ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ މ. އަތޮޅުގެ ޗެމްޕިއަންކަން އަނެއްކާވެސް ދިއްގަރުން ހޯދައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ ފައިނަލްތައް މިހާރު ކުރިއަށްދާ އިރު، މިރޭ ކުޅުނު މ. އަތޮޅު ފައިނަލުގެ ފުރިހަމަ ވަގުތު ހަމަވި އިރު، މެޗު އޮތީ 1-1 އިން އެއްވަރުވެފައެވެ. އެ ނަތީޖާއާއެކު ޕެނަލްޓީއަށް ގޮސް، ދިއްގަރުން ޗެމްޕިއަންކަން ހޯދީ 5-4 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، މުލަކުން ލީޑު ނެގިއެވެ. މިދިޔަ އަހަރު އަތޮޅު ތަށި ހޯދި މުލަކުގެ ގޯލު ޖަހައިދިނީ ކެޕްޓަން އާދަމް ޝަހީމް (އާނާ)އެވެ. އެ ގޯލާއެކު މުލައް މޮޅުވާން ދަނިކޮށް ފަހު މިނެޓުގައި ދިއްގަރުން އެއްވަރުކުރީ މުހައްމަދު އަލީ ޖެހި ގޯލުންނެވެ.

ޕެނަލްޓީގައި ދިއްގަރުން ވަނީ ހުސައިން ފާރިޝްއާއި އަލީ މާޖިދުގެ އިތުރުން މުހައްމަދު ސާގިބު އަދި ނޫހު މަސްއޫދު ޖެހި ޕެނަލްޓީތައް ކާމިޔާބުކޮށްފައެވެ. އަނެއްކޮޅުން މުލަކަށް ކާމިޔާބުކުރެވުނީ އާނާއާއި އަހުމަދު ތޮލާލް އަދި އަހުމަދު އިބްރާހީމް ޖެހި ޕެނަލްޓީއެވެ. ޕެނަލްޓީގައި ދިއްގަރުގެ ގޯލްކީޕަރު ރަހުމަތުﷲ ސަމީރު ވަނީ މުހިއްމު ސޭވެއް ކޮށްފައެވެ.

މ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ފައިނަލް މެޗުގެވެސް މޮޅު ކުޅުންތެރިޔާ ދިއްގަރުގެ އިބްރާހީމް ރިއްފަތެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ މުލަކުގެ ސުޖުއާން ހުސައިނެވެ.

ދިއްގަރުން ވަނީ މީގެ ކުރިން 2016، 2018 އަދި 2023 ގެވެސް އަތޮޅު ތަށި ނަގައިފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މާދަމާ ރޭވެސް ފޯރިއާއެކު ކުރިއަށްދާނެ އެވެ.

މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.