އިނގިރައިދޫން އަލުން އަނބުރާ އަތޮޅު ޗެމްޕިއަންކަން ހޯދީ ރޭ ވާދަވެރި ދުވާފަރު ބަލިކޮށްގެންނެވެ. ރ. އަތޮޅުގެ ފައިނަލަށް އެތައް ގޮތަކުން މީހުންގެ ލޯތައް އަމާޒުވެފައި އޮތް އިރު، ފައިނަލުގައި އިނގުރައިދޫ ނުކުތީ ވާދަވެރި ދުވާފަރާ ދެކޮޅަށެވެ.
މީގެ ކުރިން 2023 ވަނަ އަހަރު އަތޮޅު ތަށި ނެގި އިނގުރައިދުއަށް މިދިޔަ އަހަރު ދަށްކޮށް ދިޔަ އިރު، އެފަހަރު ފައިނަލުގައި ދުވާފަރު ކުޅުނީ އަލިފުއްޓާ އެކުގައެވެ. މިފަހަރު ދުވާފަރު ފައިނަލަށް ދިޔައީ އަލިފުށި ބަލިކޮށްގެންނެވެ. އިނގުރައިދޫ ސެމީގައި ކުރިމަތިލީ މަޑުއްވަރިއާއެވެ.
ރޭގެ ފައިނަލުގައި އިނގުރައިދޫން ފަހަތުން އަރައި ދުވާފަރު ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އިނގުރައިދޫން އެނބުރި އަތޮޅު ރަސްކަމަށް ނުކުތް އިރު، އެޓީމުގެ ކެޕްޓަން އައިހަމް އަހުމަދު (އައިހު) އަކީ އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އޭނާގެ ނަޒަރުގައި ޓީމު ކުރި ބުރަ މަސައްތުން ހޯދުނު ކާމިޔާބީގައި އެންމެ ބޮޑު ތަފާތަކީ އަލީ ހާފިޒް (ހާއްޕެ) އަނބުރާ ޓީމު ލީޑު ކުރަން ނުކުތުމެވެ.
ހާއްޕެއަށް ލިބުނު ބޮޑު އަނިޔާއެއްގެ ސަބަބުން ސާޖަރީ ފުރިހަމަކުރަން ޖެހިފައި އޮތުމުން މިދިޔަ އަހަރުގެ ގޯލްޑަންގައި އޭނާ ނުކުޅެއެވެ. އޭނާ ނެތްތައް ޓީމުން ދައްކާފައި ވެސް ވެއެވެ. އައިހަމް ބުނީ ހާއްޕެ އެނބުރި އައުމަކީ 200 ޕަސެންޓް، އިތުރަށް ޓީމު ވަރުގަދަވި ސަބަބެއް ކަމަށެވެ.
"ހާއްޕެއާ ދޭތެރޭ ބުނާނެ އެއްޗެއް ނޯންނާނެ. އޭނާއަކީ ރާއްޖޭގެ ފުޓްސަލް ކިންގް. އޭނާ ޓީމަށް ނުކުތުމުން 200 ޕަސެންޓް ވަރުގަދަވޭ. އަދި ދެން ތިބި ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. އެހެންވީމަ އެއީ ޓީމަށް ވަރަށް މުހިއްމު ކަމެއް،" އައިހު ރޭގެ މެޗަށްފަހު ބުންޏެވެ.
އަލުން އަނބުރާ ހޯދި ތަށްޓާއެކު އައިހު ބުނީ ޓީމުން ކުރީ ބުރަ މަސައްކަތެއް ކަމަށާއި ދުވާފަރަކީ ވަރުގަދަ ޓީމެއް ކަމުން، އެ ޓީމު ބަލިކޮށް ތަށި ނެގުމަކީ ބޮޑު އުފަލެއް ކަމަށެވެ.
"އަލްހަމްދު ﷲ. މިހަމަ ވަރަށް ބުރަ މަސައްކަތް. ކުޅުންތެރިންގެ ބުރަ މަސައްކަތް. ވަރަށް ދަށްކޮށް އޮވެފައި ޓީމު މި ހިއްލާލީ. އެހެންވީމަ މިއީ ވަރަށް އުފާވެރި ދުވަހެއް. އެންމެންވެސް ހަމަ މި ކަމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރި. ހަގީގަތަކީ ދުވާފަރަކީ ޗެމްޕިއަން، އަބަދުވެސް އެ އިހުތިރާމް ދޭނަން. އެއީ ވަރަށް މޮޅު ޓީމެއް. އެހެންވީމަ އެޓީމު ބަލިކޮށް ތަށި ނެގުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް،" އައިހު ބުންޏެވެ.
އައިހު އިތުރަށް ބުނީ ބައެއް ކުޅުންތެރިން އަނިޔާގައި އެބަތިބި ކަމަށާއި ޒޯން ބުރަށް ދާއިރު، އެ ކުޅުންތެރިންގެ ރިކަވަރީ ރަނގަޅަށް ޖައްސައި ރަނގަޅު ތަމްރީނުތަކެއް ފުރިހަމަ ކުރަން ބޭނުންވާ ކަމަށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް