ސްޕެނިޝް ލީގުގައި ރޭ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި އެސްޕަންޔޯލް ކައިރިން ބަލިވެއްޖެއެވެ.

ރެއާލުން ރޭ ރަށުން ބޭރުގައި ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ރެއާލަށް އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގަން ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މިވަގުތު އެޓީމު އެއްވަނައިގައި އޮތް ނަމަވެސް، ފަރަގަކީ އެންމެ ޕޮއިންޓެކެވެ.

ރެއާލަށް މިހާތަނަށް ކުޅުނު 22 މެޗުން 49 ޕޮއިންޓް ލިބިފައިވާ އިރު، އެތުލެޓިކޯ މެޑްރިޑް ދެވަނައިގައި އޮތީ 22 މެޗުން 48 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތީ ޒަމާންވީ ވާދަވެރިޔާ، ބާސެލޯނާއެވެ. އެޓީމަށް 21 މެޗުން ލިބުނީ 42 ޕޮއިންޓެވެ.

ރޭގެ މެޗު ފެށިގެން މާގިނައިރެއް ނުވެ، ރެއާލަށް ލީޑު ނެގުނުހެން ހީވިއެވެ. ވިނީޝިއަސް ޖޫނިއާ އޭރިއާ އަރިމަތިން، ގޯލުގެ މަތީ ކަނަށް ބޯޅައެއް ވައްދާލި ނަމަވެސް، ރެފްރީ ގަބޫލުކުރީ އެއީ ގޯލެއް ނޫން ކަމައެވެ. އެއީ އެ ގޯލަށް ފުރުސަތު ފަހިކުރުމުގެ ތެރޭގައި ކިލިއަން އެމްބާޕޭ ފައުލެއް ކޮށްފައި އޮތުމުންނެވެ.

ދެވަނަ ހާފުގައި ރެއާލްގެ ރޮޑްރީގޯ ފޮނުވާލި ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވެފައިވާ އިރު، ފަހުކޮޅަށް ގޮސް، އެސްޕަންޔޯލުން ދިޔައީ ރެއާލަށް ޕްރެޝަރު ބޮޑުކުރަމުންނެވެ. އެ ޕްރެޝަރު ތެރޭގައި އެސްޕަންޔޯލުން، މެޗުގެ 85 ވަނަ މިނެޓުގައި ގޯލު ޖެހީ ކައުންޓާ ފުރުސަތެއްގައެވެ.

ކައުންޓާގައި އެސްޕަންޔޯލުގެ ގޯލު ޖެހީ ކާލޮސް ރޮމޭރޯއެވެ. އޭގެފަހުން ރެއާލުން އެއްވަރުކުރަން ބުރަކޮށް މަސައްކަތް ކުރިއެވެ. ކީޕަރު ތީބޯ ކޯޓުއާވެސް ކޯނަރެއްގައި ކުރިއަށް އެރި ނަމަވެސް، މެޗު ނިމުނީ އެސްޕަންޔޯލް މޮޅުވެގެންނެވެ.

ބަލިވުމުގެ އިތުރުން ރެއާލަށް ރޭގެ މެޗުގައި އިތުރު މާޔޫސްކަމެއްވެސް ކުރިމަތިވިއެވެ. އެއީ ޖަރުމަނު ޑިފެންޑަރު އެންޓޯނިއޯ ރުޑިގާއަށް އަނިޔާވެ ބާލަން ޖެހުމެވެ. އެ އަނިޔާގެ ތަފުސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.