ގާނޫނާ ހިލާފަށް ފެނަކައިގެ ވަޒީފާއިން ވަކިކުރި މީހަކަށް އަލުން ވަޒިފާ ދިނުމަށްފަހު ދޭން ޖެހޭ 469،400 ރުފިޔާގެ ތެރެއިން، ނުދީއޮތް 234،294 ރުފިޔާ މިމަހު 26 ގެ ކުރިން ދިނުމަށް ސިވިލްކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ފެނަކައިގައި އަދާކުރަމުންދިޔަ ޓެކްނީޝަންގެ މަގާމުން ތިނެއް ޑިސެމްބަރު 2019 ގައި، ވަކި ކުރުމުން ލ.ގަން ތުނޑި ކުދިރަތްމާގެ މުހައްމަދު ފިރުޝާން ފެނަކައާ ދެކޮޅަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.

ތޭވީސް އޮކްޓޫބަރު 2012 ގައި ހަމަޖެއްސި، ޓެކްނީޝަންގެ މަގާމުން އޭނާ ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅީ، ފެނަކައިގެ މުވައްޒަފުންގެ ގަވައިދާހިލާފަށް އެ މަގާމު އުވާލައިގެން ކަމަށް ބުނެއެވެ.

އެހެންކަމުން ޓްރައިބިއުނަލްގައި އޭނާ އެދުނީ، ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދީ، ވަޒީފާ އަނބުރާ އިއާދަކޮށްދީ ވަޒީފާއަށް އިއާދަކޮށްދޭ ދުވަހާ ހަމައަށް ލިބެން ޖެހޭ އެންމެހާ މުސާރަ އާއި އިނާޔަތްތައް ހޯދުމަށެވެ.

މި މައްސަލައާބެހޭގޮތުން ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، އޭނާ ފެނަކައިގެ ވަޒީފާއިން ވަކިކޮށްފައިވަނީ ރިޑަންޑަންސީގެ ހާލަތުގައި މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގައި ގާއިމުކުރަން ޖެހޭ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމެއްނެތި ކަމަށް ބުރަވެވޭ ކަމަށެވެ.

އެހެންކަމުން އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، ވަޒީފާއިން ވަކި ކުރުމުގެކުރިން އޭނާހުރި ވަޒީފާއަށް ރުޖޫއަ ކުރުމަށާއި، އޭނާއަކީ އެތަނުގެ ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފެއްކަމަށް ނުބެލުމަށްވެސް ވަނީ އަންގައިފައެވެ. އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީހާ ހަމައަށް، ވަޒީފާއިން އޭނާ ވަކިކުރިއިރު އަދާކުރަމުންދިޔަ މަގާމުގެ މުސާރަ އާއި އިނާއަތްތަކަށްވާ ފައިސާ، އެ މައްސަލަ ޓްރައިބިއުނަލުން ނިންމި ތާރީހު ކަމަށްވާ، 21 ފެބްރުއަރީ 2022 ވަނަ ދުވަހުން ފެށިގެން 21 ދުހުގެ ތެރޭގައި ފިރުޝާނަށް އެކީ އެއްފަހަރާ ދިނުމަށްފަހު ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ފެނަކަ ކޯޕަރޭޝަންގެ މައްޗަށް އަމުރުކުރިއެވެ.

އެ އަމުރާ އެއްގޮތަށް ފެނަކައިން ވަޒީފާ ދިން ނަމަވެސް، ދައްކަން ޖެހޭ، 469،400 ރުފިޔާގެ ތެެރެއިން 235،105 ރުފިޔާ ނުދައްކައިގެން، އެ މައްސަލައިގެ، ހުކުމް ތަންޒީނު ކޮށްދިނުމަށް އެދި އޭނާގެ ފަރާތުން ސިވިލްކޯޓަށް މައްސަލަ ހުށަހެޅިއެވެ.

އެ މައްސަލައިގައި ފެނަކައިގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ، ފެނަކައިން ދައްކަން ޖެހޭ 469،400 ރުފިޔާގެ ތެރެއިން ނުދައްކައި އޮތް، 234،294 ރުފިޔާ މިމަހުގެ 26 ގެކުރިން ފިރުޝާނަށް ދީ ހަލާސްކުރުމަށެވެ.