ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ނައިވާދޫން ހޯދައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ ކުޅުން ނިމުމަކަށް އައިސްފައިވާ އިރު، މިރޭ ވަނީ އަތޮޅު ފައިނަލްތައް ނިމިފައެވެ. ހއ އަދި ހދ. އަތޮޅުގެ ފައިނަލްތައް މިރޭ އޮތް އިރު، ނައިވާދޫން އެ ޓީމުގެ ހަތްވަނަ އަތޮޅު ތަށި ހޯދީ ވާދަވެރި ނޭކުރެންދޫ ކައިރިން 3-0 އިން މޮޅުވެގެންނެވެ.

މިހާތަނަށް ނައިވާދޫން ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ތަށި، 2016، 2018، 2019، 2022، 2023ގެ އިތުރުން 2024 އަދި 2025 ވަނަ އަހަރު ވެސް ހޯދައިފައެވެ.

ނައިވާދޫން މިރޭ ކުޅުނު ފައިނަލުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް އެޓީމުން ވަނީ ލީޑު ނަގައިފައެވެ. އެ ގޯލު ޖެހީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. ޝާއްޕެގެ ހިތްގައިމު ގޯލާއެކު ނައިވަދޫ ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލި އިރު، އެޓީމުން ނަތީޖާ ޔަގީންކުރީ ފުލުފުލުގައި އިތުރު ދެ ގޯލު ޖަހައިގެންނެވެ.

އެ ގޯލުތައް ޖެހީ އަހުމަދު ހަމީދު (އަންމަޑޭ) އާއި މުހައްމަދު ޝާއިންއެވެ.

މިއަހަރު އަތޮޅު ބުރުގެ ހދ. އަތޮޅު އެންމެ މޮޅު ކުޅުންތެރިޔަކީ ނައިވާދޫގެ ޝާއްޕެއެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ނައިވާދޫގެ ޝާއިންގެ އިތުރުން މަކުނުދޫގެ ނުހާދު ފައުޒީއެވެ.

ޒޯނުގައި ނައިވާދޫގެ އިތުރުން ނޭކުރެންދޫ ވެސް ވާދަކުރަން ޖެހޭނީ ޒޯން އެކެއްގައެވެ. އެ ޒޯނުގައި ދެން ހިމެނެނީ ހއ. އަތޮޅުގެ ޗެމްޕިއަން ވަށަފަރާއި ރަނަރަޕް ދިއްދޫއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ ދެ ފައިނަލެއްގެ އިތުރުން ޒޯން ބުރުގެ ކުޅުން މާދަމާ ރޭ ވެސް ކުރިއަށް ދާނެއެވެ.

މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.