ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ތަށްޓަކީ ރަށުގެ އެންމެންވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި، އެކަން ހަގީގަތަކަށް ހަދައިދެވުމަކީ ބޮޑު އުފުލެއް ކަމަށް ދަރަނބޫދޫގެ ޒުވާން ކެޕްޓަން މުޒްދާން ހަސަން ބުނެފިއެވެ.
ރޭ ކުޅުނު ފ. އަތޮޅު ފައިނަލުގައި ދަރަނބޫދޫން މަގޫދޫ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެއާއެކު ދަރަނބޫދޫން ފުރަތަމަ ފަހަރަށް އެ އަތޮޅުގެ ތަށި ހޯދައި، ވަރަށް ބޮޑަށް އުފާފާޅުކޮށްފައިވެއެވެ. އެޓީމުން ތާރީހީ ފުރަތަމަ ތަށި އުފުލާލި އިރު، ޓީމުގެ ކެޕްޓަނަކީ އުމުރުން 18 އަހަރުގެ މުޒްދާނެވެ.
ރާއްޖޭގެ 20 އަހަރުން ދަށުގެ ޒުވާން ޓީމުގައި މުހިއްމު ރޯލެއް އަދާކުރަމުން އަންނަ މުޒްދާން އެންމެފަހުން ފުޓުބޯޅަ ސީޒަނުގެ ދެވަނަ ޑިވިޝަނުގައި ކްލަބު އީގަލްސްއަށްވެސް މޮޅަށް ކުޅެފައިވާ އިރު، ގޯލްޑް ކަޕްގައިވެސް މުޒަދާންގެ ހުނަރު ފާހަގަކޮށްލެވުނެވެ.
އެ ހުނަރުވެރިކަން މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފ. އަތޮޅު ބުރުންވެސް ފެނިގެން ގޮސްފައިވާ އިރު، ދަރަނބޫދުއަށް ފުރަތަމަ ފަހަރަށް އަތޮޅު ތަށި ހޯދައިދިނުމުގައި މުޒްދާން ވަނީ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައެވެ.
"ވަރަށް އުފާވެއްޖެ. މިދިޔަ އަހަރު ދިޔަގޮތުން އާ އަޒުމަކާއެކު ވަރަށް ކުރިއާލައި ޕްރެކްޓިސް ފަށައިގެން މިކަން މިކުރެވުނީ. ކުޅުންތެރިން އެކުގައި ކުރި ބުރަ މަސައްކަތް މިއީ. ރަށުގެ އެންމެންވެސް ދެކެމުން އައި ހުވަފެނެއް މިއީ. ރަށުގެ ހުރިހާ އެންމެންގެވެސް މަސައްކަތް މީގަ ހިމެނޭ. މެނޭޖްމަންޓާއި ރައްޔިތުން އެންމެން މިކަމުގައި ހިއްސާވޭ،" މުޒްދާން ރޭގެ މެޗަށްފަހު "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
މުޒްދާން ބުނީ ގޯލްޑަންގެ އަތޮޅު ތަށްޓަކީ އޭނާ އަމިއްލައަށްވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި، ކެޕްޓަން ބޭންޑުގައި އެކަން ކުރެވުމަކީ ބޮޑު ފަހުރެއް ކަމަށެވެ.
"އަމިއްލައަށްވެސް މިއީ ވަރަށް ބޮޑު އެޗީވްމަންޓެއް. އެއީ ގޯލްޑަންގެ އަތޮޅު ތަށްޓާ ހަމައަށް އަންނަން ވަރަށް ދުވަސް ވަންދެން މަސައްކަތް ކުރެވުނު. ދެން އެކަން ހާސިލުވީމާ ވަރަށް ބޮޑު ކާމިޔާބީއެއް އެއީ. ހާއްސަކޮށް ހަމަ ކެޕްޓަން ބޭންޑް އަޅައިގެން މިކަން ކާމިޔާބުކުރެވުން މިއީ ވަރަށް ބޮޑު ކުރިއެރުމެއް. މިއީ ހަމަ ހުވަފެނެއް ހަގީގަތަކަށްވުން،" މުޒްދާން ބުންޏެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް