޯން ދޭއްގެ މެޗުތައް ހޮނިހިރު ދުވަހު ފަށާފައިވާ އިރު، އެ ޒޯނުގައި ވާދަކުރަނީ ށ. އަތޮޅުގެ ޗެމްޕިއަން މިލަންދޫއާއި އެ އަތޮޅުގެ ރަނަރަޕް ކަނޑިތީމުގެ އިތުރުން ރ. އަތޮޅުގެ ޗެމްޕިއަން އިނގުރައިދޫއާއި ރަނަރަޕް ދުވާފަރު އަދި ނ. އަތޮޅުގެ ޗެމްޕިއަން މިލަދޫއެވެ.

އިނގިރައިދޫން ރޭގެ މެޗަށް ނުކުތީ ފުރަތަމަ ކުޅުނު މެޗުގައި މިލަންދޫ ކައިރިން މޮޅުވެފައި އޮވެގެންނެވެ. އެޓީމުން ދެވަނަ މޮޅެއް ހޯދީ ފަސޭހަކާމައެކު 5-2 އިން ކަނޑިތީމު ބަލިކޮށްގެންނެވެ.

އަލީ ހާފިޒު (ހާއްޕެ) ތަފާތު ދައްކައި އެއް ގޯލު ޖެހި އިރު، އަނެއް ގޯލުތަކުގައިވެސް އޭނާގެ ހިއްސާ ބޮޑެވެ. އިނގުރައިދުއަށް ދެން ގޯލުތައް ޖެހީ މުހައްމަދު މަމްދޫހާއި އަލީ ޝާފިއުގެ އިތުރން އަހުމަދު އައިހަމް (އައިހު) އެވެ. މަމްދޫހު މެޗުގައި ދެ ގޯލު ޖެހިއެވެ.

ކަނޑިތީމަށް މެޗުގައި ގޯލު ޖެހީ އަހުމަދު ޒަމީމް އަދި އިސްމާއީލް ނިހާނެވެ.

މިލަދުއާއި މިލަންދޫ ވާދަކުރި މެޗު 1-1 އިން އެއްވަރުވި އިރު، މިލަންދޫން ފުރަތަމަ ލީޑު ނެގީ އިބްރާހީމް ޒާހީ ޖެހި ގޯލުންނެވެ. އެ ގޯލާއެކު މިލަންދޫ ކުރީގައި އޮވެ ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފުގައި އަލީ ފަރީދު ޖެހި ގޯލުން މިލަދޫ ވަނީ ޕޮއިންޓެއް ހޯދައިފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، ޒޯން ބުރުގެ ކުޅުން މިރޭވެސް ކުރިއަށް ދާނެއެވެ.

20:00

ގްރައުންޑް 1: ގދ. ގައްދޫ - ސ. ހިތަދޫ (ޒޯން 7)

21:00

ގްރައުންޑް 1: ތ. ހިރިލަންދޫ - ލ. އިސްދޫ (ޒޯން 6)

ގްރައުންޑް 2: ލ. ގަން - ތ. ތިމަރަފުށި (ޒޯން 6)

22:00

ގްރައުންޑް 1: ގދ. ދެއްވަދޫ - ޏ. ދަނޑިމަގު (ޒޯން 7)

ގްރައުންޑް 2: ގދ. ވާދޫ - ގދ. ވިލިނގިލި (ޒޯން 7)

23:00

ގްރައުންޑް 1: އދ. މަހިބަދޫ - ވ. ކެޔޮދޫ (ޒޯން 4)

ގްރައުންޑް 2: އދ. މަންދޫ - އއ. މަތިވެރި (ޒޯން 4)