ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ތަށި ހޯދުމަކީ މުޅި މިލަދުއަށް ވެސް ލިބުނު ހާއްސަ ފަހުރެއް ކަމަށާއި މިހާރު އޮތް ޓީމަށް އިތުރު ކުޅުންތެރިން ގެނެސް، ޒޯނަށް ޓީމު ވަރުގަދަ ކުރާނެ ކަމަށް މިލަދޫ ޓީމްގެ ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު ނަވީދު ބުނެފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އެންމެ ފޯރިގަދަ ހިސާބަށް މެޗުތައް ގޮސްފައިވާ އިރު، މިރޭ ވަނީ ހަތަރު ފައިނަލެއް ކުޅެފައެވެ. ނ. އަތޮޅު ފައިނަލުގައި ހޮޅުދޫ އާއި މިލަދޫ ވާދަކުރި އިރު، މިލަދޫން ފައިނަލުން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މިލަދޫ އާއި ހޮޅުދޫން ވެސް މުޅިން އަލަށް އަތޮޅު ފައިނަލަށް ނުކުތް އިރު، މިލަދޫން ހޯދި ތާރީހީ ތަށްޓާއެކު އެޓީމުން ވަނީ ވަރަށް ބޮޑަށް އުފާފާޅު ކޮށްފައެވެ. ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ނަވީދުގެ ނަޒަރުގައި ތަށްޓަކީ މުޅި މިލަދުއަށް ވެސް ބޮޑު އުފަލަކަށްވާނެއެވެ.

"ވަރަށް އުފާވޭ، ވަރަށް ވަރަށް އުފާވެފައި މިހުރީ. މިއީ މިލަދޫގެ ހުރިހާ ރައްޔިތުންނާއި ހުރިހާ ކުޅުންތެރިން ކުރި ބުރަ މަސައްކަތް. އިރާދަކުރެއްވިއްޖެއްޔާ މި ތަށި ހޯދިފައި މިއޮތީ،" ނަވީދު ރޭ ފައިނަލް މެޗަށްފަހު ބުންޏެވެ.

"މިއީ އަނެއްހެން ބުނާނަމަ 2017 ވަނަ އަހަރު ޝިޔާމް މައުރޫފް ސޮކާ ކަޕް އަޅުގަނޑުމެން ކާމިޔާބު ކުރި ފަހުން ހޯދުނު އެންމެ ބޮޑު ކާމިޔާބީ. ޒޯން ބުރަށް އިރާދަކުރެއްވިއްޔާ ތަފާތު ކުޅުންތެރިންތަކަކާ އެކު ފެންނާނީ. އެހެންވީމަ އެ ބުރަށް ގޮސް ޒޯންވެސް ކާމިޔާބުކުރަން ވިސްނައިގެން ނުކުންނާނީ،" ނަވީދު އިތުރަށް ބުންޏެވެ.

ނ. އަތޮޅުގެ ޗެމްޕިއަން ވާދަކުރާނީ ޒޯން ދޭއްގައެވެ. އެ ޒޯނުގައި ދެން ވާދަކުރާނީ ރ. އަތޮޅުގެ ޗެމްޕިއަން އިނގުރައިދޫ އާއި ރަނަރަޕް ދުވާފަރު އަދި ބ. އަތޮޅުގެ ޗެމްޕިއަނުންނެވެ.