ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ގއ. އަތޮޅުގެ ޗެމްޕިއަންކަން ދެއްވަދުއަށް ލިބުމަކީ ރަށަށް ބޮޑު އުފަލެއް ކަމަށާއި، އެއީ ރައްޔިތުން ފަހުރުވެރިވާނެ ކާމިޔާބީއެއް ކަމަށް އުންމީދުކުރާ ކަމަށް ކެޕްޓަން އަހްނަފް ރަޝީދު (އަހުއްކޮ) ބުނެފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އެންމެ ފޯރިގަދަ ހިސާބަށް މެޗުތައް ގޮސްފައިވާ އިރު، ރޭ ކުޅުނު ގއ. އަތޮޅު ފައިނަލުގައި ދެއްވަދޫން ވިލިނގިލި ބަލިކުރީ 9-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ދެއްވަދޫން އަތޮޅު ތަށި އުފުލާލި ފުރަތަމަ ފަހަރެވެ.

ދެއްވަދޫން ވަރުގަދަ ސްކޮޑަކާއެކު ނުކުމެ އަތޮޅު ތަށި ހޯދި އިރު، އެޓީމުގެ އެންމެ މުހިންމު ދައުރެއް އަދާކުރީ ކެޕްޓަން އަހުއްކޮއެވެ. ގއ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އަހުއްކޮއެވެ.

"އަލްހަމްދުﷲ، ވަަރަށް އުފާވޭ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ތަށި އަލަށް ދެއްވަދުއަށް ހޯދައިދެވުނީތީ. އުންމީދުކުރަނީ ހުރިހާ ސަޕޯޓަރުންނަށްވެސް މި ތަށި ހާއްސަވާނެ ކަމަށް. އަދި އުފާކުރާނެ ކަމަށްވެސް އުންމީދުކުރަން،" އަހުއްކޮ ރޭގެ މެޗަށްފަހު ބުންޏެވެ.

އަހުއްކޮ އިތުރަށް ބުނީ މިދިޔަ މަސް ދުވަސްތެރޭގައި ޓީމުން ބުރަކޮށް މަސައްކަތް ކުރި ކަމަށާއި، ކާމިޔާބު ހޯދުނީ ކޯޗު އަބްދުﷲ ހަނީފް (ބެންޖޯ) އާއެކު ޓީމުގެ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އަދި އަތޮޅު ތަށްޓާއެކު ދެން ވިސްނުން ހުރީ ޒޯން ބުރަށް ކަމަށެވެ. އަދި ޒޯން ބުރަށް ދެއްވަދޫ ނުކުންނާނީ ވަރުގަދަކޮށް ކަމަށްވެސް އޭނާ ބުންޏެވެ.

ޒޯން ބުރުގައި ދެއްވަދޫ ވާދަކުރާނީ ޒޯން ހަތެއްގައެވެ. ޒޯން ހަތެއްގައި ހިމެނެނީ، ގއ. އަތޮޅުގެ ޗެމްޕިއަން ދެއްވަދޫއާއި ރަނަރަޕް ވިލިނގިލީގެ އިތުރުން ގދ. އަތޮޅު ފައިނަލުގައި ކުޅޭ ވާދުއާއި ގައްދޫގެ އިތުރުން، ޏ. ފުވައްމުލަކު ދަނޑިމަގު އަދި އައްޑޫގެ ފައިނަލަށް ދިޔަ ހިތަދޫ އާއި ފޭދޫއެވެ.