ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ތަށްޓަކީ ވާދަވެރިކަން އިންތިހާއަށް ބޮޑުވަމުން އަންނަ ތަށްޓެކެވެ. އެ ތަށީގެ ވާދަވެރިކަން އިތުރުވަމުން އަންނަކަން ދައްކުވައިދޭ އެއް ހެއްކަކީ އާ ޗެޕިއަނުން ތަށި އުފުލާލުމެވެ. އދ. އަތޮޅުގެ ތަށިވެސް މިދިޔަ ތިން އަހަރު އުފުލާލީ ވަރުގަދަ މަހިބަދޫ ނަމަވެސް، މަންދޫން މަހިބަދޫ ކައިރިން ކުރިއަށް އަރައިފިއެވެ. މަހިބަދޫއަށް ފުރިހަމަ އިހުތިރާމު ދޭ ހާލަތުގައިވެސް، ރޭ މަންދޫން ހޯދީ ރަށުގެ، އަތޮޅުގެ ތާރީހީ ކާމިޔާބީއެކެވެ.
ރޭގެ ފޯރިގަދަ ފައިނަލުގައި މަންދޫން މަހިބަދޫ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މަހިބަދޫ ބަލިކުރި ގޯލު ޖަހައިދިނީ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހީމް އިމްރާން (އިއްމި)އެވެ.
"މިއީ ވަރަށް ބުރަ މަސައްކަތެއް. މިދިޔަ އަހަރުން ފެށިގެންވެސް އުންމީދުގަ މިއަހަރު ނުކުތީ. މިދިޔަ އަހަރު އަލަށް މުބާރާތަށް ނުކުމެ، ސެމީ ފައިނަލުގަ ބަލިވީ. އަނެއްކާ ގްރޫޕް ސްޓޭޖުގަ މަހިބަދޫ އަތުން ބަލިވެފަ އޮތުމާއެކު މިއަދު ނުކުތްއިރުވެސް އުނދަގޫވާނެކަން އެނގޭ. އެއީ އަތޮޅުގެ ޗެމްޕިއަން، އަބަދުވެސް ޗެމްޕިއަން. ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއަދު މިވީ ޗެމްޕިއަނުންނަށް،" މެޗަށްފަހު އިންމި ބުންޏެވެ.
ފައިނަލުގައި އިންމި ޖެހި ހާއްސަ ގޯލާއެކު އޭނާ ބުނީ، ރަށަށް ހޯދައިދެވުނު ކާމިޔާބީއަކީ، ކިހާ ބޮޑު ކާމިޔާބީއެއްކަން "ބުނެދޭންވެސް" ނޭނގޭ ކަމަށެވެ. ކާމިޔާބީގެ ހާއްސަކަން ކިޔައިދޭނެ ގޮތެއް ނުވެސް އެނގޭ ކަމަށް އޭނާ ބުންޏެވެ.
"މި އިހުސާސް ބުނެދޭންވެސް ނޭނގެ. ރަށަށް މިއީ ހިސްޓޮރިކް ކާމިޔާބީއެއް. އެންމެފަހުން މަހިބަދޫ ކައިރީ ކުޅިވަރަކުން މޮޅުވެފަ އޮތީ 2004 ހިސާބުގަ ކަމަށް ބޮޑަށް ބެލެވެނީ. އޭގެފަހުން މަހިބަދޫ އަތުން މޮޅެއް ނުވެވޭ. މިއީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް. އަދި ވަރަށް ބޮޑު ކުރިއެރުމެއް،" އިންމި އުފަލުން ހުރެ ބުންޏެވެ.
ފައިނަލަށްފަހު މަންދޫ ކުޅުންތެރިންނާއި ސަޕޯޓަރުންގެ އުފާފާޅުކުރުމޔގެ މަންޒަރުތަކުން ތަށީގެ ހާއްސަކަން ސާފެވެ. މަންދޫން މުޅިން އަލަށް އަތޮޅުގެ ރަސްކަމަށް ކުރި ދަތުރަކީ އެތައް ރައްޔިތުންނެއްގެ އުންމީދު ކަމަށް ސަޕޯޓަރުން ދިޔައީ ކެނޑިނޭޅި ބުނަމުންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް