މާފަންނު ސްޓެލްކޯ ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހާގެ ވަނަވަރު ހާމަކޮށްފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ ރޭ ދަންވަރު 2:50 ގައި މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރު ސަބްސްޓޭޝަނަށް ވަދެ، ވައްކަމުގެ އަމަލެއް ހިންގަން އުޅުނު މީހަކު ސީސީޓީވީ ކެމެރާއިން ފެނި، ފުލުހުންނަށް އެންގުމާ ގުޅިގެން އެ މީހާ ހައްޔަރުކުރި ކަމަށެވެ.

ޕޮލިސް މީޑިޔާ އޮފިޝަލު މިއަދު 'ވަން" އަށް ވިދާޅުވީ މާފަންނު މަދަރުސާ ކައިރީ ހުންނަ ސްޓެލްކޯގެ ޓްރާސްފޯމަރު ސަބްސްޓޭޝަނަކަށް ގެއްލުންދީ ވައްކަން ކުރަން އުޅުނު މައްސަލައެއް ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓު ކުރި ކަމަށެވެ.

އެ މައްސަލައާގުޅިގެން ފުލުހުން ހައްޔަރުކުރީ މ. ރޫބީ، ހުސެއިން ނިޔާޒު 36އ. އެވެ. އޭނާ ހައްޔަރު ކުރީ ރޭ 2:50 އެހާއިރު އެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ސްޓެލްކޯއިން ބުނީ، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުން، އެމީހުންގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމެއްކަން ދެނެގަނެ، އެފަދަ އަމަލުތަކުން ދުރުހެލި ވުމަށާއި އަދި ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާ އެފަދަ ވައްކަންތަކުން ހޯދާ ތަކެތި ވިއްކާ އަދި ގަންނަ ފަރާތްތައްވެސް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް އެންގުމަށް އެދޭ ކަމަށެވެ.

މިއީ މިމަހު ސްޓެލްކޯ ޓްރާންސްފޯމަރު ތަކުން ވައްކަން ކުރަން އުޅުނު ތިން ވަނަ ފަހަރެވެ.

މިމަހުގެ 11 ވަނަ ދުވަހުވެސް ވަނީ ހުޅުމާލެ ފޭސް 2ގައި ހުންނަ ދެ ޓްރާންސްފޯމަރަށް ގެއްލުންދީފަ އެވެ. އޭގެ އިތުރުން މިމަހުގެ 15 ވަނަ ދުވަހު ހުޅުމާލެ ފޭސް 2، ރީތިގަސްމަގު ބްރިޖު ކައިރީގައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރަށް ގެއްލުންދީ ވައްކަން ކުރަން އުޅުނު ދެ މީހަކު ހުއްޓުވައި އެ މީހުން ފުލުހުންނާ ހަވާލުކުރއިރު އެކަން ހުއްޓުވަން މަސައްކަތް ކުރި ސްޓެލްކޯ މުވައްޒަފަކަށް ވަނީ ރެންޗަކުން ހަމަލާދީ މާރާމާރީވެސް ހިންގާފައެވެ.

އެ މައްސަލައާ ގުޅިގެން ށ. ބިލެތްފަހި ޗަނބޭލީގެ، އިބްރާހިމް ޒާލިފް 37 އ. މިމަހުގެ 15 ވަނަ ދުވަހުގެރޭ 21:43 ހާއިރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެފަދަ އަމަލުތައް ހިނގަނީ އެ މަސައްކަތް ރަނގަޅަށް ދަންނަ ބައެއްކަން ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވަނީ ފާހަގަކުރައްވައިފައެވެ.