ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ އެ އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ، ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރެވޭނެހެން ނިންމައި ދިނުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ސުޕްރީމް ކޯޓަށް ގޮވާލައިފިއެވެ.

އެމްޑީޕީން މިރޭ ބޭއްވި "ފުދިއްޖެ، ފުނޑިއްޖެ" ހިނގާލުން ނިންމާލުމުގެ ގޮތުން ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ދިވެހި ރައްޔިތުން ކަސްތޮޅު އަޅުވާފައިވާ ގާނޫނެކެވެ. މިނިވަންކަމެއް އޮތް ކަމަށް ގަބޫލުކުރެވޭ ހަމައެކަނި މުއައްސަސާއަކީ ސުޕްރީމް ކޯޓަށްވާއިރު އެ ކޯޓުން ގާނޫނުއަސާސީ ހިމާޔަތް ކޮށްދިނުމަށް ފައްޔާޒު ގޮވާލެއްވިއެވެ.

"އަޅުގަނޑު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަންނަވާލަން ބޭނުންވޭ ދިވެހި ރައްޔިތުން މިކުރި ޑިމޮކްރަސީގެ ދަތުރަށް ވިސްނަވާ، ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، ގާނޫނުއަސާސީ ހިމާޔަތްކުރުމަށް އެ ބޭފުޅުން ފަސްނުޖެހި، ބިރެއް ނެތި މަސައްކަތް ކުރައްވާށޭ،" ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޑިމްކޮރަސީގެ ހަމަތަކާއި ވޯޓުން ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އައުމަށްފަހު ކުރާ ކަމަކީ ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް ނިގުޅައިގަތުން ކަމަށާއި ގާނޫނުއަސާސީ ބަދަލުކޮށްގެން ކަމަށްވިޔަސް ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް ނިގުޅައި ނުގަނެވޭނެ ގޮތެއް ހޯދަންޖެހޭ ކަމަށެވެ.

"ދިވެހި ރައްޔިތުން ވަރުބަލިވެއްޖެ. ދިވެހި ރައްޔިތުން ހަލާކުވެއްޖެ. ޕީޕީއެމް/ޕީއެންސީގެ މި ފިކުރާ އަބަދުމެ އަޅުގަނޑުމެން މިޖެހެނީ ތަޅަން އަނިޔާވެރިކަމުން ސަލާމަތްވުމަށް. ގާނޫނުއަސާސީން އަޅުގަނޑުމެން ކަށަވަރުކުރަންޖެހޭ މިނޫން ގޮތެއް" ފައްޔާޒު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެމްޑީޕީން ގާނޫނޫއަސާސީ ކަށަވަރުކުރީ ބިރު ފަހަނައަޅައި ނުކުމެގެން ކަމަށާއި އަނެއްކާވެސް އެފަދަ މަސައްކަތެއްކޮށް، ހައްގުތައް ނިގުޅައިގަތުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވަންޖެހޭ ކަމަށެވެ. އަދި ރައްޔިތުން މިރޭ ސާބިތުކޮށް ދިނީ މި ސަރުކާރު ބަދަލުކުރަން މަސައްކަތްތައް ކުރަންޖެހޭކަން ކަމަށާއި އެމްޑީޕީން ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރާނީ މި ސަރުކާރު ބަދަލުކުރަން ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.