ފައިބަރު މަސައްކަތް ކުރާ ތަންތަނަށް މާބަނޑު މީހުނާއި ކުޑަކުދީން ވަނުން މަނާކޮށް "ފައިބަރުގެ މަސައްކަތް ކުރާ ތަންތަނުގައި ހުންނަން ޖެހޭ ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތަކާބެހޭ ގަވައިދު" އާންމުކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިދިޔަ އަންގާރަ ދުވަހު ގެޒެޓުގައި އާންމުކުރި އެ ގަވައިދުގެ މަގުސަދަކީ ފައިބަރު މަސައްކަތްކުރާ ތަންތަނުގައި ސިއްހީ ގޮތުން ރައްކާތެރި މިންގަނޑެއްގެ ކަށަވަރުކޮށް، އެ މަސައްކަތުގައި ބޭނުންކުރާ ނުރައްކާތެރި ކެމިކަލްތަކުން އާންމު ރައްޔިތުންނާއި ތިމާވެށި ސަލާމަތް ކުރުމެވެ. އަދި އެ މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ގަވައިދާ ހިލާފުވާ ފަރާތްތައް ޒިންމާދާރުކޮށް ފިޔަވަޅު އެޅުމެވެ.
ގަވައިދުގައިވާ ގޮތުން ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ރައްކާތެރިކަމުގެ ގޮތުން ސަލާމަތީ ފާހަގަތައް ރަނގަޅަށް ފެންނަ ގޮތަށް ބޯޑުތައް ޖަހައިފައި ހުންނަންވާނެ އެވެ.
"ފައިބަރުގެ މަސައްކަތް ކުރާ ތަންތަނުގައި ހުންނަންޖެހޭ ސިއްހީ ރައްކައުތެރިކަމުގެ މިންގަނޑުތަކާބެހޭ ގަވާއިދު" ގައި ވަނީ ފައިބަރުގެ މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް ހިލާފުވާ ފަރާތްތައް ޒިންމާދާރުކުރުުވައި ފިޔަވަޅު އަޅާނެ ހާލަތްތައް ބަޔާންކޮށްފައެވެ.
އަދި ވަނީ ފައިބަރުގެ މަސައްކަތް މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ގޯތިތަކުގައި ނުވަތަ ބަނދަރު ފަދަ ތަންތަނުގައި ކުރާނަމަ އަމަލުކުރަންޖެހޭ މިންގަނޑު ވެސް ބަޔާންކޮށްފައެވެ.
މީހުން ދިރިއުޅޭ ސަރަހަދެއްގައި ނުވަތަ ގޯތިތަކާއި ބަނދަރުގައި ފައިބަރު މަސައްކަތް ކުރާނަމަ އެޗްޕީއޭގެ، ހެލްތު އެންޑް ސޭޕްޓީ އިންސްޕެކްޝަނަށް ބިނާކޮށް އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް ހުއްދަ ނަގަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ނައްތާލެވޭ ފައިބަރު ޝީޓާއި ފައިބަރު ކުނޑި އާއި ތަނުގައި ބޭނުންކުރާ އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި ކުނި މެނޭޖްކުރުމުގެ ގަވައިދުތަކާ އެއްގޮތަށް ރައްކާތެރިކަމާ އެކު ނައްތާލުމަށް ވެސް ގަވާއިދު ވަނީ ލާޒިމުކޮށްފައެވެ. އެފަދަ ތަކެތި ނައްތާލުމަކީ އެތަނެއްގެ ވެރި ފަރާތެއްގެ ޒިންމާއެއް ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ފައިބަރު މަސައްކަތްކުރާ ތަންތަނުގައި އެތަނެއްގެ މުވައްޒަފުންގެ ސަފުތާހިރުވުމަށް އަތްދޮވުމާއި ފާހާނާކުރުމާއި ފެންވެރުމުގެ އިންތިޒާމު ހަމަޖައްސާފައި ހުންނަންވާނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެތަންތަނުގައި ވެންޓިލޭޝަން ސިސްޓަމު ގާއިމުކޮށްފައި ހުރުމާއި ކެމިކަލް ފަދަ ތަކެތި ރައްކާތެރިކަމާ އެކު ބެހެއްޓޭނެ އިންތިޒާމް ހަމަޖައްސައިފައި ހުންނަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
މިވަގުތު އެ މިންގަނޑުތައް ނެތް ނަމަވެސް ސިއްހީ ރައްކާތެރިކަމުގެ މިންގަނޑަށް ފެއްތުމަށް ހަ މަސް ދުވަހުގެ މުއްދަތެއް "ފައިބަރުގެ މަސައްކަތް ކުރާ ތަންތަނުގައި ހުންނަންޖެހޭ ސިއްހީ ރައްކައުތެރިކަމުގެ މިންގަނޑުތަކާބެހޭ ގަވާއިދު" ދަށުން ވަނީ ދީފައެވެ.
ގަވާއިދުގައިވާ ކަންކަމަށް އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ 2000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އެޗްޕީއޭއަށް ވަނީ ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު