އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ ހަލީމަތު ލަމްހާ، ގޭ ބަންދަށް ބަދަލު ކުރުމުން، ފުލުހުންނަށް ނާންގައި ކޯޓުތަކަށް ހާޒިރުވާ ކަމަށް ބުނެ، އަލުން އޭނާ ޖަލަށް ބަދަލުކުރަން ދައުލަތުން ކޯޓުގައި އެދެފިއެވެ.
ގިނަ ދުވަސް ތަކަކަށް ޖަލު ބަންދުގައި ބެހެއްޓުމަށްފަހު، މިދިޔަ ނޮވެމްބަރު މަހު ޝަރުތުތަކަކާ އެކު ކުރިމިނަލް ކޯޓުން ވަނީ ލަމްހާ ގޭބަންދަށް ބަދަލު ކޮށްފައެވެ.
ނަމަވެސް ލަމްހާގެ ބަންދު މުރާޖައާ ކުރުމަށް މިއަދު ވަނީ ކުރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވައިފައެވެ. ލަމްހާ އަލުން ޖަލު ބަންދަށް ބަދަލުކުރަން، ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުގެ ވަކީލާ އައިމިނަތު ޝާމާ އެދުނީ މިއަދުގެ އަޑުއެހުމުގައެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ، ޖަލުގައި ހުރިއިރު ގައިދީއަކަށް ބިރު ދެއްކި މައްސަލައެއްގެ ތުހުމަތު ވެސް ލަމްހާގެ މައްޗަށް އެބަ އޮތް ކަމަށާއި އެހެންކަމުން، އޭނާއަކީ ޖަލު ބަންދުގައި ހުންނަން ޖެހޭނެ މީހެއް ކަމަށެވެ. އަދި ލަމްހާ ގޭބަންދަށް ބަދަލުކުރަން ނެރުނު ކޯޓު އަމުރުގައި، ގެއިން ބޭރަށް ދާނަމަ ފުލުހަށް އަންގަން ޖެހޭނެ ކަމަށް ބުނާ ޝަރުތާ ލަމްހާ ހިލާފުވެފައިވާ ކަމަށާއި އެއީ ވެސް ބަންދާ މެދު އަލުން ގޮތެއް ކަނޑައަޅަން ޖެހޭ ކަމެއް ކަމަށް ވަކީލާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިދިޔަ ހޯމަ ދުވަހު ހައި ކޯޓުގައި އޮތް އަޑުއެހުމަށާއި މިއަދު ކުރިމިނަލް ކޯޓަށް ވެސް ލަމްހާ ދިޔައީ ފުލުހުންނަށް އެންގުމެއް ނެތި ކަމަށެވެ.
އެވާހަކަތަކަށް ރައްދު ދެއްވައި، ލަމްހާގެ ދިފާއީ ވަކީލް އަހުމަދު ޔާމީން ވިދާޅުވީ އަމިއްލަ ކަމެއްގައި ލަމްހާ ގެއިން ބޭރަށް ދާން ފުލުހުންގެ ހުއްދައަށް އެދުނު ނަމަވެސް، ކޯޓަށް ދިއުމަށް ފުލުހުންނަށް އަންގާފައި ނުވަނީ ކޯޓަށް ހާޒިރުވުމަކީ ލަމްހާގެ މައްޗަށް އޮތް އަމުރަކަށް ވާތީ ކަމަށެވެ. އެ ހާލަތުގައި ލަމްހާ އިސްވެ ފުލުހުންނަށް އަންގަން ޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ.
ލަމްހާ ގެއިން ބޭރަށް ނުކުތީ ކޯޓަށް ދިޔުމަށް ކަމަށާއި އޭނާ ކޯޓަށް ދިޔައީ މާލެ ވަށައި ދުއްވާފައި ނޫންކަން ވެސް ދިފާއީ ވަކީލް ފާހަގަ ކުރެއްވިއެވެ. އަދި އޭނާއާ އެކު އާއިލާގެ މެންބަރުން ވެސް ކޯޓަށް އައި ކަމަށާއި އެހެންކަމުން ލަމްހާގެ ނިޔަތަށް ބަލަން ޖެހޭނެ ކަމަށް ވަކީލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ލަމްހާ ކޯޓަށް ހާޒިރުވާން ޖެހޭނަމަ، އެކަން ބަލައި އެ އިންތިޒާމް ހަމަޖެއްސުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.
މި މައްސަލައިގައި ދެފަރާތުގެ ވާހަކަތައް އަޑު އެއްސެވުމަށްފަހު، މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ނިންމެވީ ގޭބަންދުގެ އަމުރުގެ ޝަރުތަކާ ލަމްހާ ހިލާފުވެފައިނުވާ ކަމަށެވެ.
އެއީ އެ އަމުރުގައި ލަމްހާ ގެއިން ބޭރަށް ނުކުންނަ ނަމަ، ފުލުހަށް އަންގަންވާނެ ކަމަށް ބަޔާން ކުރާ އިރު، އެހެން ޝަރުތެއްގައި ކޯޓަށް ހާޒިރުވާން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާތީއެވެ. އެކަމުން ލަމްހާ ފުލުހުންނަށް އަންގަން ޖެހޭނީ ކޯޓަށް ހާޒިރުވުން ފިޔަވައި އެހެން ކަންކަމުގައި ގެއިން ބޭރަށް ދާނަމަ ކަމަށް ގާޒީ ވިދާޅުވިއެވެ.
ނަމަވެސް، އެ އަމުރުގެ އިބާރާތް ބަދަލުކުރަން ދައުލަތުން ބޭނުންވޭތޯ ގާޒީ ސުވާލު ކުރެއްވުމުން، ދައުލަތުން އެދުނީ ކޯޓަށް ހާޒިރުވާން ވެސް ފުލުހުންގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ބަދަލު ކުރުމަށެވެ. އެހެންވެ، ގާޒީ ވަނީ އެގޮތަށް އަމުރުގެ އިބާރާތް ބަދަލު ކުރައްވައިފައެވެ.
މޭރީ ގްރޭސްގެ މަރުގެ މައްސަލައާ ގުޅިގެން ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކުރެއެވެ. އެއީ އެނގި ހުރެ މީހަކު މެރުގައި ބައިވެރިވުމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު