ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުالله ހަލީލް ،ސައުދީ އަރަބިއްޔާއަށް ރޭ ފުރާވަޑައިގެންފިއެވެ.

މިނިސްޓަރުގެ މި ދަތުރުފުޅަކީ ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައޫދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ފޮރިން މިނިސްޓްރީން ރޭ ބުނީ ހަލީލްގެ މި ދަތުރުފުޅުގައި ޕްރިންސް ފައިސަލް ފަރްހާންއާ ބައްދަލުކުރައްވައި ރާއްޖެ އާއި ސައުދީއާ ދެމެދު އޮންނަ ޒަމާންވީ، ރަހުމަތްތެރިކަމުގެ ގުޅުން މުސްތަގުބަލުގައި އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާއި އިތުރު ދާއިރާތަކުން ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ އިތުރުން ސައުދީގެ މިނިސްޓާ އޮފް ކޮމާސްއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖޭގައި ސައުދީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެގައުމާ އެކު އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި މުހިންމު ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް އިސްކަންދޭ މިންވަރު މި ދަތުރުފުޅުން ރަމްޒުކޮށްދޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ހަލީލުގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ހަދީޖާ ނަޖީހާ ބައިވެރިވެވަޑައިގަންނަވައެވެ.