ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން ވަށަފަރުން ހޯދައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ ކުޅުން ނިމުމަކަށް އައިސްފައިވާ އިރު، މިރޭ ވަނީ އަތޮޅު ފައިނަލްތައް ނިމިފައެވެ. ހއ އަދި ހދ. އަތޮޅުގެ ފައިނަލްތައް މިރޭ އޮތް އިރު، ވަށަފަރުން މިދިޔަ އަހަރުގެ އަތޮޅު ޗެމްޕިއަން ދިއްދޫ ބަލިކުރީ ޕެނަލްޓީގައެވެ. މިރޭގެ މެޗަށް ވަށަފަރުން ނުކުތީ އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އިބްރާހީމް އަތީގު ނުލައެވެ. އެއީ ސަސްޕެންޝަނުގެ ސަބަބުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ވަށަފަރުން މެޗު ކާމިޔާބުކުރީ 6-7 ގެ ނަތީޖާއަކުންނެވެ. މިއީ ވަށަފަރުން އަތޮޅު ތަށި ނެގި ހަތަރުވަނަ ފަހަރެވެ.

މެޗުގެ ކުރީކޮޅުގައި ދިއްދޫގެ މުހައްމަދު ޝަނާއު ނަސީރު ޖެހި ގޯލުން އެޓީމު ލީޑު ނަގައިފައި ވަނިކޮށް ވަށަފަރުން ވަނީ ދެވަނަ ހާފުގައި ފަހަތުން އަރައި މެޗު އަނބުރާލައިފައެވެ. ވަށަފަރުގެ ގޯލުތައް ޖެހީ އަބްދުﷲ ސިނާނާއި އަހުމަދު މަހުތޫމް މުސްތަފާއެވެ.

ވަށަފަރުން މެޗުން މޮޅުވާން ދަނިކޮށް، ފަހުވަގުތު ދިއްދުއަށް އެއްވަރުކޮށް ދިނީ ހައިސަމް ރަޝީދު (ހައި) އެވެ.

އެ ގޯލާއެކު ޕެނަލްޓީއަށް ގޮސް، ދިއްދޫން ހައި ފޮނުވާލި ފުރަތަމަ ޕެނަލްޓީ ވަށަފަރު ކީޕަރު މަހާސިން މުހައްމަދު ވަނީ މަތަކޮށްފައެވެ. އޭގެފަހުން ދިއްދޫގެ އަހްޒަމް ރަޝީދާއި ޝަނާއު، ޒުނާމް މުހައްމަދު ޒުހައިރު އަދި އަލީ އައިހަމް ރަޝީދު ފޮނުވާލި ޕެނަލްޓީތައް ވެއްދި ނަމަވެސް، ވަށަފަރުން ވަނީ ފަސް ޕެނަލްޓީވެސް ކާމިޔާބު ކޮށްފައެވެ.

ވަށަފަރަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ކީޕަރު މަހާސިންގެ އިތުރުން އަބްދުﷲ ސިނާން، މަހްތޫމު، ޝާމް އަބްދުލް ރަހްމާން އަދި އަލީ ޔަޒްދާން ރަޝީދެވެ.

ހއ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވަށަފަރުގެ ކެޕްޓަން އިބްރާހީމް ސަނޫނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ ދެ ފައިނަލެއްގެ އިތުރުން ޒޯން ބުރުގެ ކުޅުން މާދަމާ ރޭ ވެސް ކުރިއަށް ދާނެއެވެ.

މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.